ޚަލީފާ ކަމަށް އިސްކުރެއްވުމުގެ ކުރިން ޢުމަރު ބުން ޚައްޠާބު ރަޟިޔަﷲ އަންހް އަކީވެސް އަމިއްލަފުޅަށް ވިޔަފާރި ކުރައްވައިގެން ދިރިއުޅުމުގެ ޚަރަދުބަރަދު ބެލެހެއްޓެވި ބޭކަލެކެވެ.

އަބޫބަކުރުގެފާނަށްފަހު އެކަލޭގެފާނު ޚަލީފާކަމަށް އިސްކުރެވިއްޖެއެވެ. އެހިނދު މީސްތަކުން އެއްކުރައްވައި ވިދާޅުވިއެވެ. "އޭ މީސްތަކުންނޭވެ. ތިޔަބައި މީހުންނަށްވެސް އެނގޭނެ ފަދައިން މިއަދާ ހަމަޔަށް ވެސް އަހުރެންގެ އަމިއްލަ ދިރިއުޅުމުގެ ޚަރަދުބަރަދު ބެލެހެއްޓެވީ ވިޔަފާރި ކުރައްވައިގެނެވެ. ނަމަވެސް ތިޔަބައިމީހުން އަހަރެންނާ ޚަލީފާ ކަމުގެ ޒިންމާ މަތިކޮށްފިއެވެ. އެހެންކަމުން ދެން އަހުރެންނަށް ވިޔަފާރީގައި މަސްޢޫލުވެގެން ނޫޅެވޭނެއެވެ. ވީމާ އަހުރެންގެ ދިރިއުޅުމުގެ ކަންތައްތައް ބަލަހައްޓާނީ ކިހިނެއްތޯއެވެ؟" އެހިނދު ސަހާބީންގެތެރެއިން ބޭކަލުން އެކިއެކި ޚިޔާލުތައް ހުށަހެޅުއްވިއެވެ. ބައިތުލް މާލުން އެވެނި މިވެނި މިންވަރެއް ނަންގަވަން، އެކިއެކި އަދަދުތައް ހުށަހެޅުއްވިއެވެ. އަލީގެފާނުވެސް އެމަޖިލީހުގައި އިންނެވިއެވެ. ނަމަވެސް އެކަލޭގެފާނު އިންނެވީ ހިމޭނުންނެވެ. އެއްވެސް އެއްޗެކޭ ވިދާޅެއް ނުވެއެވެ. އެހިނދު އުމަރުގެފާނު އެއްސެވިއެވެ. "އޭ ޢަލީގެފާނެވެ. މިކަމުގައި ކަލޭގެފާނުގެ ޚިޔާލުފުޅަކީ ކޮބައިތޯއެވެ؟" އަލީގެފާނު ވިދާޅުވިއެވެ. "އަޅުގަނޑުގެ ލަފަޔަކީ ކަލޭގެފާނުގެ ޢާއިލާ ބެލެހެއްޓޭވަރުގެ އިނާޔަތެއް ބައިތުލް މާލުން ނެންގެވުމެވެ."

ދެންފަހެ ޢުމަރުގެފާނު އެހުށަހެޅުއްވުން ޤަބޫލުކުރައްވައި ކިރިޔާ ފުދޭނޭވަރުގެ އިނާޔަތެއް ބައިތުލްމާލުން ނެންގެވުމަށް އެއްބަސްވެވަޑައިގެންނެވިއެވެ. އެއަށްފަހު ދުވަސްތައް ފާއިތުވެގެން ގޮސް މުސްލިމުންނަށް ތަނަވަސްކަން ލިބުނެވެ. އެހިނދު ޢަލީގެފާނާއި ޢުޘްމާންގެފާނާއި ޒުބައިރުގެފާނާއި ތަލްޙަތުގެފާނު ފަދަ ބައެއް ބޭކަލުން ޢުމަރުގެފާނުގެ އިނާޔަތް ބޮޑުކުރެއްވުމަށް މަޝްވަރާކުރެއްވިއެވެ. އެހެނީ އެކަލޭގެފާނަށް ލިބިވަޑައިގަންނަވަނީ ކިރިޔަކިރިޔާ ފުއްދާލެވޭ މިންވަރުގެ އިނާޔަތަކަށް ވާތީއެވެ. މިކަމާބެހޭގޮތުން އުމަރުގެފާނާ މަޝްވަރާކުރެއްވުމަށް މިއިން އެއްވެސް ބޭކަލަކަށް ކެރިވަޑައި ނުގަތެވެ. ދެންފަހެ މިބޭކަލުން އެކަމުގައި އުމަރުގެފާނުގެ ވިސްނުންފުޅު ހުރިގޮތެއް ބެއްލެވުމަށްޓަކައި އުއްމުލް މުއްމިނީން ހަފްސާ ރަޟިޔަﷲ އަންހުގެ އަރިހަށް ވަޑައިގަތެވެ. އެކަމަނާ އަރިހުގައި ދެންނެވިއެވެ. "ޔާ އުންމުލް މުއްމުނީންއެވެ. ނިކަން އުމަރުގެފާނުގެ އަރިހަށް ގޮސް މިކަމުގައި އެކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތެއް އޮޅުންފިލުވައި ދެއްވަބައްލަވާށެވެ. ނަމަވެސް އެކަލޭގެފާނުގެ އަރިހުގައި، ނަމަނަމަ ތިމަން ބޭކަލުންގެ ނަން ވިދާޅު ނުވައްޗެވެ.

ހަފްސަތުގެފާނު މިވާހަކަ އުމަރުގެފާނުގެ އަރިހުގައި ދަންނަވައިފިއެވެ. އެހިދު އެކަލޭގެފާނު ކޯފާ އިސްކުރައްވައި ވިދާޅުވިއެވެ. "ތިޔައީ ކޮންބައެއްގެ ހުށަހެޅުމެއް ހެއްޔެވެ. ﷲ ގަންދީ ބުނަމެވެ. ތިޔައީ ކޮންބައެއްކަން އެނގޭ ނަމަ އެމީހުންގެ މޫނުމަތީގައި ޖެއްސެވީމުހެއްޔެވެ." އެހިނދު ހަފްސަތުގެފާނު ދެންނެވިއެވެ. "ޔާ އަމީރުލް މުއްމިނީންއެވެ. އިހަށް މިކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާގޮތް ވިދާޅުވެ ބައްލަވާށެވެ." އުމަރުގެފާނު ވިދާޅުވިއެވެ. "ލޮބުވެތި ދަރިކަނބަލުންނޭވެ. ނިކަން ބުނެބަލާށެވެ. ކަމަނާގެ ގެކޮޅުގައި ހުރި ހެދުންތަކުގެ ތެރެއިން، ރަސޫލުﷲ ގެފާނު ތުރުކުރައްވާ އެންމެ ރީތި ހެދުންކޮޅަކީ ކޮބައިތޯއެވެ." އެމަނާ ވިދާޅުވިއެވެ. "އެއީ ރަތްކުލައަކަށް ދާ ބުރައުން ކުލައިގެ ހެދުކޮޅެކެވެ. އެކަލޭގެފާނު ހުކުރު ދުވަސް ދުވަހު ތުރުކުރައްވާ ހެދުންކޮޅެކެވެ."އެއަށްފަހު އެކަލޭގެފާނު އެއްސެވިއެވެ. "ނަބިއްޔާ ސައްލަﷲ އަލައިހި ވަސަމަ ކަމަނާގެ ގެއިން ފަރިއްކުޅުއްވާ އެންމެ ރަނގަޅު ކާނާ އަކީ ކޮބައިތޯއެވެ. އެކަމަނާ ދެންނެވިއެވެ. "ވަރަށް އާދައިގެ ކެއުމެކެވެ. މަދުފަހަރަކު ލިބޭ ޕާންކޮޅެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުހުރެއެވެ. ހަމައެކަނި ކެއުމަކީ އެއީ އެވެ. އެއްދުވަހެއްގައި އަހުރެން ހުސްވެފައި ހުރި ބަޓަރު އެއްޗެއްގެ ތެރެއަށް ޕާންކޮޅެއް އަޅާފައި ދެއްވީމެވެ. އެހިނދު އެކަލޭގެފާނު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނަވައި ފާރީއްކުޅުއްވައި އަދި އެހެން މީހުންނަށް ވެސް އެ ކެއުމަށް ދަޢުވަތު ދެއްވިއެވެ." ދެން އުމަރުގެފާނު އެއްސެވިއެވެ. އެކަލޭގެފާނުގެ އެނދު ދާންކޮޅުގެ ހާލަތަކީ ކޮބައިތޯއެވެ. ހަފްސަތުގެފާނު ދެންނެވިއެވެ. "އެއީ ތަންކޮޅެއް ބޯ ފޮތިގަނޑެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނޫނެވެ. ހޫނު މޫސުމުގައި އެ ފޮތިގަނޑު ހަތަރު ފަށް ކުރައްވާފައި އޭގެ މަތީ އޮށޯންނަވައެވެ. ފިނި މޫސުމުގައި ދެފަށް ކުރައްވާފައި އެއްބައި ފަތުރުއްވާފައި އަނެއްބައި ގައިކޮޅުމަތީގައި އަޅުއްވައެވެ."

