"ދަ ޑިމޮކްރެޓިކްސް"އަށް ފޯމް ފުރާފައިވާ މެމްބަރުންނަށް ސަރުކާރުން ބިރު ދައްކާކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ އިލެކްޝަންސް ކޮމިޝަނަަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތުތައް ލީކުވެފައެވެ. އަދި އެމައުލޫމާތު ބޭނުންކޮށްގެން އީސީއަށް ފޯމު ހުށަހެޅި މީހުންނަށް ގުޅައި، ބިރު ދައްކަމުންދާ ކަމަށެވެ.

އެގޮތުން ގޯތި ނުވަތަ ފްލެޓަށް އެދިފައިވޭތޯ ސްޓޫޑެންޓް ލޯނަށް އެދިފައިވޭތޯ ބެލުމަށް ފަހު، އެކަންތައް ވާން އެދޭކަމަށްވާނަމަ، ޑިމޮކްރެޓްސްއަށް ކުރި ސޮއި އަނބުރާ ގެންދިއުމަށް ބުނެ އިންޒާރު ދެމުންދާ ކަމަށް ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި އިސްވެ މިއަމަލު ހިންގުމުގައި ތިއްބެވީ ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި ސިޔާސީ ވެރިން ކަމަށްވެސް ހާމަކުރައްވާފައިވެއެވެ.

އަދި އޭރު އޮތް ސަރުކާރުން މިއީ އެންމެ ފުރަތަމަ އެމްޑީޕީ އުފެދުނު ނުދިނުމަށް ކުރިމަތިކުރުވި ފަދަ ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ. އެހެންކަމުން ހަސަންލަތީފު އެދިލައްވަނީ މި މައްސަލަ މަޖިލީހުން ބަލައިދިނުމަށެެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް "ދަ ޑިމޮކްރެޓްސް" އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނެވެ. މަޖިލީހގެ 12 މެންބަރަކު އެޕާޓީ އުފެއްދުމަށް، އެމްޑީޕީން 3000 ފޯމު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ.