ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ)، އުފެދުނީ ކުޑަކުޑަ ފެށުމަކުން ނަމަވެސް އަދު އެކުންފުންޏަކީ ރާއްޖޭގެ ރައްޔިތުންގެ ލާބައަށް، ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްދޭ ކުންފުންޏެކެވެ.

ދުނިޔެއަށް އަންނަ ތަރައްގީއާއެކު ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކުގެ ފައިދާ، އެކުންފުނިން ދޭ ހިދުމަތްތަކުން ރައްޔިތުންނަށް ލިބޭނެ މަގު ކޮށައި ފަސޭހަކޮށްދީ، ފޯރުކޮށްދިނުމުގައި ސްޓެލްކޯއަކީ ނަމޫނާ ކުންފުންޏެކެވެ.

ސްޓެލްކޯގެ ފެށުން އައީ ކިހިނެއް؟

1949 ވަނަ އަހަރު އެންމެ 14 ކިލޯވޮޓްގެ އިންސްޓޯލްޑް ކެޕޭސިޓީއަކާއެކު އަދި ހަމައެކަނި މާލޭގައި ދިރިއުޅޭ ގެތަކަށް ކަރަންޓް ފޯރުކޮށްދޭން ފަށައި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ގޮތުގައި ހިންގަމުން އައީ "ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީ" އަދި "މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑް" ފަދަ އެކި ނަންނަމުގައެވެ. 1997 ވަނަ އަހަރު "ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ" ސްޓެލްކޯ، އުފެދުނެވެ. ފުރަތަމަ ކަސްޓަމަރުންގެ އަދަދަކީ މާލޭގައި ގާތްގަނޑަކަށް 50 ގެއެވެ.

ކުންފުނީގެ ކަސްޓަމަރުންނާ ގުޅިގެން އަންނަ މައްސަލަތައް އިސްލާހު ކުރުމަށް މަސައްކަތް ކުރުމަށްފަހު، އެއިން އެއްވެސް މައްސަލައެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ސްޓެލްކޯއިން ސަމާލުވެއެވެ. ހުރިހާ ހާލަތެއްގައިވެސް ތެދުވެރި، އެކުވެރި އަދި އަދަބުވެރި ވެ މަސައްކަތް ކުރުމާއި ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއެކު އެއްވެސް ތަފާތުކުރުމެއް ނެތި ހިދުމަތް ދިނުމަށް ސަމާލުކަންދެއެވެ. ސްޓެލްކޯގެ ހިދުމަތްތަކުގައި ދިމާވާ މައްސަލަތައް ކުންފުނީގެ ސަމާލުކަމަށް ގެނެވުނުހާ އަވަހަކަށް އެކަންކަން ރަނގަޅު ކުރެވޭނެކަން ޔަގީން ކުރުމާއި ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ވީއެންމެ ސިއްރުވެރިކަމާއެކު ބެލެހެއްޓުމަށް ބޮޑު އަހަންމިއްޔަތުކަމެއް ސްޓެލްކޯއިން ދެއެވެ.

ސްޓެލްކޯއިން އެންމެ ފަހުން ތައާރަފް ކުރި ހިދުމަތް "އަވިކަތަ"

އެންމެ ފަހުން ސްޓެލްކޯއިން ތައާރަފްކޮށް ދިވެހިންނަށް ދޭން ފެށި ނުހަނު އުންމީދީ އަދި ކާމިޔާބުކަމާއެކު ކުރިއަށްދާ "އަވިކަތަ" ހިދުމަތަކީ ގިނަ ބަޔަކަށް ކަމުދިޔަ ބޭނުންވި ކަމެކެވެ. އެންމެ ހާއްސަ ކަމަކީ މިއީ ތިމާވެށްޓާ ނުހަނު ރައްޓެހި އަދި ކަރަންޓު ހަރަދު ކުޑަކޮށްދޭ، ޖީބަށްވެސް ލުއި ވުމެވެ.

