ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީސީޖީ ވެކްސިންގެ ޝިޕްމަންޓެއް އިންޑިއާއިން ފޯރުކޮށްދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުގެ އެދުމަކަށް، ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީސީޖީ ވެކްސިންގެ 10 ޑޯޒް ހިމެނޭ 2400 ވައިލްސް އިންޑިއާއިން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނިގޮތުގައި ވެކްސިންގެ މި ޝިޕްމަންޓް މިއަދު ވަނީ ރާއްޖެ ގެނެވިފައެވެ.

އެ މިނިސްޓްރީން ބުނީ ވައިގެ މަގުން އިންޑިއާގެ މުމްބާއީއިން ކުއްލި ގޮތަކަށް މި ވެކްސިން ޝިޕްމަންޓް ގެނެވިފައިވަނީ އިންޑިއާ ސަރުކާރުގެ އިދާރާތަކާއި، މިނިސްޓްރީ އޮފް ހެލްތު، ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން އަދި އިންޑިއާގެ މުމްބާއީގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ގުޅިގެން ކުރެވުނު މަސައްކަތުން ކަމަށެވެ.

ދިވެހިރާއްޖެއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައިވެސް އިންޑިއާއިން ފޯރުކޮށްދެއްވާ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރާއި، ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރެއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ދިވެހިރާއްޖެއިން ހިމަބިހި ފެނުމާ ގުޅިގެން ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަކަށް އިންޑިއާއިން 30 ހާސް ޑޯޒްގެ އެމް.އާރް (މީސަލްސް ރުބެއްލާ) ވެކްސިން ރާއްޖެއަށް ފޯރުކޮށްދިނެވެ. އަދި ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ބޭޙުގެ ބާވަތްތައް ހުއްޓުމެއް ނެތި ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނެވެ.