އޭޝިޔާ ސަރަހައްދުންވެސް މަދުން ނޫނީ ނުފެންނަ ބަލި "ގޯޝޭ" ރާއްޖޭގައި ފެތުރޭކަމަށް ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ "މަދުން ނޫނީ ނުފެންނަ ބަލިތައް ރާއްޖޭގައި މަދެއް ނޫން" ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގައި އެ ބައްޔަށް ފައްސިވެފައިވާ ފަސް މީހުން ތިބި ކަމަށެވެ.

އމިއީ ގައިން ގަޔަށް ވާރުތަވާ ބައްޔެއްކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ސިއްހީ މައުލޫމާތުތައް އާއްމުކޮށްފައިވާ ބައެއް ވެބްސައިޓުތަކުގައިވާ ގޮތުން ބައެއް ގުނަވަންތަކުގައި، ވަކިން ހާއްސަކޮށް ހުންކޮށި އާއި ލިވާގައި ފެޓީ މާއްދާތައް އުފެދުމުގެ ސަބަބުން ޖެހޭ ބަލި، ގޯޝޭ އެންމެ ގިނައިން ފެންނަނީ އިރުމަތީ އަދި މެދު އިރުމަތީންނެވެ. އަދި މި ބަލި ޖެހެން ވަކި އުމުރެއް ނޯވެއެވެ.

ގޯޝޭގެ އަލާމަތްތަކުގައި ދަށް ބަނޑަށް ތަދުވުމާއި، ކަށިތަކުގައި ހުރި އުނި ކަންތަކުގެ އިތުރުން އަދި ލޭގެ ބަލިތައް ހިމެނެއެވެ.

މި ބަލި ފެތުރެމުން ދާތީ އައިޖީއެމްއެޗްގައިވަނީ އިއްޔެ މިކަމުގެ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައެވެ.