ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަލަށް ހެލްޕްލައިން '1484' ގާއިމުކޮށްފިއެވެ. މިއަަދު ހެނދުނު ހ. މީރުމާގައި ބޭއްވުނު މިރަސްމިއްޔާތު އިފްތިތާހް ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

މި ހެލްޕްލައިން 1484 ގާއިމްކޮށްފައިވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަގައިގެން، ޔުނިސެފާއި، ޑަބްލިޔު.އެޗް.އޯ ގެ އެހީތެރިކަމާއި އެކުގައެވެ.

މި ހެލްޕްލައިންގެ މަގްސަދަކީ، ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށް، އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެންމެ އެކަށޭނަ ގޮތެއްގައި އެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެޑިއުކެޝަން މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

މި ހެލްޕްލައިންގެ ހިދުމަތް މިމަހު 18 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރުފަހު 15:00 އިން ރޭގަނޑު 21:00 އަށް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ލިބޭނެ ކަމަށްް އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް މި ހެލްޕްލައިން މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވާނީ އެކަމަށްޓަކައި ހާއްސަކޮށް ތަމްރީން ދެެއްވާފައިވާ ސްކޫލްތަކުގައި މިހާރު ތިއްބެވި ކައުންސިލަރުންނެވެ.

ކައުންސެލަރުން ތަމްރީނު ކުރުމާއި ހެލްޕްލައިންގެ ހިދުމަތް ފޯރުކޮށްދޭނެ އުސޫލުތައް އެކުލަވާލުމުގައި ފަންނީ އެހީފޯރުކޮށްދީފައިވަނީ ދިވެހި ރެޑްކްރެސެންޓުންނެވެ.