ރިޔާސީ އިންތިހާބުގެ މަސައްކަތްތަކާ ގުޅުންހުރި މުއައްސަސާތަކާއެކު އިލެކްޝަން ކޮމިޝަނުން މިއަދު ފަހުމުނާމާތަކުގައި ސޮއިކޮށްފިއެވެ.

ފަހުމުނާމާތަކުގައި ސޮއިކުރީ އަންނަ ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ މައި މަރުކަޒު ކަމަށްވާ ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އީސީން އެއްބަސްވުން ބަދަލުކުރި މުއައްސަސާތައް:

  • ފުލުހުންގެ މުއައްސަސާ
  • ޕޯސްޓު އޮފީސް
  • ލޯކަލް ގަވަރމަންޓް އޮތޯރިޓީ
  • ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން
  • ސިވިލް ސަރވިސް ކޮމިޝަން

އެ އެއްބަސްވުންތަކުގައި އިލެކްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު މުހައްމަދު ހަމީދެވެ. އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝަމްއޫން އާދަމް ސޮއިކުރެއްވިއިރު، ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިފްއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ. އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު ރަޝީދާއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް ފުއާދު ވިދާޅުވީ އެ މުއައްސަސާތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުން އީސީގެ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"އިންތިހާބުގެ ކަންކަމަށް ވަރަށް ބޮޑު ލުޔެއް މިކަމުން ލިބިގެންދާނެ،" ފުއާދު ވިދާޅުވިއެވެ.

އީސީއާއި ފުލުހުން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ ޕޮލިސް

އަދި މި އެއްބަސްވުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރާ އިންތިހާބާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދިނުމަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

"އިންތިހާބުގެ ކަންކަމަށް ވަރަށް ބޮޑު ލުޔެއް މިކަމުން ލިބިގެންދާނެ" ފުއާދު ވިދާޅުވިއެވެ.

މި އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރު ކަމަށްވުމުން އުފެދޭ ސިޔާސީ ހަލަބޮލިވުންތަކަށް މި އެއްބަސްވުންތަކުގެ ސަބަބުން ގުޅިގެން މަސައްކަތް ކުރެވިގެންދާނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.