ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އޮތް ތާއީދު ފެނިފައި އިދިކޮޅު ފަރާތްތަކުގެ ހިތުގައި އުފެދޭ ނަފުރަތާއި ހަސަދަވެރިކަން ބޮޑުކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒާ ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއާ ހަވާލު ކުރުމަށް ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޖަލްސާ ފެށުމުގެ ކުރީގައި އިދިކޮޅުން އެތަނުގައި ހުރި ހުސްގޮނޑިތައް ގުނައި އެގޮނޑިތަކުގެ ފޮޓޯތައް ޓުވީޓު ކުރަމުންދިޔަ ކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

"އިދިކޮޅުންތިބީ ހުސްގޮނޑިގުނަން، ޖަލްސާފެށުމުގެ ކުރިން ހުސްގޮނޑީގެ ފޮޓޯނަގާ ޓުވީޓްކުރަނީ ހިތުގަ އުފެދޭ ނަފުރަތާއި ހަސަދަވެރިކަން ބޮޑުކަމުން! ހަގީގަތުގަވެސް އަތޮޅުތެރެއިން މީހުން ނުގެނެސް ރޭގެ ޖަލްސާއިން އޮނަރަބަލް ގާސިމު އިބުރާހިމް އަށް އޮތް ތާއިދު ދައްކާލައިފި! ޝުކުރިއްޔާ ދިވެހިރައްޔިތުން! ހާސްކަނޑާލާ! ހަމަޖެހޭނެ!"

މިޖަލްސާގައި ޖެހި ގޮނޑިތައް ފުރި މީހުން ހާޒިރު ވުމުގެ ކުރީގައި، ޖަލްސާ ފެށުމުގެ މާކުރިން އިދިކޮޅު ފަރާތްތަކުން ޖަލްސާގެ ފޮޓޯ ނަގައި އެކި ގޮތްގޮތަށް ސޯޝަލްމީޑިޔާގައި ހިއްސާކޮށްފައިވާ ކަމަށްވެއެވެ.

ވޭތުވެދިޔަ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައިވެސް ގާސިމް ވާދަކުރެއްވިއެވެ. އެހެންނަމަވެސް ކާމިޔާބުވެ ވަޑައިގެންފައިނުވެއެވެ. މިފަހަރު ގާސިމް ވިދާޅުވެފައި ވަނީ ދިވެހިންނަށް އެމްޑީޕީއާއި ޕީޕީއެމް ވެސްތަޖުރިބާ ކުރެވިއްޖެ ކަަމަށެވެ. އެހެންކަމުން ވެރިކަމުގެ ހަގީގީ މޫރިތިކަން ދެކެން އެމަނިކުފާނު ހޮއްވެވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.