އެދުވަސް ވަރަކީ ފަސްދޮޅަހުގެ އަހަރުތަކެވެ. ރާއްޖޭގައި އެހާ ބޮޑެތި މުއާސަލާތީ ގުޅުން އޮންނަ ޒަމާނެއްނޫނެވެ. މުއާވިޔަތު ވީ ޖިންނީންގެ ބަޔަކު މީހަކު ޖަހައި ގަނެގެން ގެންގޮސް ގެންނޭ ބުނުމަކުން އެއްވެސް ބަޔަކު އެކަމެއް ގަބޫލު ނުކުރާނެކަން ކަށަވަރެވެ. މުއާވިޔަތުގެ މަރުގެ ޚަބަރު ލިބިގެން ރަށުގެ ރައްޔިތުން ދިޔައީ އިންތިހާއަށް ހިތާމަ ކުރަމުންނެވެ. މިހާރު ސިއްދީގު ގެ ހަޔާތުގައި އޭނާގެ އަމިއްލަ ނަފްސު ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތެވެ. ހަޔާތަކީ އެކަނިވެރި އަނދިރިގަނޑަކަށް ވެއްޖެއެވެ. ސިއްދީގަށް ހަޔާތުގައި ލޯބި މިވެވުނީ ވެސް ޖިންނި އަންހެނަކާއެވެ. އެކަންވެސް އެނިމުނީ އަލިފާންގަނޑެއް ރޯވެ އެއަށް ފެންއަޅައި ހުޅުގަނޑު ނިވިގެންދިޔަ ފަދައިންނެވެ.

*** ** ***

ރީތި ދުވަހެއްގެ އިރުއަރައިފިއެވެ. ސިއްދީގު ވެސް އޭނާގެ ހަޔާތުގައި ވެދިޔަތަން މާޒީއާއެކު ހަނދާން ނައްތާލާފައި އަމިއްލަ ދިރިއުޅުމަކާއިގެން ކުރިއަށްދާން ނިންމިއެވެ. މާޒީގައި ވެފައިވާ ކަމެއް ދެން އަލުން އަނބުރާ އެކަމައް ބަދަލު ނުކުރެވޭ ނެތީއެވެ. މިބޮޑު ހާދިސާއަކީ ސިއްދީގު މުޅި އުމުރަށް ފޮރުވާފައި ބާއްވަން ޖެހޭނެ ކަމެކެވެ. އޭނާގެ ކާބަފައިންގެ ބައެއް ވާހަކަ ތަކުގެ މަތިން މިއަދު އޭނާ ހަނދާންވެއެވެ. އެކަމަކު އެފަދަ ކަމެއް ކުރާކަށް އަދިއެއް ބޭނުމެއް ނުވެއެވެ. ސިއްދީގު ދެން ބޭނުންވަނީ މީހަކާއި އިނދެ ހަޔާތެއް ކުރިއަށް ގެންދެވޭތޯ ބަލާށެވެ.

މިބޮޑު ހާދިސާ ދިމާވެ އޭނާ އުފުލަން ޖެހުނު ތަކުލީފާއި އެކަނި ވެރިކަން މާބޮޑެވެ. ސިއްދީގު އޭގެ ފަހުން މުއާވިޔަތަކީ މަރުވި މީހެއް ކަމަށް ބަލައި ޖިންނި އަންހެނާގެ ހަނދާނުގައި އެދުވަހުން ފެށިގެން ލ.ގަމަކަށް ދުވަހަކު ވެސް ނުދެއެވެ.

މިހާރު ޕަރީފެންގަނޑާ ބެހޭ އެއްވެސް ކަމެއް ސިއްދީގަކަށް ނޭނގެއެވެ. ދުވަސްތައް ފާއިތު ވަމުންގޮސް ސިއްދީގު ވެސް އޭނާ ރަށުން މީހަކާ ކައިވެނިކޮށް އާދިރިއުޅުމެއް ފެށިއެވެ. އެހެންނަމަ ވެސް އޭނާ ހިތުގައި އެފެނުނު ޕަރީ އަށްޓަކައި ވެވުނު ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ހަޔާތުގެ ކޮންމެ ވެސް ހިސާބަކުން އަދި ވެސް އެ ޕަރީ އޭނާއަށް ފެންނާނެކަމުގެ އުންމީދު ކުރެއެވެ.

https://www.facebook.com// (ވާހަކައިގެ ފައިނަލްޓްރެއިލާގެ ވީޑިޔޯ)

*** *** *** ****

ސާފުހުދު ވިލާގަނޑެކެވެ. ވިލާގަނޑު މަތީގައި އެކިކަހަލަ ރީތި ދޫނިތަށް އުދުހެެމުން ދެއެވެ. ޕަރިސްތާންގެ ވަށައިގެން މަތީގައި ވަނީ ދިއްލާފައި ހުރިބޮޑެތި ލޯގަނޑުތަކެކެވެ. ދުރަށް ލޯގަނޑުގެ އަލިން ދަޅައަޅާވަރުން އެތަނަކާ އެހެންއެއް ވެސް އެއްޗަކަށް ކައިރި ނުވެވޭނެއެވެ. އިރުގެ އަލި ލޯގަނޑަށް އެޅިގެން ވަނީ މުޅިތަނަށް ހޫނު ވަށައިގެން ފެތުރިފައެވެ.

މިއީ އާދައިގެ ލޯގަނޑެއްނޫނެވެ. ޕަރިސްތާނުގެ ގަނޑުވަރުގެ މަތީގައި ވަށައިގެން މިލޯގަނޑުތައް ޖެހީ އެތަނުގެ ހިމާޔަތަށެވެ. މިއިން ލޯގަނޑެއް ގެ ކައިރިއަށް އެއްވެސް ދިރުން ހުރި އެއްޗެއް ކައިރި ވެއްޖިއްޔާ ލޯގަނޑުގައިވާ ގަދައަލިން އަންދާލެވޭނެއެވެ. މިގަނޑުވަރަށް ވަނުމަށް ހުއްދަ ލިބިގެންވާ ބަޔަކަށް މެނުވީއެވެ.

ރަސްގެފާނު އަލްއަބީރުލްމާލިކް އެމަނިކުފާނު ގެ ހަޔާތްޕުޅުގައި މި ޖެހިވަޑައި ގެންނެވީ އެ މަނިކުފާނު ގެ ހަމައެކަނި އިންނެވި ރަސް ދަރިކަނބަލުން އަމީރާ ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ ޕަރިސްތާނުގެ ގަނޑުވަރުކޮޅުގެ ތެރޭގައި ނުނިކުމެވޭނެހެން ތާއަބަދަށް ހައްޔަރުފުޅު ކޮއްފައި ބައިންދަވާށެވެ. އެކަމަނާއަށް ވަނީ ބޮޑު ކުށެއްކުރެއްވި އެކަމަށް އިއުތިރާފް ވެވަޑައިގަންނަވާފައެވެ. ޕަރިސްތާންގެ ރަސްގެފާނު އަލްއަބީރުލްމާލިކް ވަނީ އެއްވެސް ޕަރީންގެ ބަޔަކަށް އެމަނިކުފާނުގެ އަމުރުފުޅަކައި ނުލައްވައި ބިމުގެ އެއްވެސް ތާކަށް ފޭބުން މަނާފުޅު ކުރައްވައިފައެވެ. މިކަމުގައި ބޮޑުވެގެންވާ ސިއްރުވެރި ސަބަބެއް ވެއެވެ. ކޮންމެ ހުކުރު ދުވަހެއްގެ ރޭގަނޑު އެމަނިކުފާންގެ އަމުރުފުޅަކާއި ނުލައްވައި ޖަޒީރާ ރަށުގައިވާ ޕަރީންގެ ފެންގަނޑަށް ވެސް އެއްވެސް ޕަރީއަކަށް ތިރިކުރުން ވަނީ މަނާ ކުރަށްވާފައެވެ.