އެހިނދު އުމަރުގެފާނު އެކަލޭގެފާނުގެ ދަރިކަނބަލުންނަށް ނަސޭޙަތްތެރިވަމުން ވިދާޅުވިއެވެ. "އޭ ހަފްސާއެވެ. އެމީހުން ކައިރީގައި ބުނާށެވެ. ރަސޫލުﷲ ގެފާނުވަނީ އެކަލޭގެފާނުގެ އަމިއްލަ ދިރިއުޅުއްވުމުން ނަމޫނާ ދައްކަވާފައެވެ. އަހުރެން އެކަލޭގެފާނަށް ތަބާވާން ޖެހޭނެއެވެ. އަހުރެންނާއި އަބޫބަކުރުގެފާނާއި ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ ގެ މިސާލަކީ އެއްމަގަކުން ދަތުރުކުރި ތިން މީހުންގެ މިސާލެވެ. ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަ އެކަލޭގެފާނުގެ މަންޒިލަށް ވާސިލް ވެއްޖެއެވެ. އެކަލޭގެފާނުގެ ފަހަތްޕުޅުން އަބޫބަކުރުގެފާނު ވަޑައިގެން އެކަލޭގެފާނާ ގުޅިވަޑައިގެންފިއެވެ. އަހުރެންވެސް އެ ދެބޭކަލުންނަށް ތަބާވެއްޖެ ނަމަ އެބޭކަނުންނާ ބައްދަލުވާނެއެވެ. އެހެންނޫނީ ދުވަހަކުވެސް އެބޭކަލުންނާ ހަމަޔަށް ވާޞިލް ނުވެވޭނެއެވެ."

ވިސްނާލައްވާށެވެ. މިއީ އެދުވަސްވަރު އެންމެ ބާރުގަދަ ވެރިޔާގެ ވިސްނުންފުޅެވެ. ރަސްރަސްކަލުންނާއި ބާރުގަދަ ދައުލަތްތަކުން އެންމެ ޖެހިލުންވި އެންމެ ބިރުގަންނަ، ޚަލީފާ އުމަރު ބުން ޚައްތާބުގެ ދިރިއުޅުއްވުން ހުރި ގޮތެވެ. ކޮންފަދަ އާދައިގެ ދިރިއުޚުއްވުމެއް ހެއްޔެވެ؟

