ޣައްޒާ ސިޓީ (އަލްޖަޒީރާ): މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހުގެ ރޭ، ގޭގެ ސިޓިންގ ރޫމުގައި އިށީނދެލައިގެން އިންދައި ހާޒިމް މޮހާނާއަށް އައީ އިސްރޭލުގެ ޖާސޫސީ އިދާރާގެ އިންޒާރުގެ ފޯން ކޯލެކެވެ. ފޯން ކޯލުގައި ބުނީ މޮހާނާ ހުރި ގެއަށް ބޮން އަޅަން ޔަހޫދީ ސިފައިން ދަނީ ކަމަށާއި ފުރާނަ ސަލާމަތް ކުރަން ބޭނުމިއްޔާ 5 މިނެޓް ތެރޭގައި ގެއިން ނިކުތުމަށެވެ.

ލިބުނު ކުއްލި ސިހުމާއެކު މޮހާނާއަށް އޭނާގެ އާއިލާ ގޮވައިގެން ގެއިން ނިކުމެވުނީ ހަމަކިރިޔާއެވެ. އެމެރިކާއިން ދީފައިވާ ޒަމާނީ ހަނގުރާމަ މަތީ މަތިންދާ ބޯޓްތަކުގައި އިޒްރޭލުގެ ސިފައިން އައިސް މޮހާނާގެ ހަތަރު ބުރީގެ ގެއަށް ހަމަލާދީ ކުޑަ ހިނދު ކޮޅެއްގެ ތެެރޭގައި މުޅިގެ ސުންނާފަތި ކޮށްލިއެވެ.

“އިޒްރޭލުގެ އަސްކަރިއްޔާގެ ފޯން ކޯލާއެކު އަހަރެން ދިޔައީ ސިއްސައިގެން. އަހަރެންގެ އަންހެނުންނާއި އަހަރެންގެ ދަނބިދަރިންނާއި ކާފަ ދަރިން ވަގުތުން ދުވެފައި އިމާރާތުން ނުކުމެގެން ދިޔައީ” ހަތަރު ކުދިންގެ ބައްޕަ ފަންކަޅިވެފައި އިނދެ އަލްޖަޒީރާއަށް ކިޔައިދިނެވެ.

ހުރިހާ ކަމެއް ހިނގީ މޮހާނާގެ ލޯ ކުރިމަތީގައި މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. މިއީ ފަލަސްތީނުގެ އެތައް އާއިލާއެއް ކޮންމެ ދުވަހަކު، ކޮންމެ ރެޔަކު ތަހައްމަލް ކުރަމުންދާ ވޭނެއެވެ.

ޔަހޫދީ ސިފައިން ބޮން އެޅުމުން ފުނޑުފުނޑުވެދިޔައީ މޮހާނާގެ އަތުން އެތައް ދުވަހަކުން ބިނާކުރި 4 ބުރީގެ އިމާރާތް އެކަންޏެއް ނޫނެވެ. އެތައް ދުވަހަކުން އޭނާ އެއްކޮށްފައި ހުރި ފަލަސްތީނާއި ގުޅޭ ގަދީމީ އެތައް ލިޔުމަކާއި ހިފާ ގެންގުޅޭ އާޘާރީ އެތަކެއް ތަކެއްޗެއްވެސް ހިރަފުހަށް ވެގެންދިޔައީއެވެ. މޮހާނާގެ ބަހުންނަމަ "އޭނާގެ މިއުޒިއަމް" ފުނޑުފުނޑުވެދިޔައީއެވެ.

ބޮމުގެ ހަމަލާގައި އޭނާގެ ގެ ހަލާކުވި ފަހުން، މޮހާނާ އަދިވެސް ކޮންމެ ދުވަހަކު އަންނަނީ އޭނާގެ އަގުހުރި އާސާރީ ތަކެތި ހޯދުމަށް ފުނޑުފުނޑުވެފައިވާ އޭނާގެ ގޭދޮށުގެ ގައުތައް ފުރޮޅަމުންނެވެ.

އުމުރުން 62 އަހަރުގެ މޮހާނާ އޭނާގެ ހަޔާތުގެ 40 އަހަރު ހޭދަކުރީ އޭނާގެ ހޮބީގެ ތެރެއިން އާސާރީ ރިހި ފައިސާ ފޮއްޗާއި އަގުހުރި ހިލަތަކާއި ފަލަސްތީނުގެ ތަރިކައާ ގުޅުން ހުރި ތަކެތި އެއްކުރުމުގަ އެވެ. ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ އަލް ސަހާބާ ސަރަހައްދުގައި ހުންނަ އޭނާގެ ގެއަކީ، މޮހަނާ ބުނާ ގޮތުގައި "ތަފާތު އާސާރީ މިއުޒިއަމް" އެކެވެ.

"އަހަރެންގެ އަމިއްލަ ނަފްސާއި އާއިލާ ސަލާމަތް ކުރެވުނު، ނަމަވެސް އަހަރެންގެ އުމުރު އެއްކޮށް ބެލެހެއްޓުމުގައި ހޭދަކުރި ތަކެތި ސަލާމަތް ނުކުރެވުނު،" އާސާރީ ތަކެއްޗަށް އިޝާރާތް ކުރަމުން ހިތާމަވެރި މޫނަކާއެކު މޮހާނާ ބުންޏެވެ.

