ޔޫކޭއިން ފެނިގެން އުޅޭ ކޮވިޑް-19 ވައިރަހުގެ އާ ވޭރިއެންޓް ޗައިނާއިންވެސް ފެނިއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ޗައިނީޒް ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލްއިން މިއަދުއެވެ.

ކޮވިޑް ވައިރަހުގެ އާ ވޭރިއެންޓް ފެނިފައިވަނީ ޗައިނާގެ ޝަންހާއީއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ޒުވާން އަންހެނެއްގެ ގައިންނެވެ.

އޭނާ ޔޫކޭއިން އެނބުރި ޗައިނާއަށް އައިސްފައިވަނީ މި ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު ކަމަށް ސީޑީސީން ބުނެފައި ވެއެވެ.

ސީޑީސީން މިއަދު ޝާއިރުކުރި ނޯޓެއްގައި ބުނެފައިވަނީ، އެ އަންހެންމީހާ ޔޫކޭއިން އެނބުރި އައި އިރުވެސް ބަލީގެ ލުއި އަލާމާތްތަކެއް ފެނިގެން ވަގުތުން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ ކަމަށެވެ.

އޭނާގެ ޓެސްޓް ސާމްޕަލްގެ ޖެނެޓިކް ސީކުއެންސް ހެލްތު އެކްސްޕާޓުން ހަދާފައިވަނީ ޑިސެމްބަރު 24 ގައެވެ. އެއީ، ޔޫކޭއިން އެނބުރި އައި މީހެއްކަމަށް ވުމާއި، ކޮވިޑް ޓެސްޓުގެ ނަތީޖާއިން ތަފާތުކަމެއް ފާހަގަ ކުރެވުމުން ކަމަށް ސީޑީސީން ބުނެފައި ވެއެވެ.

ޖެނެޓިކް ސީކުއެންސް ހެދައި އަދި އިތުރު ޓެސްޓުތައް ހެދިއިރު އެއީ، ޔޫކޭއިން ފެނިގެންއުޅޭ ބީ117 ވޭރިއެންޓް ކޭސްއެއްކަން ކަށަވަރު ވެފައިވާ ކަމަށް ސީޑީސީން ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން ޗައިނާގެ ސިއްހީ އިދާރާތަކުން މިހާރުވަނީ ކޮންޓެކްޓް ޓްރޭސިންވެސް ހަދާފައެވެ.

ކޮވިޑް ވައިރަހުގެ އާ ވޭރިއެންޓެއް ޔޫކޭގައި ފެތުރޭން ފެށުމުން، ޔޫކޭއިން ފަސިންޖަރުން ގޮވައިގެން އަންނަ މަތިންދާ ބޯޓުތައް ޗައިނާއިން ވަނީ ޑިސެމްބަރު 24 އިން ފެށިގެން ސަސްޕެންޑް ކޮށްފައެވެ.

ޔޫކޭއިން ފެނިގެންއުޅޭ ވޭރިއެންޓަކީ، މިހާރު ފެތުރެމުންދާ ކޮވިޑް ވައިރަސްއަށްވުރެ ހަލުވިކަމާއެކު މީހުންގެ މެދުގައި ފެތުރޭ ވައިރަހެކެވެ.