އެއްދުވަހު އެކަލޭގެފާނު ޚުތުބާ ދެއްވަން މިމްބަރުކޮޅުގައި ހުންނެވި އިރު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅުގައި 12 ޕެޗް އަޅުއްވާފައި ހުއްޓެވެ. އެހެން ދުވަހެއްގައި ތަންކޮޅެއް ލަހުން ހުކުރު ނަމާދަށް ވަޑައިގެންނެވުނެވެ. އެހިނދު ވިދާޅުވިއެވެ. މާފްކުރައްވާށެވެ. ތިމަންކަލޭގެފާނުގެ ހެދުންކޮޅު ދޮވެފައި ނުހިކިގެން ލަސްވީއެވެ. ތުރުކުރައްވާނެ އެހެން އެއްވެސް ހެދުމެއް ނެތެވެ. އަދިވެސް އެހެން ދުވަހެއްގައި އެކަލެގެފާނު ފަރިއްކުޅުއްވަން އިންނަވަނިކޮށް އުތުބާ އެކަލޭގެފާނު އަރިހަށް ޒިޔާރަތް ކުރެއްވިއެވެ. އެހިނދު އުތުބާއަށް އެތެރެއަށް ވަނުމުގެ އިޒުނަ ދެއްވައި ކެއުމަށް ދަޢުވަތު ދެއްވިއެވެ. އުތުބާ އެދަޢުވަތު ޤަބޫލުކުރައްވައި ބައިވެރިވެވަޑައިގަތެވެ. ނަމަވެސް އުތުބާގެ އަރުތެރެއިން އެކަލޭގެފާނު ފަރިއްކުޅުއްވަން އިންނެވި ޕާން އެތެރެވާ ގޮތެއް ނުވިއެވެ. އެހިނދު އުމަރުގެފާނަށް ވިދާޅުވިއެވެ. "ޔާ އަމީރުލް މުއުމިނީން އެވެ. މިއަށްވުރެ ރަނގަޅު ފުށަކުން ކަލޭގެފާނު ޕާން ތައްޔާރު ކުރެއްވުން ކިހިނެއްވާނެތޯއެވެ؟" އުމަރުގެފާނު ވިދާޅުވިއެވެ. "އޭ އުތުބާއެވެ. ހުރިހާ މުސްލިމުންނަށް ވެސް އެފަދަ މޮޅު ގޮދަން ގަނެވޭނެ ތޯއެވެ؟" އުތުބާ ވިދާޅުވިއެވެ. "ނޫނެކެވެ. ހުރިހާ މުސްލިމުންގެ ކިބައިގައި އެވަރުގެ ތަނަވަސްކަމެއް ނުހުންނާނެއެވެ." އެހިނދު އުމަރުގެފާނު ވިދާޅުވިއެވެ. "ތިބާ އެދެނީ މިދުނިޔެމަތީގައި އަހުރެން ހިތްއެދޭ ހުރިހާ ކަމެއް ހާޞިލް ކުރުމަށް ހެއްޔެވެ؟"

ނިކަން ވިސްނާލަބަލާށެވެ. މިއީ އެޒަމާނުގައި ހުންނެވި އެންމެ ބާރުގަދަ، އެންމެ ބިޔަބޮޑު ދަޢުލަތުގެ ވެރިޔާގެ ދިރިއުޅުއްވި ގޮތެވެ. މަތިވެރި ސަހާބީން ދިރިއުޅުއްވި ގޮތެވެ. އަހުރެމެން މިސާލު ނަގަންވީ އެބޭކަލުންގެ ހަޔާތުންނެވެ. އޭރުން ފަހަރެއްގައި ލަގްޒަރީ ދިރިއުޅުމެއް އުޅުމަށްޓަކައި އެކަކު އަނެކަކާއި ވާދަކޮށް ކުރިއަރައި ދިޔުމާ މެދު ހިތުގައި އޮންނަ އެދުންވެރިކަން ކުޑަވެ، ކުޑަމިނުން އަމިއްލަ ނަފްސު އެކަންކަމާއިމެދު ލަދުވެތިވެދާނެ ތޯއްޗެކެވެ.

މަސްދަރު: حکایت صحابہ (رضی اللہ تعالی عنهم اجمعین ) ޝެއިޚް މުޙައްމަދު ޒަކަރިއްޔާ