ގިނަގިނައިން މަރުމަތިން ހަނދާންކުރުމަށް މިއަދުގެ ހުރުޚުތުބާގައި އެދިއްޖެއެވެ. ގިނަގިނައިން މަރުމަތިން ހަނދާން ކުރާނަމަ ތައުބާވުމަށް އަވަސްވެ، އަޅުކަންކުރުމުގެ ޝައުގުވެރިކަން އެމީހަކަށް ﷲ މިންވަރު ކުރައްވާނެކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އެއްވެސް މަޚްލޫޤަކަށް މަރުން ސަލާމަތް ނުވެވޭނެ ކަމަށާއި، އިންސާނާ މަރަށް ހާޟިރުވުމުން ވަރަށްގިނަ ކަންތައްތައް ހަނދާންވާނެ ކަމަށެވެ.

"އޭނާގެ ވަށައިގެންވާ މީހުން ފެނުމުން އެމީހުންނާ ވާހަކަ ދައްކަން ބޭނުންވާނެ. ނުކުރެވިހުރި ކަންކަން ކުރަން ބޭނުންވާނެ. އެއްވެސް ކަމެއް އަދި ވާހަކައެއް އެވަގުތު ނުދެއްކޭނެ. މިއީ ކޮންމެ މީހަކު ހަނދާން ކުރަންޖެހޭ ވަގުތެއް. އޭނާއާއި އެކުގައި ވާހުށީ އޭނާކުރި އަމަލެއް" ހުކުރު ޚުތުބާގައިވެއެވެ.

މުސްލިމުން ކަމުގައިވާ ހާލުގައި މެނުވީ މަރުނުވުމަށާއި، މިދުނިޔެ ލައްވާފައިވަނީ އާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައި މަސައްކަތްކުރާނެ މައިދާނެއް ކަމުގައި ކަމަށެވެ. އަދި ހެޔޮ އަމަލު ގިނަކޮށްފި މީހާއަށްވަނީ ކާމިޔާބީއާއި ފަލާޙް ކަމަށާއި، ނުބައި އަމަލުތައް ގިނަވެއްޖެ މީހާއަށްވަނީ ގެއްލުމާއި ހަލާކު ކަމަށްވާއިރު މިއީ އެންމެންވެސް ދަންނަ ހަޤީޤަތެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިދުނިޔެއަކީ މުސީބާތާއި އިމްތިހާން ކުރިމަތިވާ ތަނަކަށްވާއިރު، އަބަދު އެއްހާލަތެއްގައި އެއްވެސް އިންސާނަކަށް މިދުނިޔޭގައި ނުއުޅެވޭނެކަންވެސް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ. އަދި ޣާފިލުކަމުން ހޭލާ ފާފަތަކުން ތައުބާވެ ﷲ ސުބުހާނަހޫ ވަތަޢާލާ ގެ ހަޒުރަތަށް އެނބުރި ރުޖޫޢަވުމަށްވެސް ވަނީ ގޮވާލާފައެވެ.