**** **** *****

މީގެ ފަންސާސް ހާސް އަހަރަށްވުރެ ވެސް މާކުރީގައި މި ޕަރިސްތާންގެ ގަނޑުވަރު ހުރީ ވިލާގަނޑު މަތީގައި ނަންގަވައިފައެއްނޫނެވެ. މިގަނޑުވަރު ކުރިން ބިނާ ކުއްރެވިފައި ވަނީ ރަން ފަރުބަދަ އެއްގެ މަތީގައިއެވެ. އެތަން ހުންނަނީ ކަނޑުގެ އައްސޭރީގައި އޮންނަ ބޮޑު ބިމެއްގައެވެ. އެދުވަސް ވަރުގައި ރަސްގެފާނުގެ ވަރަށް ރީތި އަންބަކު އިންނެވިއެވެ. އެއީ ޕަރިސްތާން ގަނޑުވަރުގެ ރާނީ ކަމަނާފުޅެވެ. އެހެން ހުރިހާ ޕަރީޒާދުންނަށް ވުރެ އެ ފަދަ ދެވަނަ އެއްނުވާހައި ރީތިކަމެއް އިންތިހާއަށް ލިބިވަޑައިގެން ނަވައިފައިވާ ޕަރީއެކެވެ. މި ރާނީ ޕަރީ ކަމަނާފުޅު އަބަދު މެހެން ހުންނަވަނީ ރަތްކުލައިގެ އަލިފާން ގިނިކަނި މުޅިހަށި ކޮޅުން ބުރަ ބުރައެވެ.

އެ ކަމަނާ ގެ ރީތި ބޮޑު ވަރަފުޅު ފެންނަން ހުންނަ އިރުގައި ރަތް ކުލައިގެ ފިނިފެންމަލެއް ގެ ބޮޑު ފިޔަ އެއް ފަދައިން ފެތުރިގެންވެއެވެ. ރާނީ ކަމަނާފުޅުގެ އެ ރީތި ނަލަ ބަނިޔާދަން ހަށިކޮޅު ނިވައި ކުރުމަށް ތުރު ކުރައްވައިގެން ހުންނަވަނީ ރަތް ކުލައިގެ ވިދައި ބަބުޅާ ކުނޑިން ތައްޔާރުފުޅު ކުރެއްވިގެން ފައިވާ ތުނި ބިއްލޫރި ފޭރާމް ކޮޅަކުންނެވެ. ދުވާލެއް އަދި ރޭގަނޑެއް ވިއަސް އެކަމަނާ ހުންނަވަނީ ރަތްކުލައިގެ ތަރިއެއް ފަދައިން ދިއްލި ވިދައި ވިދައިލާއެވެ. މި ރާނީ ކަމަނާގެ ނަންފުޅަކީ އަލްއަބީރާ ރާނީ ޕަރީޒާދުލް ހުސްނުލް ޒަމްރީޝާ އެވެ.

ޕަރިސްތާން ގަނޑުވަރުކޮޅުގައި ތިއްބަވައި ހުރިހައި ކުދި ބޮޑު ޕަރީޒާދުން ނާއި ޚާދިމު ބޭކަލުން އެ ތުރު ކުރައްވައިގެން ތިއްބަވާ މި އާދަޔާ ޙިލާފު ބިއްލޫރި ފޭރާންތަކަކީ އަޖައިބު ކުރުވާ ފަދަ ގޮތަކަށް އުފައްދަވައިފައި ވާ އަލިގަދަ ފޭރާންކޮޅު ތަކެކެވެ. މީގެ އެތަކެއް ހާސް އަހަރު ކުރީގައި ރަސްގެފާނު ގެ ކާބަފައިން ވެސް ވަނީ ހަމަ މިފަދަ ފޭރާންކޮޅުތައް ތުރުކުރައްވައިފައެވެ. އެކި ޒަމާން ތަކުގައި ވެސް އެކި އެކި ބޮޑެތި ރަސް ރަސްކަލުން ނާއި ރަނި ކަމަނާ އިން ތުރުފުޅު ކުރެއްވީ ހަމަ މިފަދަ ޖާދުވީ އަލިގަދަ ބިއްލޫރި ފޭރާންކޮޅުތަކެވެ.

