ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ކާބަންކޯއިން ބޭއްވި "ސާފު ހުޅުމާލެ" އިވެންޓު 3،000 ބައިވެރިންނާއެކު ކާމިޔާބުކޮށް ނިންމާލައިފިއެވެ. މި ހަރާކަތް ބާއްވާފައިވަނީ އިއްޔެ ހެނދުނު 7:30 އިން ފެށިގެން 10:30 އަށެވެ. މި ހަރަކާތުގައި ސަރުކާރުގެ ކުންފުނިތަކާއި، މިނިސްޓްރީތަކާ، މާލެ ސަރަހައްދުގެ ސުކޫލުތައް އަދި އެކި ޖަމިއްޔާތަކުން ބައިވެރިވެގެން މުޅި ޖުމްލަ 3،000 މީހުން ބައިވެރިވެފައިވާ ކަމަށް އާބަންކޯއިން ބުނިއެވެ.

މި ހަރަކާތުގައި މުޅި ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭ ގެ މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދު ތަކެއް ސާފުކޮށްފައިވެއެވެ. މި ސަރަހައްދުތައް ސާފު ކުރީ ޖުމްލަ ހަތް ބަޔަކަށް ބަހައިގެންނެވެ.

މިހާ ކާމިޔާބުކޮށް ކުރިޔަށް ގެންދެވުނު ހަރަކާތުގައި ކޮކާ ކޯލާ، މޯޕާ، އަދި ވެމްކޯގެ އިތުރަށް އެމްޕީއެލް، އެމްއާރްސީ، ބުރުޒު ކޭޓަރިން، އަދި ވެލިގާ ހާޑްވެއަރގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންދިޔަ ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަރަކާތް ނިންމާލުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އާބަންކޯއިންވަނީ އެ ހަރަކާތުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ފިލާއެއް ދީފައެވެ.

އާބަންކޯއިން ތިމާވެއްޓަކީ ސާފު އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ތައާރަފްކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ބޭއްވުނު މި ހަރަކާތަކީ މިފަދަ ދެވަނަ ކްލީން އަޕް އިވެންޓެވެ. އަދި އާބަންކޯއިންވަނީ މިކަން ދެމެހެެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ހާއްސަ ޗެލެންޖެއް ވެސް ތައާރަފްކޮށްފައެވެ. މި ޗެލެންޖުގެ އެންމެ ފުރަތަމަ ޗެލެންޖު ކޮށްފައިވަނީ ސްޓެލްކޯއަށެވެ.

މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން ވެސް އެއް މަސްދުވަސް ތެރޭގައި އެއް މެގަ ކްލީން އަޕް އިވެންޓު ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރާނެކަމަށް އާބަންކޯއިން ބުންޏެވެ. ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަޝަންދަތި އަރުވަން ޖެހެއެވެ. އެގޮތުން މިއަދުގެ އިވެންޓު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި އަރބަންކޯގެ ފަރާތުން ވަނީ ރަމްޒީ މަޝަންދަތީގެ ފިލާ ސްޓެލްކޯއަށް އަރުވާފައެވެ. އާބަންކޯއިން ދަނީ ތިމާވެއްޓާ ބެހޭ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ.