ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކުރުމަށްފަހު ޗައިނާއިން ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

ޗައިނާގެ އެހީގައި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އެ މަަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

މާރާމާތުގެ މަސައްކަތް ނިމެންދެން ފޮރިން މިނިސްޓްރީ ހިންގުން މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލާ ޖެހިގެން ހުންނަ އެމްޓީސީސީގެ އިމާރާތަކަށް ވަނީ ބަދަލުކޮށްފައެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ނިންމައި މިއަދު ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖަންގް ލިޖޮން ވަނީ އެ އިމާރާތުގެ ތަޅުދަނޑި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލާ ހަވާލު ކުރައްވާފައެވެ.

ފޮރިން މިނިސްޓްރީއިން ބުނީ އެ މިނިސްޓްރީގެ އިމާރާތަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ ރަމްޒެއް ކަމަށެވެ.

މާރާމާތަށްފަހު ޚިދުމަތްތައް ދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.