ސޯލާ ޕެނަލް އަކީ ދިވެހިން ކިތަންމެ ބޭނުންވާ ކަމަކަށް ވިޔަސް އެކަން ކުރުމަށް ފުރަތަމަ ކުުރަން ޖެހޭ ހަރަދު ނުހަނު ބޮޑުވުމާއި ކަމުގެ ހޭލުންތެރިކަން ނެތުމަކީ މިކަން ނުކުރެވި މަޑުޖެހިފައި ތިބެން ޖެހުނު ސަބަބެވެ. ޓެކްނިކަލް ގޮތުން ކުރަން ޖެހޭ ކަންކަމުގެ އެއްވެސް މައުލޫމާތެއް ނެތުމާއި އަދި ކަމަކީ ހަގީގަތުގައި ކިހިނެއްވާ ކަމެއްކަން ނޭނގޭމީހުންވެސް މަދެއް ނޫނެވެކަމުގެ ހޭލުންތެރިކަން އަދިވެސް އެންމެ ރަނގަޅެއް ނޫނެވެ. އެހެންވީމާ ގިނަ ބަޔަކަށް އަދިވެސް އޮތީ މިކަން ނުވެފަ އެވެ.

މިހުރިހާ ކަމަކަމަށް ހައްލު "އަވިކަތަ" ސްޓެލްކޯ އިން ތައާރަފް ކުރީ ސޯލާގެ ވިސްނުން ގެންގުޅޭ މީހުން އެ ވިސްނުމުގެ ތެރެއަށް ވަނުމަށް ފަސޭހަ ފުރުސަތެއްގެ ގޮތުގައެެވެ. އަދި މިއީ ރާއްޖޭގައި ހުޅުވާލެވުނު މިފަދަ ފުރަތަމަ ފުރުސަތެވެ.

ސްޓެލްކޯގެ މި ސްކީމުގެ ދަށުން ސޯލާ ޕެނަލް ހަރުކުރުމަށް ސްޓެލްކޯއަށް ކުއްޔަށް ދޫކުރެވޭނީ ގޭގެ ފުރާޅެވެ. މި ފުރުސަތު މިހާރު ސްޓެލްކޯއިން ހިދުމަތް ދޭ ހުރިހާ ރަށެއް (ކ, އއ., އދ., އަދި ވ. އަތޮޅު)ގެ ހުރިހާ ގެއަކަށް ވަނީ ހުޅުވާލާފައެވެ. ވިޔަފާރި އާއި އާންމު ގޭބިސީތަކާއި އަދި ސަރުކާރު ތަންތަނަށްވެސް މި ސްކީމުގައި ބައިވެރިވެވޭނެއެވެ.

"އަވިކަތަ"ސްކީމްގެ ޝަރުތުތަކެއް އޮވޭތަ؟

ސްކީމުގައި ބައިވެރިވުމަށް، ފަސޭހައިން އަވި ލިބޭ ފުރާޅެއް ބޭނުންވާއިރު ފުރާޅުގެ ޝަރުތުތަކެއް ކަނޑައެޅިފައިވެއެވެ.

މަދުވެގެން 100 އަކަފޫޓުގެ ހުސްޖާގަ އޮންނަންޖެހޭނެއެވެ. އަދި ފުރާޅުގައި މަދުވެގެން 150 ކިލޯގެ ބަރުދަން އުފުލޭނެ ވަރު ހުންނަން ޖެހޭނެއެވެ. ފުރާޅުހުރި ގޭގެ ވެރިފަރާތުގެ ހުއްދަ ލިޔުމުން ބޭނުންވާނެއެވެ. އިންވާޓާ, މީޓަރު, ފްރޭމް ހަރުކުރުމަށް ޖާގަ ހުރުން ލާޒިމެވެ.

ފައިދާއެއް އޮތް ކަމެއްތަ؟

ތިމާވެށްޓާ ވަރަށްވެސް ރައްޓެހި ވަސީލަތްތަކުން، ކަރަންޓު އުފެއްދުމާއި ބޭނުންކުރުން އިތުރުކުރަން ފެށި މި ސްކީމުގެ ފައިދާ ތިމާވެށްޓަށް ކުރާއިރު ހިދުމަތަށް އެދޭ މީހާއަށް އޮތް ފައިދާ ކުޑައެއްނޫނެވެ.

ހިދުމަތަށް އެދޭ މީހުން، މި ސްކީމްގެ ދަށުން ސޯލާ ޕެނަލް އަދި އިންސްޓަލޭޝަން އެކްސެސަރީސް ގަންނަން ނުވަތަ ގަތުމަށް އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެއެވެ.