"އަހަރެންގެ އެންޓިކް ކަލެކްޝަނުން އަހަންނަށް ވަރަށް ބޮޑު މާނައެއް ދޭހަވި. އެތައް ސަތޭކަ އަހަރެއް ކުރިން ލިޔެފައިވާ އަގުހުރި އެތައް އެއްޗެއް އޭގައި އެބަހުރި" ކުރިން ފަލަސްތީނު އޮތޯރިޓީގެ ރިޓަޔާޑް ސެކިއުރިޓީ އޮފިސަރެއް ގޮތުގައި މަސައްކަތް ކުރި މޮހާނާ ބުންޏެވެ.

"ގިނަ ގައުމުތަކެއްގެ އައިޑެންޓިފިކޭޝަން ޑޮކިއުމަންޓްތައް، ފަލަސްތީނުގެ ތަރިކައާ ގުޅުން ހުރި ތަކެތި، އެމްބްރޮއިޑަރު ހެދުމާއި ބެގޭޖާއި ކޮޕާ އާޓިފަކްޓްސް ފަދަ ތަކެތި އެބަހުރި،" މޮހާނާ ބުންޏެވެ.

މޮހާނާ ބުނީ އެތައް ދުވަހެއްގެ މަސައްކަތުން ލޯބިން އަމިއްލަ ގޭގައި ބިނާ ކުރި ދާރުލް އާސާރުގެ ހަނދާންތަކީ އޭގެ ބަދަލެއްގެ ގޮތުގައި ކިތައްމެ ގިނަ ފައިސާއެއް ދިނަސް އެހަނދާންތަކާއި އޭނާއަށް ދުރުނުވެވޭނެ ހަނދާންތަކެއް ކަމަށެވެ.

މޮހާނާ އެއްކޮށްފައި ހުރި ގަދީމީ ފައިސާ ފޮތިތަކެއް. ފޮޓޯ: އަލްޖަޒީރާ

“އެއްވެސް އަދަދެއްގެ ފައިސާއިން ބަދަލު ނުދެވޭނެ ކަންތައްތަކާއި ހަނދާންތަކެއް އޭގައި (އަމިއްލައަށް ބިނާ ކުރި ދާރުލް އާސާރުގައި) ހުރީ، އެކަމަށް އަޅުގަނޑުގެ ލޯބި އޮތް މިންވަރު މާބޮޑު. އުއްމީދު ކުރީ އަހަރެންގެ ކުޑަކުޑަ އާކިއޮލޮޖިކަލް މިއުޒިއަމް ދަރިންނަށް ވާރުތަވާން. އެކަމަކު އިސްރާއީލުގެ ހިސާރުގައި އަހަރެމެންގެ ހަނދާންތަކާއި ހޮބީތައް ވެއްޔަށް ވެގެން ހިނގައްޖެ" މޮހާނާ އަސަރާއެކު އަލްޖަޒީރާއަށް ކިޔައި ދިނެވެ.

މޮހާނާއަށް އަދިވެސް އޭނާގެ ގެއަށް އިޒްރޭލު ސިފައިން ބޮން އަޅަންޖެހޭ ސަބަބެއް ނުސްވިނެއެވެ. "އަހަރެމެން އެންމެންނަކީ ހަމައެކަނި އާންމުން،" ކައިވެނިކޮށްގެން އުޅޭ ހަތަރު ދަރިން ހިމެނޭ ގޮތަށް 16 މެމްބަރުންގެ އާއިލާއާ އެކު ދެ ކޮޓަރީގެ ކުޑަކުޑަ އެޕާޓްމަންޓެެއްގައި ކުއްޔަށް މިހާރު ދިރިއުޅެމުން އަންނަ މޮހަނާ ބުންޏެވެ.

އަމިއްލަ ގެ އަލުން ހަދައި އެތަނުގައި ދިރިއުޅެވޭނެ ދުވަހާމެދު ފިކުރު ހިންގާލިޔަސް މޮހާނާގެ ހިތަށް ލިބެނީ އިތުރު ހިތްދަތިކަމަކެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން 2021 ވަނަ އަހަރު ޣައްޒާއާ ދެކޮޅަށް ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން 56 ހައުސިން ޔުނިޓާއެކު މަދުވެގެން 20 އިމާރާތެއް މުޅިން ހަލާކުވެ، 940 ހައުސިން ޔުނިޓަކަށް ގެއްލުން ލިބިފައިވާ ކަމަށް ފަލަސްތީނުގެ ޕަބްލިކް ވޯކްސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޔަހޫދީ ސިފައިން ސުންނާފަތި ކޮށްލާ އިމާރާތްތައް އަލުން އާރާސްތު ކުރުމަށް އަރަބި ބައެއް ގައުމުތަކާއި އދ.ގެ އެހީތެރިކަމާއެކު ޣައްޒާގައި ޕްރޮގްރާމްތައް ހިންގައެވެ. އެކަމަކު ގެތައް އާރާސްތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކުރިން ހަލާކުވި އިމާރާތްތަކަށް އިސްކަންދީގެންނެވެ.

"އިސްރާއީލުގެ ކުރީގެ ޙަމަލާތަކުގައި ހަލާކުވެފައިވާ ގެތަކެއް އަދި އަލުން ނުހެދި ހުރި ގެތަކެއް އެބަހުރި، އެހެންވީމަ އަޅުގަނޑުމެންގެ ނަންބަރު އަދި ޖެހޭނީ ކޮން އިރަކުން" މޮޅިވެރިކަމާއި މާޔޫސްކަމާއެކު މޮހާނާ ބުންޏެވެ.