އުރީދޫ މޯލްޑިވްސްއިން މިއަހަރު ބާއްވާ މަސްރޭސް ރާއްޖޭގެ ހަތަރު ސިޓީކަމަށްވާ މާލެއާއި، ކުޅުދުއްފުށްޓާއި، ފުވައްމުލަކާއި، އައްޑޫގައި ބާއްވަން އެކުންފުނީން ނިންމައިފިއެވެ.

ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް "އުރީދޫ މަސްރޭސް 2023" އެ ހަތަރު ސިޓީގައި ބާއްވާނޭކަން އިއުލާން ކޮށްފައިވަނީ މިއަދުއެވެ. މިއަހަރުގެ މުބާރާތް ބާއްވަނީ އެކުންފުނީގެ އަށާރަ ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހު އެވެ. މި މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތަށް ކަމަށް އުރީދޫން ބުނެފައިވެެއެވެ.

ފެށުނީއްސުރެވެސް އުރީދޫ މަސްރޭހަކީ "މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ. މަސްދޯންޏެއްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫ މޯލްޑިވްސް އިން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާ ގުޅިގެން އުރީދޫ މަސްރޭސް 2023 އިއުލާނުކޮށް އޮންލައިން ޕޯޓަލްއެއް http://ore.do/masrace މެދުވެރިކޮށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ."

"އުރީދޫ މަސްރޭސް 2023 އިންތިޒާމް ކުރުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ރާއްޖޭގައި ހިދުމަތް ފޯރުކޮށްދިނުމުގައި 18 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، އުރީދޫ މަސްރޭހުގެ ފޯރިއާއި އުފާވެރިކަމުގައި އިތުރު ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ރާއްޖޭގެ ހަތަރު ސިޓީއަށްވެސް މި މުބާރާތް މިވަނީ ފުޅާކުރެވިފައި. މުޖުތަމައުތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މަސްވެރިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެންނާ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށްވެސް ދައުވަތު އަރުވަން،" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސްވެރިކަމުގެ ތަރިކަ ފާހަގަކުރާ މުހިންމު ހަރަކާތެއް ކަމަށްވާ އުރީދޫ މަސްރޭސް 2023 ގެ ޕާޓްނަރަކަށް ވުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ އާދަކާދަތައް ދަމަހައްޓަން މުޖުތަމަޢުތައް ބާރުވެރިކުރުވައި، އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން. މަސްރޭހަކީ މުބާރާތެއްގެ އިތުރުން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ، މަސްވެރިކަމުގެ ސަޤާފަތް ދައްކުވައިދޭ ހަރަކާތެއްވެސްމެ. މަސްރޭސް އިންތިޒާމުކޮށް، އަޅުގަނޑުމެންގެ ސަގާފީ ތަރިކަ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުން ގެންދާ މަސައްކަތަށް މި ފުރުސަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،" ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

ހަތަރު ސިޓީން މިބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 1 ދުވަހުގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު ޓީމުގެ ބައިވެރިންނަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެއެވެ. މަސްރޭސް ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންވާނެ ކަމަށް އުރީދޫން ބުންޏެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ސިޓީއެއްގައިވެސް ތިރީގައިމިވާ ތާރީޚުތަކުގައެވެ.

  • މާލެ ސިޓީ: 4 އޮގަސްޓް 2023
  • ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް 2023
  • އައްޑޫ ސިޓީ: 18 އޮގަސްޓް 2023
  • ފުވައްމުލައް ސިޓީ: 25 އޮގަސްޓް 2023
  • އުރީދޫ މަސްރޭސް 2023 ގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު ބައިވެރިވާނެއެވެ. ގިނަވެގެން ބައިވެރިވެވޭނީ 30 ޓީމަށް ކަމަށް ވެސް އުރީދޫން ބުންނެވެ. 30 ޓީމަށް ވުރެ ގިނައިން ރެޖިސްޓަރ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ގުރުއަތުން ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެ އެވެ.

ޖުމްލަ 75،000 ރުފިޔާގެ އިނާމު:

  • އެއްވަނަ ޓީމް: 25،000 ރުފިޔާ
  • ދެ ވަނަ ޓީމް: 10،000 ރުފިޔާ
  • 3 ވަނަ ޓީމް: 5000 ރުފިޔާ
  • އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
  • އެންމެ މޮޅު ފިޝަރވުމަން: 1000 ރުފިޔާ

އުރީދޫ މަސްރޭހުގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.