ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ، ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން(އެސްޓީއޯ) ހިދުމަތުގެ 58 ވަނަ އަހަރު ކުރިއަށް ދާއިރު އިތުރު ހަރުފަތްތައް ގިރާކޮށް، ރައްޔިތުންނަށް މުހިންމުވާ، ގައުމަށް ފައިދާ ކުރާނެ އިތުރު ދޮރުތައް ހުޅުވުމަށް އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އަހަރުތަކެއް ކުރިން އެސްޓީއޯ އަކީ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އަތިރީ މާފަންނު ޓްރޭޑިންގ އެކައުންޓް (އޭޓީއޭ) ގެ ގޮތުގައި 20 ޑިސެމްބަރ 1964 ގައި އުފެދި، 9 ޖޫން 1979 ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ނަމަށް ބަދަލުކުރި ކުންފުންޏެކެވެ. އަދި މިއަދު އެކުންފުނިން ދަނީ، ވިޔަފާރީގެ ދާއިރާގެ ތެރެއިން ގައުމާއި ރައްޔިތުންގެ ލާބައާއި މަންފާ އެކަމެއްގައި ހިމެނޭ ކަމެއް ނަމަ އެހިދުމަތެއް ތައާރަފްކޮށް ފޯރުކޮށްދެމުންނެވެ. ކުޑަފެށުމަކުން ފެށި އެވިޔަފާރިއަކީ އަދު ގައުމުގެ ރައްްޔިތުން ބޭނުންވާ ހުރިހާ ދާއިރާއަކުން ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެކެވެ.

ރައްޔިތުންނަށް އެންމެ މުހިންމުވީ ދަނޑިވަޅުގައި އަބަދުވެސް އެންމެ ކުރިން އެހީއަށް ނުކުންނަނީ އެސްޓީއޯއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ތަރައްގީއާއި ތަހުޒީބުގެ ހަލުވި ދުވެއްޔާ އެއްހަމައެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް އިސްކަން ދޭ އެސްޓީއޯއިން ވަނީ ރާއްޖެއަށް އައި ކޮވިޑްގެ އިންގިލާބާއެކު މެދުކެނޑުނު އޮންލައިން ވިޔަފާރީގެ ހިދުމަތްވެސް، ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި 2020ވަނަ އަހަރުގެ އޭޕްރީލް މަހުހެ 16ވަނަ ދުވަހު ފަށާފައެވެ.

މިއަދު މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުންނަށް ނުހަނު ފަސޭހަ ކަމާއެކު އެސްޓީއޯއިން ލިބެން ހުރި މުދާ ބެލުމަށްފަހު އޯޑަރު ދެވޭނެއެވެ. އަދި އެސްޓީއޯއިން ކަސްޓަމަރުގެ ގޭގެ ދޮރާށްޓާ ހަމައަށް އެއޯޑަރު ކުރި މުދާ ފޯރުކޮށްދޭނެއެވެ. އެސްޓީއޯއިން ކޮންމެ ހިދުމަތެއްވެސް ފޯރުކޮށްދެނީ ރައްޔިތުމީހާއަށް އެންމެ ބޭނުން ޖެހިފައިވާ ވަގުތުގެ އެހީތެރިކަމެެއްގެ ގޮތުގައެވެ.

ދާދި ފަހުން ނިމިގެން ދިޔަ ރަމަޟާން މަހު ރާއްޖޭގެ ރައްޔިތުންނަށް އެސްޓީއޯއިން ވެދިން ދީލަތި އެހީތަކަކީވެސް އެކުންފުނިން ރައްޔިތުންނާ ދެމެދު އޮންނަ ގާތްކަމާއި ބަހައްޓާ މުހިންމުކަން ހާމަވެގެންދިޔަ ކަމެކެވެ. އަދި ކޮންމެ މަހަކު އެއްފަހަރު އެސްޓީއޯއިން އެމަހުގައި ރާއްޖޭގެ ހޮސްޕިޓަލުތަކަށް އުފަންވާ ކުދިންނަށް ހަދިޔާ ކުރާ ގިފްޓްޕެކަކީވެސް ސަމާލުކަން ނުދީ ދޫކޮށްލެވޭ ވަރުގެ ހިދުމަތެއް ނޫނެވެ. ކޮންމެ މަަހަކުވެސް ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކަށް ވިހާ ކުދިންގެ ޗާޓެއް ކުރެހި އެކުދިންނަށް ހަދިޔާ ދެވެއެވެ. މީގެއިން ރާއްޖެއަށް ކުދިން އުފަންވާ އަދަދު ދެނެގަންނަންވެސް ނުހަނު ބޮޑު އެހީތެރިކަމެއް ލިބެއެވެ.

އެންމެ ފަހުން ދާދި އިހަށް ދުވަހު ބޭއްވި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ އަހަރީ އާންމު ޖަލްސާގައި ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ފެށުމުގެ ހުއްދަ ކުންފުންޏަށް ދީފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ސައީދު ވަނީ އިއުލާންކޮށްފަ އެވެ. މިއީ އެސްޓީއޯގެ އޮޕަރޭޝަންތައް ފުޅާކޮށް، އާމްދަނީ އިތުރުކުރުމަށް އެޅޭ ބޮޑު އަދި މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ރާއްޖެއަށްވެސް ލިބިގެންދާ ބޮޑުކުރިއެރުމެކެވެ.

އެސްޓީއޯ އިން މިހާރު ދަނީ އިހަވަންދޫގައި ތެޔޮ ރައްކާކުރާ ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ފެސިލިޓީގެ ސަބަބުން ބައިނަލްއަގްވާމީ ބަންކަރިންގ ހިދުމަތްތަކަށް މަގުފަހިވެގެންދާނެއެވެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވެފައިވާ ގޮތުގައި، ބޭރުގެ ކޮންސަލްޓަންޓެއްގެ އެހީގައި، ބަންކަރިންގެ ހިދުމަތް ފެށުމުގެ ތައްޔާރީތައް މިހާރު ވެސް ދަނީ ކުރެވެމުންނެވެ.

އެސްޓީއޯއިން ދަނީ ބަންކަރިންގެ ހިދުމަތް ފުރިހަމަ ކުރުމަށްޓަކައި ރާއްޖެއިން ބޭރުގައި ތެޔޮ ރައްކާކުރާ ތަނެއް ގާއިމް ކުރުމަށް ވިސްނަމުންނެވެ. ސައީދު ހާމަކުރެއްވި ގޮތުގައި މި ސްޓޯރޭޖް ފެސިލިޓީ އަޅަން ހަމަޖެހިފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައެވެ.

ބައިނަލްއަގްވާމީ ބަންކަރިންގެ ދާއިރާއަށް ވަދެ އެސްޓީއޯގެ ވިޔަފާރި ޕޯޓްފޯލިއޯ ފުޅާކުރަން ނިންމީ ކުންފުނިން އާމްދަނީ ތަފާތުކޮށް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. ނިމިގެން ދިޔަ 2022 ވަނަ އަހަރަކީ އެސްޓީއޯގެ ވިޔަފާރީގެ ހަޔާތުގައި އެންމެ ބޮޑު ޑިވިޑަންޓެއް ކަނޑައެޅިގެންދިޔަ އަދި އެއެސްޓީއޯ އަދި އެސްޓީއޯ ގްރޫޕްގެ ތާރީހުގައި ވެސް އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 1 ބިލިއަނަށް އެރި އަހަރެވެ. އެހެންކަމުން އެސްޓީއޯގެ މުސްތަގުބަލް ފެންނަނީ ނުހަނު އުޖާލާކޮށެވެ.