ޕަރިސްތާނުގެ މުޅި ޖީލުގައި މި އުފައްދަވައި ފައިވާ ބިއްލޫރި ފޭރާންކޮޅުު ތަކަކީ އެހެން އެއްވެސް ޖިންނީން ގެ ބަޔަކު އަޅައި އުޅުނު ފޭރާން ތަކެއް ނޫނެވެ. އެ ޝާހީ ބިއްލޫރި ފޭރާންކޮޅުތައް އުފައްދައި ތައްޔާރުފުޅު ކުރެއްވިގެންފައިވާ ބޮޑު ސިއްރަކީ އެހެން އެއްވެސް ޖިންނީންގެ ބަޔަކަށް އެނގޭ ސިއްރެއް ނޫނެވެ. ޕަރީންގެ މި ފޭރާންކޮޅުތަކަކީ ޕަރިސްތާނުގެ ގަނޑުވަރު ބިނާކުރައްވައިފައިވާ އެ ހުންނަ ރަންފަރުބަދައިގެ އަޑިން ނެންގެވޭ ހައިރާން ކުރަވަނިވި މައުދަނަކުން ހައްދަވައިފައި ވާއެއްޗެކެވެ.

ފަރުބަދައިގެ އަޑިން އުފެދޭ ނާދިރު ޖަވާހިރެއްގެ ސަބަބުން އެއިން ތައްޔާރުފުޅު ކުރެއްވޭ އަގުހުރި ޝާހީފުޅު އެއްޗެކެވެ. ވިއްސާރަ ދުނީގައިވާ ކަހަލަ އެކިކުލަ ކުލައިން އެއްވެގެން އުފެދިފައި ހުންނަ އަލިމަސް ތަކަކުން ތައްޔާރުފުޅު ކުރައްވަމުން ގެންދަވާ ޖާދުވީ ރަސްކަލުންގެ ފޭރާމްކޮޅު ތަކެކެވެ. އަލްއަބީރުލްމާލިކް ރަސްގެފާނުގެ ޝާހީ އަމުރުފުޅަށް ޚާދިމުން އެ ޚަޒާނާ ތަށް ފަރުބަދައިގެ އަޑިން ނަންގަވަތެވެ. އަދި ބާނދީން ޕަރީން ގެ ކަނބަލުން އެ ޖަވާހިރު ތަށް މުގުރައިގެން ހިމުން ކޮއް ހުންނަ ވީދާ ކުޑިއެއް ތައްޔާރު ކުރައްވަމުން ގެންދެއެވެ. ދެން ގަނޑުފެނުގެ ފަރުބަދަތައް ހުންނަ ކަނޑުއަޑިން ނެގޭ ތަފާތު ބާވަތެއްގެ ފެހިކުލައިގެ ކަށިފަޅައިފާ އޮންނަ ސަންގު ބޮއްޔެއް ވެއެވެ. އެ ބޮލީގެ ތެރޭގައި އުފެދޭ އާދަޔާ ޚިލާފު ސާފު ހުދުކިރު ކުލައިގެ ދިރޭރަހަ ތަކެއް ނަގައެވެ.

އަދި މި ހުދު ދިރޭރަހަ ތަކައް އެ ޖަވާހިރު ކުޑިތަކާއި ރަނާއި ރިހި މުގުރައި އޭގެ ކުނޑި ވެސް އެއްކުރައްވަތެވެ. އަދި އެޔަށް އަލިފާން ފަރުބަދައި ގައިވާ ދިޔާ އޮލަ އަލިފާން އެއްކުރައްވައިގެން އެ އުފައްދަވާ ވިދައި ބަބުޅާ ބިއްލޫރި ފަދަ ފޭރާންކޮޅުތަކަކީ އަޖައިބުން ފުރިގެން ދާ ވަރުގެ އަލިގަދަ ވިދައި ދިއްލިފައި ހުންނަ ފޭރާންކޮޅު ތަކެކެވެ. ޕަރިސްތާން ގެ ރަސްގެފާނު އަލްއަބީރުލްމާލިކް ވަނީ މި ވިދައިބަބުޅާ ބިއްލޫރިން އެމަނިކުގެ ފާނުގެ ލޯބިވާ ދަރިކަނބަލުން އަށް ވަރަށް ރީތި ބޯ ބިއްލޫރި ތަނޑުބައިފުޅު ތަކެއް ތައްޔާރުކޮއް ހައްދަވައި ދެއްވާފައެވެ. އަމީރާ ކަމަނާ ގެ ކޮނޑުފުޅާ ހަމައިން ފެށިގެން އަތްޕުޅުގެ ތިރިއަށް ހުންނަވަނީ އަބަދުމެހެން މި ބިއްލޫރި ތަނޑުބައި ތަށް އަޅުއްވައިގެންނެވެ.

