ރަސްގެފާނު އަމުރުފުޅު ކުރައްވާފައިވާ ދުވަހަކާ ވަގުތެއް ފިޔަވައި އެހެން ވަގުތެއްގައި މިފެންގަނޑަށް އެއްވެސް ޕަރީއަކު އައުންވާނީ މުޅިން މަނާކުރެވިގެންނެވެ. އަދި ޕަރިސްތާނުގެ ޤާނޫނުގެ ދަށުން މިބޮޑު ކުށް ފުރަތަމަ ފަހަރަށް މިކުރެއްވުނީ ވެސް އަލް އަބީރުލްމާލިކް ރަސްގެފާނުގެ ހަމައެކަނި ހުންނެވި ރަސް ދަރިކަނބަލުންނަށެވެ. އަބަދުވެސް ރަސްގެފާނު ވިދާޅުވެއެވެ. އެމަނިކުފާނުގެ އަމުރަކާ ނުލައި ދުނިޔޭގެ މިބިމުގައިވާ ޖަޒީރާ ރަށުގައިވާ ފެންގަނޑަށް އެރުންވަނީ މަނާކުރެވިފައެވެ. އެފެންގަނޑަށް އެރޭނެ ވަގުތަކާއި ދުވަހަކާއި އަހަރުތަކެއް ވާނީ ކަނޑައަޅުއްވާފައެވެ.

އެއީ މީގެ އެތަކެއް ހާސް އަހަރުތަކެއްގެ ކުރިން ނިންމަވައި ސިއްކަޖެހިފައިވާ ޕަރިސްތާން ގަނޑުވަރުކޮޅުގެ އެންމެބޮޑު އެއްގާނޫނެވެ. އަދި މީގެ އެތަކެއް ސަތޭކަ އަހަރުތަކެއްގެ ކުރިން ޖަރާކް ޖިންނީން ސަލާމަތް ވުމަށްޓަކައި ރަސްގެފާނުގެ އަމުރުފުޅަކާއި ނުލައި ޕަރީންގެ އެއްވެސް ހާދިމަކު ނުވަތަ ޕަރީންގެ އަންހެނަކަށް ވެސް މިފެންގަނޑަށް އެރުން ވަނީ މަނާ ކުރައްވާފައެވެ.

ސަބަބަކީ ޖަރާކް ޖިންނިއަކީ ޕަރިސްތާނުގެ ބޮޑު ވެގެންވާ އަދާވާތް ތެރި ދުޝްމިނަކަށް ވެފައި އޭނާއަށް އެއްވެސް ހާލަތެއްގައި އެއްވެސް ޕަރީއަކު މިފެންގަނޑަށް އެރެން އުޅުނުކަން އެނގުނަސް އެޕަރީއެއް ގާކޮއްލައި ފުނޑާމުގުރާ ލަފާނެތީއެވެ. އަދި ޖަރާކް ޖިންނި ޕަރިސްތާނުގެ ގަނޑުވަރު ހިޞޯރުކޮށް އެތާނގައި ވެރިކަން ހޯދަން އުޅޭނެތީއެވެ. ޖަރާކް ޖިންނި ހައްޔަރު ކުރެވިފައިވާ ސިހުރުފޮތް ގުޅީގެ ތެރެއިން ނެގި ވަކިކުރެވިފައިވާކަން ޕަރިސްތާނުގެ ރަސްގެފާނަކަށް އިނގިލައްވައިފައެއް ނުވެއެވެ. މީގެ އެތަކެއް ސަތޭކަ ހާސް އަހަރު ކުރިން ޖަރާކް ޖިންނީގެ ހަށިގަނޑާއި އޭނާގެ ހިޔަނި ވަކިކޮށްލެވުނެވެ. އަދަބެއްގެ ގޮތުން އޭނާ އަމިއްލަޔައް ހަދައިފައިވާ ކަޅުސިހުރު ފޮތުގެ އެތެރެއަށް އޭނާގެ ހަށިގަނޑު ލައި ނުނިކުމެވޭނެ ގޮތަށް ހައްޔަރުކުރެވުނެވެ.

އޭނާގެ ހިޔަނިވާނީ ޖައްވުގެ ތެރެއަށް ފޮނުވާލައިފައެވެ. އެހެންނަމަ ވެސް ޚުދް ޕަރީންގެ ރަސްގެފާނަށް ވެސް އެފޮތުގައި ޖަރާކްޖިންނި ލިޔެފައިވާ ބަހުރުވައެއް އެނގިވަޑައި ނުގަންނަވައިއެވެ. ރަސްގެފާނަށް އެ ސިހުރު ފޮތުގައިވާ އެއްވެސް ކަމެއް ސާފުކޮށް އެނގިވަޑައި ނުގަންނަވާތީ ޖަރާކް ޖިންނީގެ ހިޔަނީގެ ކިބައިން ސަލާމަށް ވުމަށްޓަކައި އަބަދުވެސް ވަނީ ޕަރީ ފެންގަނޑަށް ވަކި ދުވަހަކާއި ވަގުތަކަށް ތިރިކުރެއްވުން ނިންމަވާފައިއެވެ. ސަބަބަކީ ޖަރާކް ޖިންނީ ގެ ސިހުރަކީ ބާރުގަދަ ސިއްރުވެރި އެއްޗަކަށް ވުމުންނެވެ.

މި ޖިންނި އަކީ އޭނާގެ އަމިއްލަ އިލްމުގެ ކަޅު ސިހުރު ހާހޫރަ ހަދަން ދަސްކޮށްފައިވާ ޖިންނިއެކެވެ. ޖަރާކް އެފޮތުގައި ލިޔެފައިވާގޮތުން އޭނާގެ އެފޮތް އެއްވެސް އިންސާނަކު ނުވަތަ ޖިންނިއަކު އެންމެ ފުރަތަމަ އަތްލައި ނަގައިފިއްޔާ އެމީހަކާ ފޮތާ ދެމެދުގައި ވަރަށް ވަރުގަދަ ގުޅުމަކުން ހިލިހިލާ އެޅޭނެއެވެ. އަދި އެބައެއްގެ ދަރިފަސްކޮޅުގައި މިކަން ވާރުތަ ވާނެއެވެ. މިފޮތް ނަގައި އަތްލައި ހަދައިފި މީހަކަށް ޖެހޭނީ ބޮޑު ކަޅުސިހުރެކެވެ. އަދި ޖަރާކް ޖިންނީގެ ވީއްލިގެންވާ ހިޔަނި އައިސް އެމީހެއްގެ ދަރިފަސްކޮޅާ ހަމައަށް ދާންދެން އަވަލާނެއެވެ. އެބައެއްގެ ދަރިފަސްކޮޅުގެ އެންމެފަހު މީހެއްގެ އަޖަލު ހަމަވެ ނުވަތަ ދުނިޔެއިން މޮޔަވެ ބުއްދިފިލައި ގޮސް ހަމަހޭ ކެނޑިގެން ހަލާކުޗަވެއްޖެއުމަށް ދާންދެން ޖަރާކް ޖިންނިއަކަށް އެފޮތުގެ ތެރެއިން ނުނިކުމެވޭނެއެވެ.

އަދި އެގަޑިޖެހުމުން އޭނާގެ ހަށިގަނޑުން ވަކިކުރެވިފައިވާ ހިޔަންޏާ އި ގުޅިލާމެހި އޭނާ ކުރިންހުރިގޮތަށް ރުޖޫޢަވާނެއެވެ. ދެން އަލްއަބީރުލްމާލިކް ރަސްގެފާނު އޭނާއަށް މިދެވުނު ބޮޑު އަނިޔާގެ ބަދަލު ވެސް އޭނާ ހިފާނެއެވެ. އެއީ ކޮންމެ ގޮތަކުން ވިޔަސް މެއެވެ. ޖަރާކް ޖިންނީގެ މި ސިހުރުފޮތުގެ އަވާގައި ޖެހޭ މީހަކަށް އެމީހެއްގެ ކިބައިން އެކިކަހަލަ އެހީ ހޯދުމަށް މަސައްކަތް ކުރުމުގެ ގޮތުން އޭނާގެ ވީއްލިގެންވާ ހިޔަނި އައިސް އެމީހެއްގެ ހަށިގަނޑު ތެރެއަށް ވަދެ މުޅި ހަށިގަނޑާއި ސިކުނޑި ހިސޯރުކޮށް ރަހީނުކުރާނެއެވެ. އޭނާ އެ ހަދައިފައިވާ ފޮތުން ސިހުރު ހާހޫރަ ހެދުމަށް ބޭނުންވާ ގޮތްތަށް ހަދާނެއެވެ.

ޖަރާކް ޖިންނީގެ ހިޔަނި ވާނީ އެމީހެއްގެ ހަށިގަނޑު އެތެރެއަށް ވަދެ އޭނާ ބޭނުންވާކަހަލަ ވަސީލަތަކަށް ވެފައެވެ. ޖިންނި މޮޔަވުން ނުވަތަ ޖިންނި އަވަލައިގެންނޭ ވެސް މިކަމަށް ކިޔާނެއެވެ. އަދި އެމީހެއްގެ ހަށިގަނޑު ތެރެއަށް ވަދެ އޭގެ ބޭނުން ހިފާނެއެވެ. އެކަންތަށްތަކުގެ ތެރޭގައި ކަޅު ސިހުރު ހާހޫރަ އާއި ފަންޑިތަ އަދި ފާލުބެލުން ފަދަ އެންމެހައި ނަޖިސްވެގެންވާ ހުއްދަނޫން ނުބައި ކަންތައްތައް ކުރުވުމުގައެވެ. ރާހި ބެލުމާއި އަތް ބެލުން އަދި ތަށި ދުއްވުން ވެސް ހިމެނޭއެވެ.

މިހާރު ކޮންމެ ހާލެއްގައި ވިޔަސް މުއާވިޔަތު އެހެރީ ކުއްވެރިވެ އަދަބު ހައްގު ވެފައެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ވައިބާރުވާން ފެށިއެވެ. މުޅި ސަރަހައްދުން ދުންފިނި އަރަން ފެށިއެވެ. އުޑުމަތީގައި އެކިކުލައިގެ އަލިގުޅަ ތަކެއް އެއްކޮޅުން އަނެއްކޮޅަށް އެނބުރެމުން ދުވަން ފެށިއެވެ. ފެންނައިރުގައި ހީވަނީ ޖައްވުތެރޭގައި ހަވާ އަރުވައިގެން އަލިފާނުގެ މަންޒަރުތަކެއް ދައްކާހެންނެވެ. ޝަބީބާ ކަމަނާގެ ފަހަތްޕުޅުގައި އަނގުރު އަލިފާން ފަދައިން ކަނި ބުރުވަމުން ދިއްލިފައި ތިބި ރީތި ޚޫރު ޕަރީންތަށް އެ ކަނބަލުންގެ ބޮޑެތި ވަރަތަށް ހުޅުވައި ތަޅުވަން ފެށިއެވެ.