ހަރުކުރާ ޕެނަލްތަކަށް ޓެކްނިކަލް ދިމާވާ މައްސަލަ ނޫނީ މަރާމާތަކީވެސް ސްޓެލްކޯގެ ޒިންމާއެކެވެ. މިކަމަށް ހަރަދު ކުރާނީ ސްޓެލްކޯއިންނެވެ. ގޭ ފުރާޅު ކުއްޔަށް ދީގެން މަހަކު އެއްފަހަރު ލިބޭ ފައިސާ ސްޓެލްކޯއިން ޖަމާކޮށްދޭއިރު، ބޭނުންވެއްޖެ ހާލަތެއްގައި ހިދުމަތަށް އެދުނު ފަރާތުން ބޭނުންވާ މީޓަރެއްގެ ކަރަންޓު ބިލުން ގޭގެފުރާޅުގެ ކުލި އުނިވާގޮތަށްވެސް ހަމަޖައްސައިދެވޭނެއެވެ.

ފުރާޅު ކުލީގެ ގޮތުގައި ކޮންމެ މަހަކު ލިބޭނީ ކިހާވަރެއް؟

ހަރުކުރާ ކޮންމެ 1 ކިލޯވޮޓްގެ ސޯލާއަށް މަހަކު 180.60 ރުފިޔާ، ޖީއެސްޓީ އަކާ ނުލައި ލިބޭއިރު މި ރޭޓު ބަދަލުކުރުމުގެ އިހުތިޔާރު ސްޓެލްކޯއަށް އޮވެއެވެ. ކުއްޔަށް ދޭ ފުރާޅުތަކުގައި ހަރުކުރާނީ ހަތް ފޫޓު ދިގު ތިން ފޫޓު ފުޅާ ސޯލާ ޕެނަލް، ކޮންމެ ޕެނަލްއަކީ 465 ވޮޓެވެ. ދެ ޕެނަލްއާ އެތިކޮޅަކުން "1 ކިލޯވޮޓް" ލިބޭނެއެވެ.

އަވިކަތަ ސްކީމުގެ ދަށުން ސޯލާ ހަރުކުރުމުގެ ފުރުސަތު ދެވޭނީ އެ ރަށެއްގެ ޖުމުލަ ސޯލާ އިންސްޓޮލޭޝަން ކެޕޭސިޓީ (ލިމިޓް) ހަމަވަންދެނެވެ.

"އަވިކަތަ" ސްކީމުގައިބައިވެރިވެވެނީ ކިހިނެއް؟

"އަވިކަތަ" އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު ސްޓެލްކޯއަށް ހުށަހެޅުމުން މިހިދުމަތަށް އެދެވުނީއެވެ. ޒަމާނާ އެއްގޮތަށް އޮންލައިންކޮށްވެސް ފޯމް ހުށަހެޅޭނެއެވެ.

ސައިޓް ސާވޭއެއް ކޮށް ފުރާޅުގައި ޕެނަލް ހަރުކުރެވޭނެތޯ ޔަގީން ކޮށް ޝަރުތުތައް ހަމަވާކަމަށް ކުންފުނިން ނިންމައިފިނަމަ، ހިދުމަތަށް އެދުނު ފަރާތާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ސޯލާ ހަރުކުރުމުގެ މަސައްކަތް ފެށޭނެއެވެ،.

މިއީ ތިމާވެށްޓާ ރައްޓެހި ފައިދާ ކުރަނިވި އަދި އަމިއްލަ މީހާއަށްވެސް ފައިދާ ބޮޑު ޒަމާނީ ހިދުމަތެކެވެ. ދުނިޔެއަށް އަންނަ ތަރައްގީގެ ކުލަވަރާއެކު ޓެކްނޮލޮޖީ ކުރިއަރަމުންދާ ވަރަކަށް ސްޓެލްކޯއިން، ރައްޔިތުންނަށް ތަރައްގީއާއި ތަހުޒީބާއި ޒަމާނުގެ ހަލުވި ދުވެއްޔާ އެއްހަމައެއްގައި ކުރިއަށް ދެވޭނެ މަގު ހޯދައިދެމުންދާކަން އެއީ އުފަލާއެކު ބަލައިގަންނަން ޖެހޭ ވަރުގެ ނަސީބެއްކަން ޔަގީނެވެ. ކުންފުނީގެ މަންފާއަށްވުރެ ރައްޔިތުންގެ ލާބަ އިސްކުރާ އަދި ދެފަރާތަށް ވެސް ހަމަހަމަކޮށް ނަފާވެެރިކަން ލިބުމަށް ސްޓެލްކޯއިން ދަނީމިންނެތް މަސައްކަތް ކުރަމުންނެވެ.