ސުކޫލުތަކުގެ ޓާމް ބްރޭކްތަކަށް އަންނަ ބަންދުތަކާއި އަހަރީ ޗުއްޓީގައި ދަރިވަރުން ކިޔެވުމާ މުޅިން ދުރަށް ދިޔަނުދޭން އުފައްދާ އެކިކަހަލަ ޕްރޮގްރާމްތަކާމެދު ގިނަ ހިޔާލުތަފާތުވުންތައް އޮވެއެވެ. އެހެންނަމަވެސް ކޮންމެ ކަމެއްގެވެސް ދެކޮޅު އޮންނަ ގޮތަށް މިކަމުގެވެސް ދެކޮޅު އޮންނަނީ ކަމަށް ވިސްނިދާނެއެވެ. ތިމާގެ ދަރިފުޅު ބަންދުތެރޭގައި ސުކޫލުގެ ފޮތްތަކާއި ކިޔެވުމާ މުޅިންހެން ދުރަށް ދާކަށް އެއްވެސް ބެލެނިވެރިޔަކު ނުވަތަ މައިންބަފައިންނެއްވެސް ނޭދޭނެއެވެ. އެހެންކަމުން ހޮލިޑޭ ޕްރޮގްރާމް ގެ ނަމުގައި ކުރިއަށް ގެންދާ ކުލާސްތަކަށް ކުދިން ވެއްދުމަށް ބެލެނިވެރިން އިސްކަމެއް ދެއެވެ.
ބައެއް ފަރާތްތަކުން މިފަދަ ކުލާސްތައް ތައްޔާރުކޮށް ހިންގާ ފަރާތްތަކާމެދު ދެކޭ ގޮތް އެހާ ރަނގަޅެއް ނޫނެވެ. އެހެންނަމަވެސް އަނެއްބައި ފަރާތްތަކުން ދެކޭ ގޮތުގައި މިއީ އެމީހުންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ދަރިން ސްކޫލު ފިލާވަޅުތަކުގެ ބޭރުން ދީނީ ކަންތައްތަކާއި ބަހުގެ އެކިކަހަލަ ކުލާސްތައް ވަކިން ކިޔަވަން ލިބޭ ފުރުސަތެއްގެ ގޮތުގައިވެސް ބައެއް މީހުން ދެކެއެވެ.
"އެއީ ހަމަ ލާރިހޯދަން ވެގެން ކުރާ ކަންތައް، މުޅިންވެސް ސަކަރާތް ޖެހުމާއި ބޭކާރު ކަންތައް ކުރާނީ. ސުކޫލު ނިމުނީމަ ދެން ކޮން ހާއްސަ ކުލާހެއް ބާއްވާކަށް. ފިލާވަޅެއް ނުހުންނާނެ. ހޯމްވޯކެއް ނުހުންނާނެ،" މިއީ މިފަދަ ކުލާސްތަކާ ބެހޭ ގޮތުން ބައެއް ފަރާތްތައް ދެކޭ ގޮތެވެ. އެހެންނަމަވެސް ހަމަ މިއާ ވިއްދައިގެން ޒުވާބު ދިން އަނެއް ބެލެނިވެރިޔާގެ ވާހަކަ މުޅިން ތަފާތެވެ.
"ޓިއުޝަންތަކާއި މިކަހަލަ ކުލާސްތަކަކީ ހޯމްވޯކް ހައްދަން ފޮނުވާ ތަންތަނެއް ނޫން. އެކަމަކު އަބަދު އެހެން އެކަން ކުރާ ބަޔަކަށް ބޭނުމެއް ނުވާނެ މި ބަންދުތެރޭގައި ނަގައިދޭ ކުލާސްތައް. އަޅުގަނޑުމެންނަށް މުހިންމު، ފައިދާއާއި ނަތީޖާވެސް ނެރެވޭ."
"ގޭގައި އާދޭސް ކުރިއަސް ކުރިއަށް އޮތް އަހަރުގެ އެއްވެސް ފިލާވަޅަކާ މެދު ނުވިސްނާނެ. އަމުދުން ނަމާދުގައި ކިޔާތަކެއްޗާއި ގުރުއާނަށްވެސް ފަރިތަ ކުރުވަން މި ބަންދުތެރޭގައި ކުރިއަށް ގެންދާ ކުލާސްތައް އެހީތެރިވެދޭ." ތިންކުދިންގެ މަންމައަކު ކިޔައިދިން ގޮތުގައި ކޮންމެ ފަހަަރަކުވެސް އަންނަ ބަންދު ތަކުގައި ހޮލިޑޭ ޕްރޮގްރާމް ހިންގާ ހުރިހާ އެއުމުރުގެ ކުދިންނަށް ހާއްސަ ހުރިހާ ތަނެއްހެން ޗެކްކޮށް އެންމެ މުހިންމު ކުލާސްތަކުގައި ކުދިން ބައިވެރިކުރުވައެވެ. އަދި އޭގެ ނަތީހާއ ކިތަންމެހާވެސް ރަނގަޅެވެ.
ކުރިއަށް މިއޮތީ އަހަރީ ބޮޑުޗުއްޓީއެވެ. މުޅި އަހަރުދުވަހު ކިޔެވުމާއި ކިޔަވައިދިނުމުގައި އުޅުއްވި ހުރިހާ ފަރާތްތަކަށްވެސް މި ބަންދު މުހިންމުކަން ގައިމެވެ. އެހެންނަމަވެސް މުޅި ޗުއްޓީ ސަކަރާތާއި މަޖާ ކުރުމުގައި ކިޔެވުމާ ދުރުވުން އެހާ ރަނގަޅެއްނޫނެވެ.
"އަޅުގަނޑުމެންވެސް މުޅި ޗުއްޓީ އެކުގައި ބޭނުން، އެހެންނަމަވެސް ބެލެނިވެެރިންގެ އެތައް އާދޭހަކާއި ކަމުގެ ނާޒުކުކަމަށް ވިސްނާފައި ކުލާސްތައް ކުރިއަށް ގެންދަނީ. މުޅި ޗުއްޓީ އެކުގައި ނޫން އަޅުގަނޑުމެން ޕްރޮގްރާމްގައި ދެ ހަފުތާ ކުލާސްތައް ކުރިއަށް ގެންދަނީ. ބާކީ ދުވަސްތައް ދަރިވަރުންނަށްވެސް އަޅުގަނޑުމެންނަށްވެސް ޗުއްޓީ."
"ފައިސާގެ ބޭނުމުގައޭ އެދަންނަވާ ވާހަކަދެއްތޯ! އަޅުގަނޑުމެންނަށް މިހާރު މިކަނޑައަޅާ އަގުތައް ބޮޑުވެގެން އެފަދަ ވާހަކަ ދައްކާއިރު، މިނަގާ އަގުތަކަށް ހަމައެކަނި ކުދިން ގެނެސް ކިޔައިދީ ތަމްރީނު ހައްދާ ނިންމާލަނީ ނޫން. އަގާ އެކަށީގެންވާ ވަރުގެ ތަކެތި ހޯދަން. އަޅުގަނޑުމެން ހިންގާ ހޮލިޑޭ ކުލާސްތަކަށް އެންމެ ގިނައިން އަންނާނީ ޕްރީސުކޫލު ކުދިން. އެކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ހުރިހާ ސާމާނު ހަމަ ވަކިން ގަނެގެން ބޭނުންކުރަނީ. މިޒަމާނުގައި ކުދިންނަށް ކިޔަވައިދޭން ފަންސުރާއި ފޮތަކުން ނުފުއްދޭނެ. ޓެކްނޮލޮޖީއާ އެއްހަމައެއްގައި ކުރިއަށް ގެންދަން ޖެހޭ. ކުޅިވަރުގެ ތެރެއިން ކުދިން ދަސްކުރާނީ. ހަގީގަތުގައި މިއީ ފައިދާއަށްވުރެ ބޮޑަށް ހިތްހަމަޖެހުމާއި ދަރިވަރުންނާއި ބެލެނިވެރިންނަށްޓަކައި ކުރާ ކަމެއް." ކޮންމެ އަހަރަކުވެސް ބޮޑު ބަންދާ ދިމާކޮށް ހޮލިޑޭ ޕްރޮގްރާމްކުރިއަށްގެންދާ ފަރާތަކުން "ހަލި" ނޫހަށް ކިޔައިދިން ގޮތުގައި ބައެއްކަހަލަ ކަންތައްތަކަށް އަމިއްލަ ޖީބުންނާއި ބައެއް ފަރާތްތަކުގެ ދީލަތި އެހީ ނުލިބޭނަމަ އެތައް ކަންތައްތަކެއް ކުރިއަށް ގެންދިއުން އެކަށީގެނެއްނުވީހެވެ.
