މިއަދު ހުތުބާގެ މައުޟޫ "ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް" އަށް އަލިއަޅުވަމުން، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށާއި މިއީ ހެޔޮއަމަލުކުރުމަށް މާތް الله އެންމެ ލޯބިވެވޮޑިގެންވާ ދުވަސްތައް ކަމަށާއި މިދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ހުތުބާގައި ބުނެފައި ވަނީ މާތްالله ހަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތައް ކަމަށްވާ މުޙައްރަމް، ރަޖަބު، ޛުލްގައިދާ އަދި ޛުލްހިއްޖާމަސް ކަމުގައެވެ. އޭގެތެރެއިންވެސް އެކަލާނގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ހައްޖުމަސް ކަމަށާއި ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އެމަހުގެ އެންމެ މާތް ދުވަސްތައް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ..

ހުތުބާގައި ބުނީ މިދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށްވުމުގެ ސަބަބެއް ކަމުގައި އިލްމްވެރިން ބަޔާން ކުރައްވަނީ އެންމެ މަތިވެރި ހެޔޮ އަމަލުތައް މިދުވަސްތަކުގައި ޖަމާވެގެންދާތީ ކަމުގައެވެ. ނަމާދާއި ރޯދައާއި ސަދަގާތާއި ހައްޖުގެ މަތުވެރި އަޅުކަން ޖަމައަވެގެން އަންނާތީ ކަމަށާއި އެހެންކަމުން މިދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ހެޔޮއަމަލު ކުރުމަށް އަވަސްވެ ގަތުމަށް ހަނދުމަކޮށްދީ ގޮވާލާފައިވެއެވެ. ހުތުބާގައި ބުނެފައި ވަނީ އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި އިހުލާސްތެރި ތައުބާއަކުން މިދުވަސްތައް ފެށުމަށެވެ. ތައުބާވާ އަޅުންދެކެ މާތްالله ލޯބިވެވޮޑިގަންނަވާކަމަށާއި އަދި ތައުބާވުމަކީ އެންމެ ގިނައިން ކީރިތި ގުރުއާނުގައި ގޮވާލައްވާފައިވާ އެއް ކަންތައް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިދުވަސްތަކުގެ ތެރޭގައި ކުރެވެން އޮތް އެންމެ ހެޔޮ އަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭކަމަށާއި ހާއްސަކޮށް ހައްޖުމަހުގެ ނުވަވަނަ ދުވަހުގެ ސަވާބާއި ދަރުމަ ބޮޑުވެގެންވާ ކަމަށެވެ. އެގޮތުން ރަސޫލުﷲޞައްލަﷲ އަލައިހިވަސައްލަމަގެ ހަދީޘްފުޅު "އެދުވަހުގެ ރޯދަ ވޭތުވެދިޔަ އަހަރުގެ ރޯދައާއި އަންނަން އޮތް އަހަރުގެ ފާފަ ފުއްސަވާނެ ރޯދައެއްކަމަށް" އަލިއަޅުވައި ހަނދުމަކޮށްދިނެވެ. އަދި ތަކުބީރާއި ތަސްބީހަ ކިޔައި ﷲތައާލާ މަތިން ހަނދުމަކުރުމަށް ގޮވާލާފައިވެއެވެ. އެހެނީ ކީރިތިގުރުއާނުގައި މިދުވަސްތައް ސިފަކުރައްވާފައި ވަނީ ޒިކުރުކޮށް އުޅޭ ދުވަސްތަކެއްކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އަދިވެސް އިތުރަށް ހުތުބާގައި އުޟުހިޔާ ކަތިލުމުގެ މާތްވެގެންވާ މަތިވެރި ސުންނަތަށްވެސް އަލިއަޅުވައި ބުނެފައިވަނީ އުޟުހިޔާގެ ގޮތުގައި ކަތިލެވޭނީ ނައަމްސޫފީގެ ބާވަތްތަކުގެ ތެރެއިން ބާވަތެއްކަމަށެވެ. އީދުނަމާދުގެ ފަހުން އައްޔާމުއްތަޝްރީގުގެ ފަހު ދުވަހާ ހަމައަށް މިކަމުގެ ވަގުތު ތަނަވަސްވެގެންވާ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. ހައްޖުމަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މިދުވަސްތަކުގައި ނުބައިކަންކަމާ ދުރުހެލިވުމަކީ މުހިންމުކަމެއްކަމަށް ނަސޭހަތްތެރިވަމުން ހުތުބާގައި ބުނެފައިވަނީ މާތްﷲ ލޯބިވެވޮޑިގެންނުވާ އެއްވެސް އަމަލަކަށް އަރައިނުގަނެ ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ.