ރައްޔިތުންގެ ފުރިހަމަ ތާއީދާއި، ފުރިހަމަ އަޣުލަބިއްޔަތަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނޭ ކަމަށް ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ގާސިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތު ނިމުނީ ވަރަށް ކާމިޔާބުކަމާއެކު ކަމަށާއި ގާސިމަށް ޓިކެޓް ހަވާލުކުރެއްވުމަށާއި ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައި، ކުރެއްވި ޓުވީޓެއްގައެވެ.

މިޓުވީޓުގައި އިލްހާމް ވަނީ ގާސިމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ހަމައެއާއެކު މިޓުވީޓުގައި ރޭގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް އިލްހާމް ވަނީ އަމިއްލަ ނަމުގައާއި ޖުމްހޫރީ ޕާޓީގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.

"ﷲގެ ހެޔޮ ރަހުމަތާއެކު މިއަހަރުގެ ރިޔާސީ އިންތިހާބު ޖުމްހޫރީ ޕާޓީ އިން ކާމިޔާބު ކުރާނީ ރައްޔިތުންގެ ފުރިހަމަ ތާއީދާއި، ފުރިހަމަ އަޣުލަބިއްޔަތަކުން. ޖުމްހޫރީ ޕާޓީއާއި ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ވަކި ކުލައަކަށް، ވަކި ފިކުރަކަށް، ވަކި ވިސްނުމަކަށް، ވަކި ޕާޓީއެއް ބެލުމެއްނެތި އެންމެންނަށް ފުރުޞަތުދޭނެ ޕާޓީއެއް."
ގާސިމްއިބްރާހީމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވެވަޑައިގަންނަވާ ވައުދުތަކަކީ އަކުރުން އަކުރަށް ފުރިހަމަ ކުރެވިގެންދާނެ ވައުދުތަކެއް ކަމަށްވެސް އިލްހާމްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.