ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް އިންޓަރނޭޝަނަލް ކްރިމިނިލް ކޯޓު (އައިސީސީ) އިން މިހަފްތާގައި ނެރޭނެ ކަމަށް ގުލޯބު އައިސް ނިއުސް އިން ރިޕޯޓު ކޮށްފޮއެވެ. މި އަމުރުގައި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އިތުރުން އެ ޤައުމުގެ އިސް އޮފިޝަލުންނާއި، ޢަސްކަރީ އޮފިޝަލުން ވެސް މި އަމުރުގައި ހިމަނާނެކަމަށް އެ މީޑިއާ ގައި ލަފާ ކޮށްފައި ވެއެވެ. މި އަމުރު ނެރެވެނީ ބައިނަލްއަޤްވާމީ ކޯޓަށް، ސައުތު އެފްރިކާ އިސްވެ އޮވެ ހުށަހަޅާފައިވާ ޣައްޒާގެ މައްސަލަ އާ ގުޅިގެންނެވެ. މި މައްސލަ އެ ކޯޓަށް ހުށަހެޅުމުގައި ސައުތު އެފްރިކާގެ އިތުރުން ދުނިޔޭގެ ގިނަ ޤައުމުތަކަކުން ބައިވެރި ވެފައިވެއެވެ. މީގެތެރޭގައި ލެޓިން އެމެރިކާ އާއި، ޔޫރަޕާއި، އެފްރިކާ އާއި، އޭޝިޔާގެ ޤައުތައް ހިމެނެއެވެ.

މި ޚަބަރު އިޒްރޭލުގެ ނޫސްތަކާއި، ޓީވީ ޗެނެލެއްކަމުގައިވާ 'ޗެނަލް 12' އިން ވެސް ރިޕޯޓު ކޮށްފައި ވެއެވެ. އަދި މިފަދަ އަމުރެއް ނެރުނު ނަމަވެސް، ނަތަންޔާހޫ ވެރިކަމުގައި ހުރިހާ ހިނދެއްގައި އިޒްރޭލުގެ އެއް ވެސް މީހަކު ބައިނަލް އަޤްވާމީ ޢަދާލަތާ ޙަވާލު ނުކުރައްވާނޭ ކަމުގައި އޭނާ ވަނީ މީގެ ކުރިން ހާމަ ކުރައްވާފައެވެ. މި ދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ޣައްޒާ އަށް އިސްރައީލުން ދެމުން ގެންދާ ޙަމަލާތަކުގައި މުޅި ޣައއްޒާ ވަނީ ސުންނާފަތި ކޮށްފައެވެ. އަދި 34300 އަށް ވުރެ ގިނަމީހުން ވަނީ ޝަހީދުކޮށްފައެވެ. އޭގެ ތެރޭގައި ތިންބައި ކުޅަ ދެ ބަޔަށް ވުރެވެސް ގިނައީ އަންހެނުންނާއި، ކުޑަކުދިންނެވެ.

އޭގެ އިތުރުން އިސްރާއީލުން ޣައްޒާ އަށް އަރައި، އެ ސިޓީގެ ޞިއްހާ އިންފްރާސްޓަކްޗަރ ވެސް ވަނީ މުޅިން ހަލާކޮކޮށްފައެވެ. އަދި އެ ސިޓީގެ އެއްމެ ބޮޑު ދެ ހޮސްޕިޓަލެއް ޙިޞާރުކުރިއެވެ. އެ ދެ ތަނުގެ ގޯތިތެރެއިން އެތައް ސަތޭކަ ހަށިގަނޑު، އެއްވަޅުގަނޑެއްގެ ތެރޭގައި ވަޅުލާފައިވަނިކޮށް، ބިޔަ ކައްވަޅުގަނޑުތަކެއް ވެސް ފެނިފައިވެއެވެ. މީގެތެރެއިން އެއް ވަޅުން 200 މީހުންގެ ހަށިގަނޑާއި، އަނެއް ކައްވަޅުން 300 މީހުންގެ ހަށިގަނޑު ފެނިފައިވެއެވެ. މި ވަޅުތަކުގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި، މާބަނޑު އަންހެނުންގެ ހަށިތަކާއި، ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރެވިފައި ތިބި ޢުމުރުން ދުވަސްވީ މީހުންނާއި، ބަލިމީހުން ވެސް ހިމެނެއެވެ.

އިޒްރޭލުގެ ސިފައިން ޣައްޒާގައި ޙަރަކާތްތެރި ވަމުން ދަނީ އިންސާނިއްޔަތުކަމެއް ނެތި ކަމަށާއި، ދުނިޔޭގައި މިހާތަނަށް ހިންގާ މިފަދަ ލާ އިންސާނީ އެއްމެ ބޮޑު ޢަމަލު ހިންގަމުން ކަމުގައި އެ ޤައުމުތަކުން ހާމަކޮށްފައި ވެއެވެ. އަދި މި މޭރުމުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އަށް ޣައްޒާގެ މައްސަލަ ހުށަހެޅި ޤައުމުތަކުން އެ ކޯޓުގައި އޮތް އަޑުއެހުންތަކުގައި ވަކާލާތު ކުރަމުން ގެންގޮސްފައި ވެއެވެ. އެގޮތުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި، ބޯފެނާއި، ޞިއްޙީ އެހީތެރިކަމުން މަޙްރޫމު ކުރުމާއި، އދ. ގެ އެހީދޭ އޮފިޝަލުން ނާއި، އެހީތެރިވެ ދޭ އޮފިޝަލުންނަށް ވެސް ޤަޞްދުގައި ޙަމަލާ ދީ މީހުން މަރަމުން ގެންދާކަން ހާމަކޮށްފައި ވެއެވެ.