ޕާކިސްތާންގެ ޕައިލެޓުންނާ ދެކޮޅަށް އެގައުމުގެ އެވިއޭޝަން މިނިސްޓަރ ޕާލަމެންޓްގައި ދެއްކެވި ވާހަކަތަކަށްފަހު ބޭރުގެ އެއަރލައިންތަކުން ޕާކސިްތާން ޕައިލެޓުންނާ ދެކޮޅަށް ފިޔަވަޅު އަޅާކަމަށް އެގައުމުގެ މީޑިއާއިން ބުނެފިއެވެ.
ޕާކިސްތާންގެ ދަ ނިއުސްއިން ރިޕޯޓްކޮށްފައިވަނީ ކުވެއިތު އެއާލައިނުން ޕާކިސްތާންގެ 7 ޕައިލެޓުންނާއި 56 އިންޖިނޭރުން އަދި ގްރައުންޑް ހޭންޑްލިން ސްޓާފުންގެ އެތައް ބަޔަކު ވަނީ ކުވެއިތު އެއާލައިންއާއި ވިއެޓްނާމާއި ގަތަރާއި އޮމާނުން ވަގުތީގޮތުން މަސައްކަތަށް ނުނިކުތުމަށް އަންގާފައެވެ. މިމީހުންނަށް މަސައްކަތަށް ނިކުތުމަށް ހުއްދަ ދެވޭނީ ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން އެ މީހުންނާ މެދު ރިޕޯޓް ލިބުމުން ކަމުގައި ދަ ނިއުސްއިން ރިޕޯޓް ކޮށްފައި ވެއެވެ.
ޕާކިސްތާންގެ ޕައިލެޓުންގެ ނަން ހުތުރުވެފައިވާ މި ދަނޑިވަޅުގައި ޕައިލެޓުންގެ ޖަމުއިއްޔާއާއި ޕީއައިއޭއިން ދަނީ ޕާކިސްތާންގެ މި ޕްރޮފެޝަނަލުން ހުތުރު ނަމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ޕީއައިއޭގެ ސީއީއޯ ވަނީ ބައިނަލްއަގްވާމީ އޭވިއޭޝަންގެ ދާއިރާގެ ފަރާތްތަކާއި އެމްބަސީތަކާއި އަދި ކަމާ ގުޅުން ހުރި އިދާރާތަކަށް ޕާކިސްތާންގެ ސައްޙަ ލައިސަންސް އޮތް ޕައިލެޓުންގެ ލިސްޓެއް ވެސް ފޮނުވާފައެވެ.
ޕާލަމެންޓްގައިި ވާހަކަ ދައްކަވަމުން ޕާކިސްތާންގެ އެވިއޭޝަން މިނިސްޓަރ ޣުލާމް ސަރަވާރު ޚާން ދެއްކެވި ވާހަކަތަކުން ޕާކިސްތާންގެ ޕައިލެޓުންގެ ވަޒީފާތަކަށް ބުރޫއަރާފައިވާކަމަށް އެގައުމުގެ ޕައިލެޓުންގެ ޖަމުއިއްޔާ ޕާލްޕާގެ ރައީސް ޗައުދަރީ ސަލްމާން ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވެފައިވަނީ ސަރަވާރު ޕައިލެޓުންގެ ނަން ހަޑި ކުރުމުގެ މައްސަލާގައި އަބުރުގެ ދައުވާ ކުރުމަށް އޭނާގެ ޖަމުއިއްޔާއިން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ސަރަވާރު ދެއްކެވި “ތާކުންތާކު ނުޖެހޭ ވާހަކަތަކުން” 141 ޕައިލެޓުން ސަލާމަތް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ޕާކިސްތާނުން ޕައިލެޓުންގެ ލައިސަންސް ތަހްގީގު ކުރުމަށް ކުރާ މަސައްކަތުގައި އެ ޖަމުއިއްޔާއިން އެއްބާރުލުން ދޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިއަދާ ހަމައަށް އެއްވެސް ޕަައިލެޓަކަށް ތަހުގީގަށް އަންނަން އަންގާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕާލަމެންޓްގައި ސަރަވާރް ވިދާޅުވެފައިވަނީ ޕާކިސްތާންގެ 262 ޕައިލެޓުން ފޭކް ސެޓިފިކެޓް ގެންގުޅޭ ކަމަށާއި މިމީހުން “އުދުހޭ ބޯޓު ދުއްވުން” މަނާކޮށްފައިވާ ކަމަށެވެ.