ރާއްޖެ އާއި ސްރީލަންކާއާ ދެމެދުގައި ބާއްވާ "މޯލްޑިވްސް ސްރީލަންކާ ޖޮއިންޓް ކޮމިޝަން" ގެ ހަތަރު ވަނަ ސެޝަން މާދަމާ ފަށަން ނިންމައިފިއެވެ. މި ސެޝަން ބާއްވަން ހަމަޖެހިފައި ވަނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގަ، މާދަމާ އިން ފެށިގެން މި މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީއިން އިތުރަށް ހާމަކުރި ގޮތުގައި، ޖޮއިންޓް ކޮމިޝަން ސެޝަން ބެލެހެއްޓުގެ މަސައްކަތް ކުރަމުން ގެންދަވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސްރީލަންކާގެ ހާރިޖީ ވަޒީރު އެމްޔޫއެމް އަލީ ސަބްރީ އެވެ.

މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަން އެކުލަވާލާފައިވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކުރެވުނު އެގްރީމަންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަންގެ ދަށުން 1984 ވަނަ އަހަރުއެވެ. ފޮރިން މިނިސްޓްރީން ބުނީ، މިއީ ރާއްޖެ އާއި ސްރީލަންކާއަށް މުހިއްމު ދާއިރާތަކާއި ކަންކަމާ ގުޅޭގޮތުންނާއި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކޮށް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތައް މުރާޖައާ ކުރުމަށް ދެ ގައުމުގެ ސަރުކާރަށް ވެސް ލިބޭ ޕްލެޓްފޯމެއް ކަމަށެވެ.

އެ ސެޝަނުގެ ސީނިއާ އޮފިޝަލުންގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓާއި، ފަތުރުވެރިކަމާއި، ސަގާފަތާއި، ތައުލީމާއި، ސިއްހަތާއި، މަސްވެރިކަމާއި، ދިފާއީ ދާއިރާއާއި، ގާނޫނާއި ގާނޫނު ތަންފީޒުކުރުމާއި، ޒުވާނުންނާއި، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ދާއިރާގައި އެއްބާރުލުން ދިނުން ހިމެނޭ ކަމަށްވެސް ފޮރިންމިނިސްޓްރީން ހާމަ

އަދި ޖޮއިންޓް ކޮމިޝަނުގެ ހަވާސާގައި ދެ ގައުމުގެ މެދުގައި ފަހުމުނާމާ ތަކެއްގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައި ވެއެވެ. 2017 ވަނަ އަހަރުގައި ވަނީ ޖޮއިންޓް ކޮމިޝަންގެ ތިންވަނަ ސެޝަން ބާއްވާފައެވެ. މި ސެޝަން ބާއްވާފައި ވަނީ ރާއްޖޭގައެވެ.