އެ ޕަރީންތަށް އަނގަތަށް ހުޅުވައިފިއެވެ. ހުރިހާ ޕަރީންތަށް އެއްއަޑަކަށް ވަރަށް ބާރު އަޑު ތަކަކުން ހުއްޓުމެއް ނެތި ބިންގަނޑު ގުޑާގެން ދާވަރުގެ އަޑުތަކެއް ލައްވާން ފެށިއެވެ. މިއަޑުފައް ގަނޑު ގަދަކަމުން ސިއްދީގާއި މުއާވިޔަތު ގެ ކަންފަތަށް ވެސް އުދަގޫވާން ފެށިއެވެ. ހީވަނީ އެމީހުންގެ ކަންފަތުގެ ތޫރިތައް ފަޅައިގެން ދާންއުޅޭހެންނެވެ. އެ ދެމީހުންގެ ކަންފަތުންނާއި ނޭފަތުން ލޭ ފައިބާން ވެސް ފެށިއެވެ.

ޝަބީބާ ކަމަނާ މުއާވިޔަތު ުގާތަށް ޖެހިވަޑައިގެން މައްޗަށް ބައްލަވަން ހުންނަވައި ވިދާޅުވެއްޖެއެވެ.

އެފެންނަނީ އަހަރެންގެ ބައްޕާފުޅުގެ ބޮޑު ލަޝްކަރު!. އެމީހުން އެއަންނަނީ އަހަރުމެން ގެންދަން!. އެމީހުން މުއާވިއަތު ގޮވައިގެން ނޫނީ ނުދާނެ!.

މިހެން ޝަބީބާ ކަމަނާ ވިދާޅުވުމުން މި އަޑު އިވިފައި ސިއްދީގާ އި މުއާވިޔަތު ދެމީހުން އެކަކު އަނެކަކަށް ބިރުން ތިބެ ބަލައިލައިފިއެވެ. މުއާވިޔަތު ބިރުން އޭނާއަށް މާފުދީ ދޫކޮށްލުމަށް ބުނެފިއެވެ. އެހެން ނަމަ ވެސް އެކަމެއް ޝަބީބާ ކަމަނާ އަކަށް ކޮށެއް ނުދެއްވޭނެއެވެ. އެކަން ނިންމަވައި ދެއްވާނީ ހަމައެކަނި ޕަރީންގެ ރަސްގެފާނެވެ.

މިހެން ތިއްބާ ޝަބީބާ ކަމަނާ ފަހަތުގައި ތިބި ހުރިހާ ޕަރީން މުއާވިޔަތު ވަށައިލުމަށްފަހު އެހުރިހާ އަންހެން ޖިންނީން އަތާއި އަތްގުޅާލައި ވަށްބުރަކަށް ވާގޮތަށް މުއާވިޔަތު މެދުގައި ބަހައްޓާފައި، އެހުރިހައި ޕަރީން އަލިފާންގުޅަތަކަކަށް ވެގެން މުއާވިޔަތާ އެކީ އަރައިގެން ހިނގައްޖެއެވެ. ޝަބީބާ ކަމަނާ އެ ކަމަނާ ގެ ބޮޑު ވަރަ ހުޅުއްވާ ލައްވައި ދިއްލައިފައި ގަދަ ނޫކުލައިގެ އަލިފާންކަނި ބުރުއްވަން ފެއްޓެވިއެވެ.

ސިއްދީގު ކުއްލިއަކަށް ޕަރީ އާދިމާލަށް އެނބުރިލާފައި ބުންޏެވެ.

"ޕަރީ ކަމަނާ؟ ކަމަނާއަށް ނޭނގި ކަމަނާގެ ތި ރީތި ސިފަ އަހަރެންނަށް ފެނުނުފަހުން މިވަނީ ތިޕަރީ ކަމަނާ ދެކެއިންތިހާ އަށް ލޯބިވެވިފައި."

"އަހަރެންނަށް އެންމެ ފުރަތަމަ ތި ޕަރީ ކަމަނާ ފެނުނީއްސުރެ ތިސޫރަ ނޫން އެހެން އެއްޗެއްދެކެ ލޯތްބެއް ނުވަމު!"

"މުއާވިޔަތު ތިޔަގެންދަނީ އޭނާ ކަމަނާއަށް ކުރި ގޯނާގެ ބަދަލުގައި ކަމަނާގެ ކައިވެންޏަށްޓަކައި ވިއްޔާ އަހަރެން އެކަމާ އިންތިހާއަށް ނަފްރަތާއި ހަސަދަވެރި ވާނަން!"

