މޯލްޑިވްސް ރީޕޯމް މޫވްމަންޓް، އެމް.އާރް.އެމް އިން، ފާހިޝް އަމަލުތައް ޕްރޮމޯޓްކޮށް، އެފަދަ ނުބައި އަމަލުތައް ކުރަމުންދާ ފަރާތްތަކާމެދު ހަމަހަމަ ކަންމަތީ ފިޔަވަޅު އެޅުމަށް ގޮވާލައިފި އެވެ.

އެމްއާރްއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް ފައިސާ ހޯދުމުގެ ނިޔަތުގައާއި އަދި އެހެނިހެން ގޮތް ގޮތުންދިވެހި މުޖުތަމައު ގައި އެކިއެކި ފާހިޝް އަމަލުތައް ޕްރޮމޯޓުކޮށް، އެއްވެސް ޖެހިލުމެއް ނެތި އެފަދަ ނުބައި އަމަލުތަކަށް ހިތްވަރުދޭ މެސެޖުތައް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމަށެވެ. އަދި އެއީ އެ ޕާޓީގެ ނިހާއީ ކަންބޮޑުވުމެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެމްއާރްއެމް އިން ބުނީ ކަމާބެހޭ މުއައްސަސާތަކުން އެފަދަ މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކާމެދު، އަޅަންޖެހޭ ގާނޫނީ ފިޔަވަޅު ނޭޅި މައްސަލަތައް ދިގުލައި ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

"އެފަދަ އަމަލުތައް ފްރޮމޯޓްކޮށް، އެފަދަ ފާހިޝް ޢަމަލުތަކުގައި ބައިވެރިވާ މީހުންގެ މައްސަލަ، އެއްވެސް އިސްތިސްނާއެއް ނެތި، ހަމަހަމަ އުސޫލެއްގެ ދަށުން ކަމާއިބެހޭ މުއްސަސާތަކުން، ވީހާވެސް އަވަހަކަށް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް މި ޕާޓީއިން ގޮވާލަމެވެ."

ޕާޓީއިން ފާހަގަކޮށްފައިވާ ގޮތުގައި މިފަދަ އަމަލުތަކަކީ ދިވެހި މުޖްތަމައުގެ އިޖްތިމާއީ ފޭރާން ވީދި، މުޅި މުޖްތަމައު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދާނެ ބިރުވެރި ކަންތަކެމެ. އަދި ހަމައެހެންމެ މާތް ވެގެންވާ އިސްލާމްދީނަށް އޮންނަ ލޯތްބާއި ގަދަރު ކުޑަވެގެންދާނެ ކަންކަމެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، މުޅި މުޖްތަމައު ގުޅިގެން އެފަދަ ފާހިޝް އަމަލުތައް ހުއްޓުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމުގައި އެ ފާޓީން ދެކޭ ކަމަށް ބުނެފައިވެއެވެ.

ވުމާއެކު މިހާރަށްވުރެ ޒިންމާދާރުވެ، އެފަދަ ފާހިޝް އަމަލުތައް ހިންގުމަށް، އެއްވެސް ފަރާތަކަށް ޖާގަ ނުދިނުމަށް އެޕާޓީން ވަނީ ގޮވާލާފައެވެ. އަދި އެފަދަ ކަންކަން ރާވައި ހިންގުމަށް ހިތްވަރުދީ މީސްމީޑިއާގައި މެސެޖުތައް ދައުރުކުރާ ފަރާތްތަކަށާއި، އަދި ފާހިޝް އަމަލުތައް ހިންގުމުގައި ބައިވެރިވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅުމަށް، އެ ޕާޓީން ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ.