އިއްޔެ ހަވީރު 'އާންމުންގެ ޖަމިއްޔާގެ؛ 'ނަރިޝް ޓުގެދާރ' ނުވަތަ "އެންމެން އެކުގައި ކައިގެން" ޕްރޮޖެކްޓުގެ ދަށުން ހިޔާ ސަރަހައްދުގައި ކާބޯތަކެތި ބަހައިފިއެވެ. މިއީ އެސްޓީއޯގެ އެހީއާއިއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ޖުމްލަ 833 މީހުންނަށް 2.5 ޓަނުގެ ކާބޯތަކެތި މި ހަރަކާތުގައި ބަހާފައިވާ ކަމަށް އާންމުންގެ ޖަމްއިއްޔާއިން ކުރި ޓްވީޓެއްގައި ބުނެފައެވެ. މީގެ ތެރޭގައި ހިމެނެނީ 750 ކިލޯ ފުށާއި، 850 ކިލޯ ހަކުރާއި، 900 ކިލޯ ހަނޑުލެވެ.

މި ހަރަކާތުގައި އެހީތެރިވުމަށް އެސްޓީއޯއިން ވަނީ 45 ބަސްތާގެ ކާބޯތަކެތީގެ ތެރޭގައި ހަނޑޫ، ހަކުރު އަދި ފުށް، ކޮންމެ ބާވަތަކުން 15 ބަސްތާ ފޯރުކޮށްދީފައި ކަމަށްވެސް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

ހިޔާ ފްލެޓު ތަކަށް މީހުން ބަދަލު ވީއްސުރެ ވެސް އާންމުންގެ ޖަމިއްޔާއިން، ސަރަހައްދުގައި އުޅޭ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކާބޯތަކެތި ފޯރުކޮށް ދިނުމުގެ ކަންތައް ކުރާކަން އެ ޖަމްއިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް އެކަން ކުރިއަށް ގެންދެވުނީ ވަރަށް ކުޑަ ސްކޭލް އެއްގައި ކަމަށް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

"މީގެ ކުރިން ވަރަށް ކުޑަ ސްކޭލް އެއްގައި ވަރަށް މަދު ބަޔަކަށް އެހީ ވެވުނީ، އެހެނަސް ފާއިތުވި މަސްތަކުގައި ބޮޑު ކުރަމުންގޮސް މިއަދު މި ދެވުނީ މުޅިން އެހެން ހަރުފަތަކަށް، މި ސްކޭލްގައި މިކަން ކުރެވުނީ އެސްޓީއޯގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު."

މި ހަރަކާތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެޗް 4 ގެ އެޑްމިން އަދި ހަރަކާތުގެ އިސްބޭފުޅެއް ކަމަށްވާ މައުމޫނު އަލީ(މާނު) ވިދާޅުވީ މިހާ ގިނަ އަދަދެއްގެ ބަޔަކަށް، އެހާ ކުޑަ ވަގުތުކޮޅެއްގައި، މާބޮޑު މައްސަލަ ތަކެއް ދިމާނުވެ އަމާންކޮށް ހަރަކާތް ކުރިއަށް ގެންދެވުނީ ހުރިހާ ޓަވަރުތަކުގެ އެޑްމިންސް ގެ އެހީތެރިކަމާއި އެއްބާރު ލުމާއި އެކުގައި ކަމަށެވެ. އަދި ކާބޯތަކެތި ބަހަން ކޮތަޅު ފޯރު ކޮށްދިން ޑެލްކޯ މޯލްޑިވްސް ކޮމްޕެނީ އާއި އެއްޗެހި ކޮތަޅަށް އަޅާ ބަންދުކޮށް ބެހުމުގައި މަދަދުވެރިވި ވައިޓް ސްޓާރ ކުންފުނި އަދި ހުޅުމާލެ 3 އެސް ފިހާރަޔަށް މާނު ވަނީ ޝުކުރު އަދާ ކޮށްފައެވެ.

އާންމުންގެ ޖަމްއިއްޔާއިން އިތުރަށް ބުނެފައިވަނީ މިހަރަކާތަކީ ދެމެހެއްޓެނިވި ގޮތަކަށް ކޮންމެ މަހެއްގައިވެސް ކުރިއަށް ގެންދެވޭނެ ހަރަކާތަކަށް ހެދުމަށް އެ ޖަމްއިއްޔާއިން އަންނަނީ މަސައްކަތް ކުރަމުން ރޭވުންތައް ރާވަމުން ކަމަށެވެ.