" މުއާވިޔަތަށް ވުރެ ވެސް ކުރިން ތި ޕަރީ ކަމަނާ ފުރަތަމަ ފެނުނީ އަހަރެންނަށް."

"އެކަމަކު އަހަރެން ކަމަނާއަކަށް އެއްވެސް ގޯނާއެއް ގެއްލުމެއް ވެސް ނުދެން."

"އަހަރެންނަށް ދިރިދުނިޔޭގައި ހުރެވިއްޖިއްޔާ އަހަރެންނަށް ކުރެވުނު ހުރިހާކަމެއް ކޮށްގެން ނަމަ ވެސް އަހަރެންނާ ހަމައަށް ތި ރީތި ޕަރީ ކަމަނާ އަހަރެންގެ އަމިއްލަ މިލްކަކަށް ހެދުމަށް އެއްދުވަހަކުން ގެންނާނަން."

"އެކަމަކު ވެސް އަހަރެންނަކަށް ތި ޕަރީ ކަމަނާ ގެންނަން ހަދާނެގޮތެއް އަދިއެއް ނޭނގޭ. "

"އެކަމަކު އެކަންކުރުމަށް އަހަރެންނަށްވީ ހުރިހާ މަސައްކަތެއް ކުރާނަން. ކަމަނާ އަހަރެން ނޫން އެހެންމީހަކަށް ލިބޭކަށް އަހަރެން ނޭދޭނަން "

ސިއްދީގު ހުރީ އޭނާގެ ހަޔާތުގައި ކޮންމެ ފަދަ ގުރުބާނީއެއް ވެގެން ވެސް ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ އަދި އެއްފަހަރު އޭނާގެ ގާތަށް ގެންނަން ބޭނުންވެފައެވެ.

ސިއްދީގު ވަރަށް ބާރަށް ބުނެލިއެވެ.

"އަދި ތި ޕަރީ ކަމަނާ އަހަރެންނާ ހަމައަށް ގެންނާނަން.....! ސިއްދީގު މިހެން ހަރުއަޑުން ބުނެލިއެވެ. "

އެވަގުތު ޝަބީބާ ކަމަނާ ވިދާޅުވެ ލެއްވިއެވެ.

"އަހަރެންނަކަށް ދެނެއް ދުވަހަކު ވެސް މިފެންގަނޑަކާ ހަމައަކަށް ނާދެވޭނެ."

" އަހަރެންގެ ބައްޕާފުޅު ގެ އަމުރުފުޅަކާ ނުލައްވައި މިކުރެވުނު ކުށުގެ އަދަބުގައި ބައްޕާފުޅު އެކަމުގެ އެކަށީގެންވާ ހައްޤު އަދަބު ދެއްވާނެކަމީ ޔަޤީންކަމެއް."

" އަހަރެންނަށް ދުވަހަކު ވެސް ނުއުދުހެވޭނޭ ގޮތަށް އަހަރެންގެ ފިޔަނގަނޑު ގާ ކޮއްލުމަށް ފަހު މުގުރާލައި ނުވަތަ ދެން އަހަރެންނަށް މި ބިމަށް ނުފޭބޭނެ ގޮތަށް ތާ އަބަދަށް ޕަރިސްތާނުގެ ގަނޑުވަރުގައި ހައްޔަރު ކުރުން. "

"މިދެގޮތުންކުރެ އެއްގޮތަށް އަހަރެންގެ މައްޗަށް ވެސް ބައްޕާފުޅު ހުކުމް ތަންފީޒު ކުރައްވާނެ ކަމީ ކަށަވަރުކަމެއް! "

މިހެން ޝަބީބާ ކަމަނާ ވިދާޅުވެލައްވައިފައި އެކަމަނާ ގެ ވަރަފުޅުން ގަދަނޫކުލައިގެ ބޮޑެތި ކަނި ބުރުއްވަން ފެއްޓެވިއެވެ. ޕަރީ ކަމަނާ ތެޅިގެންނަވައި ފައިގަދަ ނޫކުލައި ގެ ބޮޑުއަލި ގުޅައަކަށް ބަދަލުވެ ވެވަޑައިގެންފިއެވެ. އެ ކަމަނާ މައްޗަށް އުދުހިވަޑައިގެން ނެވުމުގެ ތެރޭގައި ޕަރީ ކަމަނާއަށް ނޭނގި އެކަމަނާ ގެ އަތްޕުޅުގައިވާ ތަނޑުބައިތަކުން ތަކުން ބިއްލޫރި އެއް ތަނޑިގަނޑު ބިންމަށްޗަށް ވެއްޓުނެވެ. އެ ކަމަނާ ގެ މިތަނޑިފުޅު ވެއްޓުނު ކަމެއް ޚުދް ޝަބީބާ ކަމަނާ އަކަށް އެނގިވަޑައިނުގަން ނަވައެވެ. އެ ރީތި ޖިންނި އަންހެން ސާހިބާ ކަމަނާ ބޮޑު އަލިފާންގުޅައަކަށް ބަދަލުވެ ފިޔަޖަހައި އުދުހި އެދިޔަގޮތަށް މައްޗަށް އަރަައިވަޑައިގެން ގޮސް ެފަޒާގެ ތެރެއަށް ގިނިހިލަ އެއް ދާ ގޮތަށް ގެއްލި ވަންހަނައި ވެއްޖެއެވެ.

ސިއްދީގު ތިރިއަށް ގުދުވެލާފައި ޕަރީ ކަމަނާގެ އަތްޕުޅުން ދޫވެގެން ވެއްޓުނު ތަނޑުގަނޑު ނަގައި އެއަށް ވަރަށް ގާތުން ބަލައިލިއެވެ. އެއީ ވަރަށް ބޯ ބިއްލޫރި ތަނޑުގަޑެކެވެ. އެކަމަކު އެއަށް ފުންކޮށް ބަލާލައިފިނަމަ މިތަނޑުގަނޑުގެ އެތެރޭގައި ވިދާ ފާޑުހުދުކުލައިގެ އޮލަ ފެންތަކެއްކަހަލަ އެއްޗެއް ވެސް ފެންނަން އެބަހުއްޓެވެ. މިއީ އަނެއްކާ ބިއްލޫރިން ނޫނީ ފެނުން ނުވަތަ އެހެން ބާވަތެއްގެ ގެ މައުދަނަކުން ތައްޔާރުކޮށްފައިވާ އެއްޗެއް ނޫންބާ؟ ސިއްދީގުގެ ހިތަށް އެރިއެވެ. އޭނާ އެތަނޑިގަނޑު ނަގައި ފޮރުވައިފިއެވެ.

