ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ސިޓީގެ ހިތަދޫ އެމްޑީޕީ މައި ހަރުގެ މިއަދު ހުޅުއްވައި ދެއްވައިފިއެވެ.
ހިތަދޫ އެމްޑީޕީ މައި ހަރުގެ ހުޅުވުމަށް ބޭއްވުނު ޖަލްސާއަށް އައްޑޫ ސިޓީގެ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންގެ އިތުރުން އެމަނިކުފާނާއިއެކު އައްޑޫއަށް ދަތުރު ކުރެއްވި ބައެއް އޮފިޝަލުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އަންނަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދިނުމަށް އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދިފައެވެ.
މިއަދު އައްޑޫ ސިޓީގެ ހިތަދޫގެ އެމްޑީޕީ މައި ހަރުގެ ހުޅުވާފައިވާއިރު، ރައީސް ޞާލިޙް ވަނީ ރޭ އެސިޓީގެ ފޭދޫގައި ހުންނަ އެމްޑީޕީގެ ހަރުގެ ހުޅުވާ ދެއްވާފައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާޙު ކުރުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
މިގޮތުން އިއްޔެ އެމަނިކުފާނު ވަނީ ، 1.5 ބިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކުރިޔަށް ގެންދާ 194 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާޙު ކޮށްދެއްވާފައެވެ.އަދި އައްޑޫގައި 11 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސް ޞާލިޙް ވަނީ އައްޑޫގައި ކުރިޔަށްދާ މަގުހެދުމުގެ މަޝްރޫޢު ކުރިޔަށްދާގޮތް ބައްލަވާލައްވާ، އައްޑޫ ސިޓީގެ ރައްޔިތުންނާވެސް ބައްދަލު ކުރައްވާފައި ވެއެވެ.