ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހަރަދުގައި، އެކުންފުނީގެ ތިން މުވައްޒަފަކަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފިއެވެ.

އިއްޔެ އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައިވަނީ އެސްޓީއޯ ޏ. ފުވައްމުލަކު ފިހާރަ، އެސްޓީއޯ ސ. ފޭދޫ ފިހާރަ އަދި ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ވެސެލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށެވެ. މި މުވައްޒަފުން ހައްޖަށް ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ކަމަށްް އެސްޓީއޯއިން ބުންޏެވެ. އިއްޔެ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވަނީ ހައްޖަށް ދާ މުއައްޒަފުންނާ ބައްދަލަކުރައްވައިފައެވެ.

ހުރިހާ ހަރަދަކާ އެކު މުވައްޒަފުން ހައްޖަށް ފޮނުވުމުގެ ސްކީމް އެސްޓީއޯއިން، ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. މި ސްކީމްގެ ދަށުން، މީގެކުރިން ހައްޖެއް ވެފައިނުވާ ދިވެހި މުވައްޒަފުންގެ ތެރެއިން އެ ކުންފުންޏަށް 10 އަހަރު ހިދުމަތް ކޮށްފައިވާ ފަރާތްތަކަށް ހައްޖަށް ދިއުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅޭނެ އެވެ.

ހައްޖަށް ދިއުމަށް އެޕްލިކޭޝަން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން އެއް ޖާގަ ހާއްސަ ކުރެވެނީ އުމުރުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކުގެ ތެރެއިން ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ އަދި މަސައްކަތަށާއި ހާޒިރީއަށް އެންމެ ރަގަނޅު މުވައްޒަފަށެވެ. އަނެއް ދެ ޖާގަ ހޮވަނީ ގުރުއަތުންނެވެ.

ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެކުންފުނިން ހައްޖުގެ އަޅުކަން އަދާކުރުމަށް ހޮވުނު މުވައްޒަފުންނަށް އެ އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ނުލިބުނު ކަމުގައިވިޔަސް އެ ފަރާތްތަކަށް މިދިޔަ އަހަރާއި މިއަހަރު ހައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށްވެސް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.

ކުރިއަށް އޮތް އަހަރުތަކުގައިވެސް އެސްޓީއޯގެ މުވައްޒަފުން ހައްޖަށް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.