ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންދިޔަ ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ އަތުންއެ މަރުކަޒުގެ މުވައްޒަފަކު ފައިސާ ނެގި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި އެމުވައްޒަފުމީހާ މަސައްކަތުން އެކަހެރި ކޮށްފިއެވެ.

ޖެންޑާ މިނިސްޓަރީއިން ހާމަކޮށްފައިވާ ގޮތުގައި އެ މިނިސްޓްރީގެ ދަށުން ހިނގަމުންގެންދާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފަކު އެތަނުގެ ބެލުމުގެ ދަށުގައިވާ ބަލި މީހެއްގެ އެކައުންޓުން ފައިސާ ނަގާފައިވާ ކަމަށް ބުނާ މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެހެންކަމުން އެމައްސަލައާ ގުޅިގެން، މައްސަލަ ބަލާ ނިމެންދެން މައްސަލައިގައި ތުހުމަތު ކުރެވިފައިވާ މުވައްޒަފު ވަނީ މަސައްކަތުން އެކަހެރިކޮށްފައި ކަމަށް ވެސް އެމިނިސްޓަރީއިން މައުލޫމާތު ދީފައިވެއެވެ.

އަދި މައްސަލަ ބަލާ ނިމުމުން އޮންނަ އުސޫލުގެ ދަށުން މުވައްޒަފާއިމެދު ފިޔަވަޅު އަޅަން ޖެހޭނަމަ ސިވިލް ސަރވިސްގެ ގަވާއިދާއި އެއްގޮތަށް މުވައްޒަފާއިމެދު ފިޔަވަޅު އެޅޭނެ ކަމަށްވެސް މިނިސްޓަރީއިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މަސައްކަތުން އެކަހެރި ކޮށްފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އެސިސްޓެންޓް ސުޕަވައިޒަރެއްކަމަށްވެއެވެ.

ކ. ގުރައިދޫގަ ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މަރުކަޒެކެވެ.