ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ތާއީދު ކުރައްވާނީ، މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމަށް ކަމަށް ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ނާޒިމަށް ކަމަށާއި އެކެމްޕެއިންގައި ރަސްމީކޮށް ބައިވެރިވެއްޖެކަން ހާމަކޮށް އާޒިމާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ނާޒިމަށް ތާއީދު ކުރައްވާ ސަބަބުތަކުގެ ތެރޭގައި ގާނޫނު އަސާސީގެ ހުކޫމާތު ގެއްލިފައިވާތިއްޔާއި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރުމަށް އުފައްދާފައިވާ މުވައްސަސާތައް ނުފޫޒުގެ ދަށަށް ގޮސް، ގައުމުގެ މިނިވަންކަމާއި ރައްކާތެރިިކަމަށް ނުރައްކާ ވެފައިވާތީ މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބުގައި މިސަރުކާރު ބަދަލުވާންޖެހޭކަމަށް ގަބޫލުކުރެއްވުން ހިމެނޭކަމަށެވެ.

އަދިވެސް އިތުރަށް އެ ބަޔާނުގައި އާޒިމާ ވިދާޅުވަނީ، ރާއްޖޭގެ ވެރިންގެ އާ ޖީލަކަށް އަދި ވެރިކަމުގެ އެންމެ މަތީ ފަންތީގައި އާ ވިސްތުންތަކަކަށް ފުރުސަތު ލިބެންޖެހޭ ވަގުތު އަތުވެއްޖެ ކަމަށާއި ދިވެހިރާއްޖޭގައިވެސް ގައުމީ ވިސްނުންތަކާއެކު ބައިނަލްއަގުވާމީ މައިދާނުގައި ބަސްބުނެވޭ ދަރިން އެބަތިބިކަމަށާއި މިހާރުގެ ސިޔާސީ ވިސްނުންތަކުގެ މައްޗަށް ތައުލީމީ، އީޖާދީ އަދި ޒަމާނީ ވިސްނުންތަކަކަށް ފުރުސަތު ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ.

ނާޒިމަކީ ދައުލަތަށް ދިމާވި ބޮޑެތި ހައްސާސް ކަންކަމުގައި އާޒިމާއާ ވަރަށް ގާތުން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްކަމަށާއި ގައުމު ހަމަމަގަށް އެޅުއްވޭނޭ ގާބިލުކަން ހުރި ބޭފުޅެއް ކަން ޔަގީންވެވަޑައިގަންނަވާ ކަމަށެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ގެއްލުން ވާނެވަރުގެ ކަމެއް ނާޒިމް ނުކުރައްވާނެ ކަމަށާއި ގައުމުގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކުރުމުގައި ނާޒިމް އެއްވެސް ވަރަކަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އޮަތިުމަކީ ނާޒިމަށް ތާއީދު ކުރައްވާ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމަށްވެސް އާޒިމާ ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ނާޒިމަކީ ސިޔާސީ އެމްބިޝަން އެއް އޮވެ، އޭނާ ހުންނެވި ޕާޓީން އެފުރުސަތު ލިބެން ނެތުމުން، އެކަން ހާމަކުރައްވައި، ޕާޓީން ވަކިވެ، ވެރިކަމުގެ ރޭހުގައި މުރާލިކަމާއެކު، ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށާއި ވެރިކަމުގެ އެމްބިޝަނެއް އޮވެ އެކަމާ ކެރިގެން ކުރިމަތިލައި ސާބިތުކަމާއެކު މަސައްކަތްކުރުމަކީ މަގުބޫލު ސިފައެއް ކަމަށް ފާހަގަ ކުރައްވަމުން އާޒިމާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އާޒިމާ ވިދާޅުވެފައިވަނީ، ނާޒިމްގެ ރިޔާސީ ކެމްޕޭންގެ ސިޔާސަތު އެކުލަވާލުމަށާއި އަދި އެނޫންވެސް މަސައްކަތްތަކުގައި ނާޒިމްއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު ދެމަހެއްހާ ދުވަސް ވެފައިވާކަމުގައެވެ.

"މިކަންކަން އަޅުގަނޑު މިހާމަކުރަނީ ނާޒިމުގެ ރިޔާސީ ކެމްޕެއިންގެ ސިޔާސަތު އެކުލަވާލުމުގައި، އަދި އެހެން މަސައްކަތުގައި، ނާޒިމްގެ އަރިހުގައި 2 މަސްދުވަހަށްވުރެ ގިނަ ދުވަހު މަސައްކަތްކުރުމަށްފަހު އަދުގެ މިޙާލަތުގައި ގައުމު ވެއްޓެމުންމިދާ އަނދަވަޅުން ސަލާމަތްކޮށް، ގައުމު އާރާސްތު ކުރުމަށް ބޭނުންވާ ކަމަށް، އަޅުގަނޑުގެ ތައުލީމާއި ތަޖުރބާގެ އަލީގައި އަޅުގަނޑު ގަބޫލުކުރާ ސިޔާސަތުތައް ގާއިމުކުރައްވައި ވެރިކަން ލިބިވަޑައިގެންފިނަމަ އެމަގުން ކަންކުރައްވާނެމަކުގެ ޔަގީންކަން ލިބިހުރެގެންނެވެ."

އަދި މިއަދުގެ މިހާލަތުގައި ގައުމު ސަލާމަތްކުރުމުގެ މަސައްކަތަކީ، އެންމެންގެ ޒިންމާއެއްކަމުގައި ގަބޫލު ކުރެވޭއިރު، އެކަން ކުރެވޭނީ ވިސްނުންތެރިކަން އިސްކޮށް ހިކުމަތްތެރިކަމާއެކު މަސައްކަތްކޮށްގެން ގަބޫލުކުރެވޭތީ އެމަގުވެސް ހިޔާރުކޮށްގެން ކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.