އައްޑޫ ސިޓީގެ ފޭދޫ އާއި ހިތަދޫގައި ގާއިމުކުރި ޓޫރިޒަމް ދެ ޒޯން ރަސްމީކޮށް އިއްޔެ އިފްތިތާހްކޮށްފިއެވެ.

މި ޒޯންތައް އިފްތިތާހުކޮށް ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އައްޑޫގެ މޭޔަރު އަލީ ނިޒާރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވީ މުރަލީދަރަންގެ އިތުރުން އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއެވެ.

އިއްޔެ ހަވީރު އިފުތިތާހުކޮށް ދެއްވީ ހިތަދޫ ފަޅޯދަޑިފައްނު ޓޫރިޒަމް ޒޯނާއި ފޭދޫ ދިގިހެރަ ޓޫރިޒަމް ޒޯނެވެ.

މީގެ އިތުރުން މި ޒޯންތަކާ އެކު އައްޑޫ ސިޓީ އަށް އިގްތިސާދީ އާރޯކަމާއި ހަލުވި ތަރައްގީ ގެނެވި އައްޑޫ ރައްޔިތުން ދެކޭ ހުވަފެން ހަގީގަތަކަށް ވެގެންދާނެ ކަން ޔަގީން ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަދި އައްޑޫ ސިޓީގެ ޖުމްލަ ފަސް އީކޯ( ފޭދޫ، މީދޫ، ހިތަދޫ، ހުޅުދޫ އަދި މަރަދޫ) ޓޫރިޒަމް ޒޯން ގާއިމު ކުރުމަށް 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ މި މަޝްރޫއަށް 2.49 މިލިއަން ޑޮލަރު ހޭދަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ސަރުކާރުން ވަނީ ފަތުރުވެރިކަމަށް ޚާއްސަ 7000 އެނދާއެކު އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންތައް ތަރައްގީކުރުމަށް ނިންމައިފައެވެ.