މިހާރު ސިއްދީގު ހުރީ ދެން އޭނާއަށް ކުރިމަތިލާންޖެހޭނެ ކަމަކާއިމެދު ވިސްނާށެވެ. އަނެއްކޮޅުން މުއާވިޔަތު ވެސް ގެއްލި ދިޔައީއެވެ. މިތަނަށް މުއާވިޔަތު ނުގެނެވުނު ނަމަ އަދި ވެސް މުއާުވިޔަތު ހުރީހީ ދުނިޔޭގައިކަން ޔަޤީނެވެ. ޕަރީންނަކީ ވެސް ހަމަ ޖިންނީންގެ ބަޔެކެވެ. އެމީހުންގެ ބާރުގެ ދަށަށް އިންސާނަކު ގެން ގޮސް އެބަޔަކަށް ދީފައިވާ ގޯނާއެއްގެ ބަދަލުގައި އުފާވެރި ދިރިއުޅުމެއް ދޭނެހެއްޔެވެ؟ އެބައިމީހުން މުއާވިޔަތު ގަތުލުކޮށް މެރުމަށް ނޫނީ ނުގެންދާނެއެވެ. މިހެން އެކި އެއްޗެހި ސިއްދީގުގެ ހިތަށް އަރަމުން ދިޔައެވެ. ދެން މުއާވިޔަތު ގެއްލުނުގޮތުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ބުންޏަސް އެކަކު ވެސް މިވާހަކަތަކެއް ގަބޫލު ނުކުރާނެ ކަމަކީ ޔަޤީން ކަމެކެވެ. އަހަރެންނަކީ ބޮޑު މޮޔައަކަށް އެމީހުން ހަދާނެއެވެ. އަދި ފަހަރުގައި އަހަރެންގެ ބޮލުގައި މުއާވިޔަތުގެ މަރުގެ ތުހުމަތާއި އިލްޒާމް ވެސް އެޅިދާނެއެވެ. ދެން ހަދާނީ ކިހިނެއް ބާ؟

ކޮންމެ ވެސް ވާހަކައެއް މިކަމަށް އެބަ ދައްކަން ޖެހެއެވެ. މިހުރިހާ ކަމަކާ ސިއްދީގު ެސިކުނޑި ހާސްވަނީއެވެ. ސިއްދީގު ހުރީ މުއާވިޔަތާ އާ ބެހޭގޮތުން ވާހަކައެއް ދައްކަން ކަމެއް ރާވައި ގެންނެވެ. ޖެހިގެން އައި ދުވަހު ސިއްދީގު ލ.ގަމުން އޭނާގެ ރަށަށް އެނބުރި އަތުވެއްޖެއެވެ. އަދި އެރަށު މީހުން ގާތުގައި މުއާވިޔަތު ޢީދު ޗުއްޓީގައި ކުޅިވަރެއްކުޅެން މޫދަށް އެރުމުގެ ތެރޭގައި ގެނބިގެން ހޯދައި ނުފެނިފައި ކަމަށް ވަނީ ބުނެފައެވެ.

އެދުވަސް ވަރަކީ ފަސް ދޮޅަހުގެ އަހަރުތަކެވެ. ރާއްޖޭގައި އެހާ ބޮޑެތި މުއާސަލާތީ ގުޅުން އޮންނަ ޒަމާނެއްނޫނެވެ. މުއާވިޔަތު ވީ ޖިންނީންގެ ބަޔަކު މީހަކު ޖަހައި ގަނެގެން ގެންގޮސް ގެންނޭ ބުނުމަކުން އެއްވެސް ބަޔަކު އެކަމެއް ގަބޫލު ނުކުރާނެކަން ކަށަވަރެވެ. މުއާވިޔަތުގެ މަރުގެ ހަބަރު ލިބިގެން ރަށުގެ ރައްޔިތުން ދިޔައީ އިންތިހާއަށް ހިތާމަ ކުރަމުންނެވެ.

މިހާރު ސިއްދީގު ގެ ހަޔާތުގައި އޭނާގެ އަމިއްލަ ނަފްސު ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތެވެ. ހަޔާތަކީ އެކަނިވެރި އަނދިރިގަނޑަކަށް ވެއްޖެއެވެ. ސިއްދީގަށް ހަޔާތުގައި ލޯބި މިވެވުނީ ވެސް ޖިންނި އަންހެނަކާއެވެ. އެކަންވެސް އެނިމުނީ އަލިފާންގަނޑެއް ރޯވެ އެއަށް ފެންއަޅައި ހުޅުގަނޑު ނިވިގެންދިޔަ ފަދައިންނެވެ.

(ނުނިމޭ)

  • ވާހަކައިގެ ދެން ބާކީ އޮތީ އެންމެ މުހިންމު އެޕިސޯޑުތައް!