އެންމެފަހުގެ ޓްރާންސްފާ މާކެޓުގައި ދުނިޔޭގެ ސަމާލުކަން ހުއްޓިގެން ދިޔަ ހަބަރަކީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެކްލަބު ދޫކޮށްލަން ބޭނުންވާކަން ރަސްމީކޮށް އެކްލަބަށް އެންގުމުންނެވެ. އެއާއެކު ބާސެލޯނާގެ ސަޕޯޓަރުން ކްލަބުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި އެކްލަބުގެ އޮފީސް ދޮށުގައި މުޒާހަރާ ކުރިއެވެ. މިކަންތައްތަކުގެ ތެރޭގައި ޕްރެޝަރު ބޮޑުވެ ބާސެލޯނާގެ ރައީސް މާރިއޯ ބާޓޮމިއޫ އާއި ބޯޑް އިސްތިއުފާ ދިނެވެ.
ބާޓޮމިއޫ އާއި ބޯޑުން އެވަގުތު ބުނެފައި ވަނީ ޖެނުއަރީގެ ކުރިން މެސީއަށް ކްލަބު ބަދަލު ނުކުރެވޭނެ ކަމަށެވެ. މެސީ އޭރު ބުނެފައި ވަނީ އެގްރީމެންޓުގެ މައްސަލާގައި އެންމެ ލޯބިވާ ކްލަބު ގޮވައިގެން ކޯޓަށް ދާން ބޭނުން ނުވާކަމަށެވެ.
މިހާރު މިއޮތީ ޖެނުއަރީ ޓްރާންސްފާ ފެށިފައެވެ. ބާސާއިން އެއްބަސްވެފައި ވަނީ ކްލަބު ބަދަލު ކުރަން މެސީ ބޭނުންވާނަމަ ޖެނުއަރީ ޓްރާންސްފާގައި އެކަން ކުރެވިދާނެ ކަމަށެވެ. ޖެނުއަރީ ޓްރާންސްފާ މާކެޓް ހުޅުވުމާއެކު ދުނިޔޭގެ ލޯ ހުއްޓިފައި ވަނީ މެސީއަށެވެ. މެސީ ބަދަލުވާނީ ކޮން ކްލަބަކަށްތޯ ބެލުމަށެވެ.
އިތުބާރު ހުރި މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި މެސީ ބަދަލު ވުމުގެ ފުރުސަތު އެންމެ ބޮޑީ މެސީގެ ގާތް އެކުވެރިޔާ ބްރެޒިލްގެ ނޭމާ ކުޅެމުން އަންނަ ފްރާންސްގެ ޕީއެސްޖީއަށެވެ. ނުވަތަ މެސީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިރުޝާދު ދެމުން އަންނަ އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ސިޓީއަށެވެ.
މެސީ އެންމެފަހުން ދީފައިވާ ބަސްދީގަތުމުގައި ބުނެފައި ވަނީ އެންމެފަހުގެ ޓްރާންސްފާ މާކެޓުގައި ކްލަބު ބަދަލު ކުރަން ވަރަށް ބޮޑަށް ބޭނުންވި ކަމަށެވެ. އެކަމަކު މިހާރު ބޭނުން ވަނީ ކުރިއަށް އޮތް ހަމަސްދުވަހު ބާސާއާއެކު ކާމިޔާބު ހޯދުމަށެވެ. މިއާއެކު ޖެނުއަރީ ޓްރާންސްފާގައި މެސީ ކްލަބު ބަދަލު ނުކުރާނެކަން ގާތް ގަނޑަކަށް މިވަނީ ޔަގީންވެފައެވެ.
ޓްރާންސްފާ މާކެޓުގެ ހަބަރުތަކަށް ބަލާއިރު މެންޗެސްޓަރ ސިޓީގެ އަމާޒު ހުރީ ޓޮޓެންހަމް ހޮސްޕާގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ގަތުމަށެވެ. ޕީއެސްޖީން މަޝްހޫރު ކުޅުންތެރިއެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.