ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދަކީ އެއްއިރެއްގައި ވެސް ޑިމޮކްރެޓިކް ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ އެންމެކުރީން ފެށިގެން ރައީސް ނަޝީދު އުޅުއްވީ "ޑިމިކްރަޓިކް ތާކިހާއެއް" އަޅުއްވައިގެން ކަމަށެވެ. އެމަނިކުފާނު އެގޮތަށް ޢަމަލު ކުރައްވަނީ އަމިއްލަފުޅު މަންފާއަށްޓަކައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ނަޝީދު އެގޮތަށް ހައްދަވައިގެން ލިބިވަޑައިގަންނަވާ މަންފާއަކީ ކޮބައި ކަމެއް ޝަރީފް ވިދާޅެއް ނުވެއެވެ.

"ކޮންމެ ބޭފުޅަކު ވެސް އުޅުއްވަނީ ވެރިކަމަށް ވަޑައިގަންނަވަން. ވެރިކަމަށް ވަޑައިގެންނެވުމުގެ ޚިޔާލު ކުރެއްވުމުގެ ކުރީން ރައްޔިތުންނާއި ޤައުމާ މެދު ވިސްނާލުން ރަނގަޅު. ވެރިކަމަށް ކުރިމަތި ލައްވާނޭ ކަމަށް ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފިޔަވައި ނެތް ހަރުދަނާ ސިޔާސަތަކާއި ބުރަދަނެއްހުރި ތަރައްގީގެ ޕްލޭނެއް ގެންގުޅުއްވާ ބޭފުޅެއް. ރައީސް ޞާލިހު އަބަދުވެސް އިސްކުރައްވަނީ ރައްޔިތުންނާއި ގައުމު. އެހެންވީމާ އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުން ނޫންގޮތެއް މިފަހަރަކުނެތް،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވާނޭ ކަމަށް ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި އެންމެ ބާރަށް ވާހަކަފުޅު ދައްކަވަނީ ޤާސިމް އިބްރާހީމް ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެސް ހަރުދަނާ ސިޔާސަތެއް ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރައީސް ނަޝީދުގެ އިޚްލާސްތެރިކަމާއި ތެދުވެރިކަމެއްނެތް. ދެން ތިއްބެވި ބޭފުޅުން ދައްކަވަނީ ހުސް ވާހަކަ. ކިރިޔާ ވެސް ޤައުމު ބަނޑަށް ނުޖައްސާ ދުވަސް ކޮޅަކަށް ނަމަވެސް ހިފެހެއްޓިދާނޭހެން ހިވާ ބޭފުޅާ އޮންނެވީ ޖަލުގައި. އެހެންވީމާ މިފަހަރުވެސް ރައީސް ސާލިޙު ނޫނީ ނެތް ޗޮއިސް އެއް. އެމަނިކުފާނު ނޫން އެހެން ނަމެއް ދުލުން ބޭރުކުރުމުގެ ވެސް މާނައެއް ނެތް،" ޝަރީފް ވިދާޅުވިއެވެ.

ރައީސް ސާލިޙު ނޫން އެހެން ބޭފުޅަކު ވެރިކަމަށް މިފަހަރު އިންތިޚާބުކޮށްފިކަމަށްވާނަމަ ރާއްޖެ ދެންދާނޭ މިސްރާބެއް ހިތަށް ވެސް ގެންނަން ދަތިކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދު ވަރުގަދަކޮށް ގައުމު ބިނާ ކުރަން ބޭނުންވާ ކަމަށްވާނަމަ އިތުރު ވިސްނުމާއި ފިކުރުނުކޮށް ސީދާ ރައީސް ސާލިޙަށް ވޯޓު ދެއްވުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ. ޝަރީފް ވިދާޅުވެފައިވަނީ މިފަހަރުގެ އިންތިޚާބު ރައީސް ސާލިހު ކާމިޔާބު ކުރައްވާނީ ހަތްދިހަ ފަސް ޕަސެންޓުން ކަމަށެވެ.