އަބޫބަކުރުގެފާނު ގެންގުޅުއްވި އަޅެކެވެ. މިއަޅުކަލޭގެއަށް ދުވާލަކު ލިބޭ އުޖޫރައިން ކޮންމެވެސް މިންވަރެއް، ސާހިބު މީހާގެ ހިއްސާގެ ގޮތުގައި އެކަލޭގެފާނަށް ދެއްވައެވެ.

އެއްފަހަރަކު މިއަޅުކަލޭގެ ގެނައި ކާއެއްޗެކެވެ. އަބޫބަކުރުގެފާނު އެއިން އެތިކޮޅެއް ފަރީއްކުޅުއްވިއެވެ. އެހިނދު މިއަޅުކަލޭގެ އިނދެފައި ދެންނެވިއެވެ. "އޭ އަބޫބަކުރުގެފާނެވެ. އަބަދުވެސް އަހުރެން ކާއެއްޗެއް ގެނައުމުން، އެއެއްޗެއް ލިބުނު ގޮތަކާ މެދު ކަލޭގެފާނު ސުވާލުކުރައްވައެވެ. ނަމަވެސް މިއަދު ކަލޭގެފާނު އެސުވާލު ނުކުރައްވައެވެ." އެހިނދު އަބޫބަކުރުގެފާނު ވިދާޅުވިއެވެ. "ތިމަން ކަލޭގެފާނު މާބޮޑަށް ބަނޑުހައިވެފައި ހުންނެވުމުން އެކަން ނުކުރައްވައި ދޫކޮށްލެވުނީއެވެ. ނިކަން ބުނެބަލާށެވެ. މިއީ ތިބާ ކިހިނެއްހޯދި ކާއެއްޗެއް ހެއްޔެވެ؟" އަޅުކަލޭގެ ދެންނެވިއެވެ.

"އަހަރެންނަކީ އިސްލާމްދީން ގަބޫލުކުރުމުގެ ކުރީން ރަމަލު ޖަހައި (ފާލުބަލައި) އުޅުނު މީހަކީމެވެ. އެދުވަސްތަކުގައި، ފަހުން އުޖޫރަ ދޭގޮތަށް ބަޔަކުމީހުން އަހުރެން ލައްވައި އެކަހަލަ ކަމެއް ކުރުވިއެވެ. ފަހުން އުޖޫރަ ދޭނެކަމަށް އެމީހުން ވަޢުދުވިއެވެ. ނަމަ އެކަމުގެ އުޖޫރަ އަހަންނަށް ނުލިބި ދުވަސްތައް ފާއިތުވެގެން ގޮސް، ކަންދިމާކުރިގޮތުން މިއަދު އަހުރެންނަށް ދެވުނީ އެމީހުން ކައިވެނީގެ ހަފްލާއެއް ކުރިޔަށް ގެންދަނިކޮށް އެތަން ހުރަސްކޮށެވެ. މިއީ އެކަމުގެ އުޖޫރައެއްގެ ގޮތުގައި އެމީހުން އަހަންނަށް ދިން ކާނާއެވެ."

އެހިނދު އަބޫބަކުރުގެފާނު ވިދާޅުވިއެވެ. "ސުބުޙާނަﷲ އެވެ. ކަލޭ އަހުރެން ގަތުލުކޮށްލީސްކަން ކަށަވަރެވެ." އެއަށްފަހު އެކަލޭގެފާނު އަވަސްވެވަޑައިގަތީ ފަރީއްކުޅުއްވުނު ކާއެތިކޮޅު ހޮޑަށް ބޭރުކޮށްލެވޭތޯއެވެ. ނަމަވެސް ހުސްބަނޑާ ހުންނެވުމުން އެކަން ނުކުރެއްވުނެވެ. އެންމެ ފަހުން މީހަކު އައިސް އެކަލޭގެފާނަށް ލަފާދެއްވިއެވެ. "އޭ އަބޫބަކުރުގެފާނެވެ. ބަނޑުފުރެންދެން ފެންބޯށެވެ. އެއަށްފަހު ހޮޑުލެވޭތޯ މަސައްކަތް ކުރައްވާށެވެ." ދެންފަހެ އެކަލޭގެފާނު އެގޮތަށް ކަންތައް ކުރައްވައި، ގަދަކަމުން އެކާއެތިކޮޅު ހޮޑަށް ބޭރުކޮށްލެއްވިއެވެ.

އެހިނދު މީހަކު ދަންނަވައިފިއެވެ. "ޔާ އަބޫބަކުރުއެވެ. މާތް الله ކަލޭގެފާނަށް ރަޙްމަތް ލައްވާށިއެވެ. ކަލޭގެފާނު ތިޔަފަދަ ތަކުލީފެއް ތިޔަ އުފުއްލެވީ ކާތަކެތީގެ އެންމެ ސުވާއެއް ބޭރުކޮށްލެއްވުމަށް ހެއްޔެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. "ﷲ ގަންދީ ބުނަމެވެ.

އާނއެކެވެ. އަހުރެންގެ ފުރާނަ ދިޔަ ނަމަހީވެސް އެބޭރު ކުރުމަށް ބާރުއެޅީމުހެވެ. އެހެނީ އަހަރެން ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރައްވަނިކޮށް އަޑުއެހީމެވެ.

"ހަރާމް ކަނާ ކައިގެން ގައިގަ ޖަހާ މަހަށް، އެންމެ އައުލާވެގެން ވަނީ ޖަހަންނަމައިގެ އަލިފާނެވެ. އަހަރެން، އެކާނާ ބޭރުކުރުމަށް އަވަސްވެގަތީ އެސަބަބާ ހުރެއެވެ. އަހަރެންގެ ހަށިގަނޑުގެ އެއްވެސް ބަޔަކަށް އޭގެ އަސަރުކޮށްފާނެތީއެވެ."

މަސްދަރު: حکایت صحابہ (رضی اللہ تعالی عنهم اجمعین ) ޝެއިޚް މުޙައްމަދު ޒަކަރިއްޔާ