އެގޮތުން ގުރޭޑު އެކަކަށް ދާކުދިންނަށް އަމާޒުކޮށް "ޕްރައިމަރީ ސްޓާޓްސް' އަދި "ރެޑީ ފޯ ކޭޖީލާނަރސް" ކުލާސްތައް ކުރިއަށް ގެންދަނީ ކުޅިވަރުތަކުގެ ތެރެއިން ކަމަށް އެފަރާތުން ކިޔައިދިނެވެ. އަދި އެހެން ސެންޓަރަކުން މައުލޫމާތު ލިބުނު ގޮތުގައި މާލެއަށް އަހަރުޗުއްޓީއަށް އަންނަ ކުދިންވެސް މިކުލާސްތަކުގައި ބައިވެރިވެއެވެ. އެކަންތައް އެފަރާތުން އުފަލާއެކު ފާހަގަކުރެއެވެ، ކުދިން ގިނަވެގެން ދެ ސެޝަނުން ހަތަރު ސެޝަނަކަށް ބަދަލުކުރަން ޖެހާކަމަށްވެސް އެފަރާތުން ކިޔައިދިނެވެ.
"ގޭގައި ކިތަންމެ މަސައްކަތެއް ކުރިއަސް ބަދަލެއް ނުފެނޭ. އެދިޔައީ މިއަހަރު ގްރޭޑު ހަޔަކަށް، ނަމާދާއި ގުރުއާނަށް ކޮންމެހެންވެސް އަހުލުވެރިކުރަން ޖެހޭ، ބަންދު ތެރޭގައި 'ހޮލިޑޭ'ކުލާހަކަށް ފޮނުވަން ނިންމީ. އަކުރުތައް ދަސްވެ ބަަލައިގެން ކިޔަން އެނގުނަސް އެއީ ވަރަށްބޮޑު ވަރު. ނަމާދު ކުރަން އެނގި ދުއާތައް ދަސްވިޔަސް އެއީ ހަމަ ވަރަށް ބޮޑު ކާމިޔާބީއެއް." މިއީ "ހޮލިޑޭ" ކުލާސްތަކުގެތެރެއިން ކުލާހެއްގައި ކުއްޖާ ބައިވެރި ކުރާ ފަރާތަކުން ދިން ޖަވާބެކެވެ.
ހޮލިޑޭ ކުލާސްތައް ގެންދާ ޓީޗަރަކު ބުނި ގޮތުގައި މިކުލާސްތައް ކާމިޔާބެވެ. ވަރަށް ދަށް ކުރިން އެއްވަނައަށް ކުރިއެރިކަމަށް އެފަރާތުން ބުންޏެވެ. އަދި ލިބޭ އެންމެ ބޮޑު ހަމަޖެހުމަކީ ދަށްލެވެލްގައި ހުރި ކުއްޖާ މަތީލެވެލްއަށް ދާތަން ފެނުމެވެ.
ކޮންމެއަކަސް ހިޔާލުތަފާތުވިޔަސް މިއީ އަދުގެ ހާލަތަށް ޒަމާނުގެ އޮއިވަރުގައި އާދެވިފައި ތިބި ހިސާބަށް ބަލާލާއިރު މުހިންމެ ކަމެކެވެ. ބަންދުތެރޭގައި ދަރިވަރުން ފޮތާއި ފިލާވަޅާއި ސުކޫލުތައް މަތިން ހަނދާން ނެތި، ސަކަރާތާއި މަޖަލުގައި ޗުއްޓީ ނިންމާލުމަށްވުރެ ދެބައިވެސް ހަމަ ހަމައަށް ގެންދެވޭނޭ މަގު ފަހިކުރުމަށް ހޮލިޑޭކުލާސްތަކުގެ އެހީތެރިކަން ހޯދުމަކީ ރަނގަޅުކަމެކެވެ. އެކަމަކު އަމިއްލައަށް ގޭގައި ދަރިފުޅަށް ބުނެދީ ދަރިފުޅު ކުރިއަށް ދާކަން ޔަގީންނަމަ އެގޮތްވެސް ގޯހެއްނޫނެވެ. ބޭނުމަކީ ޗުއްޓީގެ ބޭނުން ރަނގަޅަށް ހިފުމެވެ.