ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން މިހާރު ވިއްދަނީ މުޅި ރާއްޖެ އެކުގައި އުފުލާލަދޭނެ އިޤްތިޞާދީ ދުންކަރާސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
އެ ދުންކަރާސްތަކުގެ ބުޑު ބަހައްޓާނެ ބިން އައްޑޫ ސިޓީގައި މިހާރު ދަނީ ސަރާސަރުވެ ފެތުރެމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އައްޑޫ ސިޓީއަށް ބިން އިތުރު ކުރުމުގެ މަޝްރޫޢު ފެށުމަށް އެ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އެކުގައި ތަރައްޤީނުވެ، ދިވެހިން ބޭނުންވާ މަންޒިލެއް ނުހިފޭނެ ކަމަށެވެ. އަދި ހަމަހަމަ، އުފާވެރި، ތަނަވަސް ޖަޒީރާ ދިރިއުޅުމެއް ވެސް އެހެން ނޫނީ ދިވެހިންނަކަށް ނުލިބޭނޭ ކަމަށާއި، ރާއްޖޭގެ ދެކުނުގެ ކުރިއެރުމާއި ތަރައްޤީގެ މުގޫލައިގަންނަންޖެހޭ އެންމެ ވަރުގަދަ އެއްތަނަކީ އައްޑޫ ސިޓީ. ކަމަށް ރައީސް ވިދާޅުވިއެވެ.
މި ފަސް އަހަރުތެރޭ މި ކުރެވުނު މަސައްކަތާއި، ކުރަންހުރި ކަންކަމުގެ މައްޗަށް ފެންނަ ނަތީޖާއެއްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއީ، ރާއްޖޭގެ ޙާލަތު، ވަރުހުރި އިޤްތިޞާދެއްގެ މައްޗަށް ބިނާކުރެވޭނެ ކަމުގެ އުންމީދު ބޮޑުކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2028 ނިމޭއިރު، ރާއްޖޭގެ އިޤްތިޞާދު، ދެގުނަ ވެގެންދާ ދިޔުމަކީ، ކުރު މުއްދަތަކުން ގެނެވޭނެ އެންމެބޮޑު އެއް ބަދަލު ކަމަށެވެ. މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާއެވެ. މީގެ ފަސް އަހަރު ފަހުން، ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނޭ ކަމުގެ އުންމީދީ ޚަބަރުވެސް ރައީސް މިއަދު ދެއްވިއެވެ. އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.