ރާނީ ޒަމްރީޝާ ކަމަނާފުޅަކީ މާމެލާ މެލީގެ މާތަކުގެ ތެރެއިން ވެސް ހާއްސަކޮށް ފިނިފެންމަލު ގެ ވަހަށް ލޯބިފުޅު ކުރައްވާ ޕަރީއެކެވެ. އަލްއަބީރުލްމާލިކް ރަސްގެފާންގެ މުޅި ގަނޑުވަރުގައި ފިނިފެންމަލުގެ އެކި ބަގީޗާތައް ހައްދަވާފައި ވެއެވެ. މި ބަގީޗާ ތަކަކީ ފިނިފެންމަލުގެ ގުލްޝަންތަކުގެ ބަހާރު މޫސުމުން ފަރިވެފޮޅިފައިވާ ބަގީޗާތަކެވެ. މިއިން ކޮންމެ ބަގީޗާއެއްގައި ވެސް ފިނިފެންމަލުގައި ތައްޔާރުފުޅު ކުރެއްވޭ އެކި ވައްތަރުގެ ހުވަނދުތަކާއި އެކިބާވަތުގެ ކާތަކެއްޗާއި ފޮނިމީރު ބުއިންތަށް ހައްދައި އުޅެއެވެ. އެކިކުލަކުލައިގެ ފިނިފެންމަލުގެ ގުލްދަސްތާރު ބަހާރުމޫސުން އަބަދު ވެސް ހުންނަނީ ފަނޑުކަމެއްނެތި މި ބަގީޗާ އަށް އައިސްއައިހެވެ. މާތައް ފަރިވެފޮޅިފައެވެ.

ރާނީ ހުސްނުލް ޒަމްރީޝާ ޕަރީ ކަމަނާފުޅަކީ މިފެންނަ ހުރިހާ ފިނިފެންމާ ތަކެއްގެ ހައްޤުވެރިއާ ވެސް މެއެވެ. ޕަރިސްތާންގެ ރަސްގެފާން އެމަނިކުފާނުގެ ލޯބި ފުޅުވާ އަނބިކަނބަލުންގެ މައްޗަށްވާ ލޯތްބަކާ ކުލުނުފުޅެއްގެ ބޮޑު ކަމުން މުޅި ޕަރިސްތާންގެ ގަނޑުވަރަށް ވެސް ނަން ދެއްވައި ފައިވަނީ އަލް އަބީރުލް ވަރްދާގެ ނަންފުޅުންނެވެ. ރާނީ ޒަމްރީޝާ ޕަރީ ކަމަނާފުޅުގެ ހާއްސަ ބަގީޗާއެއްވެއެވެ. މިބަގީޗާ އަކީ އެހެން އެއްވެސް މީހަކަށް ވަނުން މަނާ ތަނެކެވެ. ހަމައެކަނި ރަސްގެފާނާއި ތުއްޕުޅު ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ ފިޔަވައެވެ.

ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ އަކީ ޕަރިސްތާން ރަސްގެފާނަށާއި އެމަނިކުފާނުގެ އަނބިކަނބަލުން ރާނީ ކަމަނާފުޅަށް ލިބިވަޑައިގެންނެވި ހަމައެކަނި ރަސް ދަރިކަނބަލުންނެވެ. މި ތުއްޕުޅު ދަރިކަނބަލުން ދުނިޔެއަށް އުފަންވި ރެއަކީ އުޑުމަތީގައި ތަރިތައް ވިދާ ބަބުޅަމުން އައި ރެޔަކަށްވެފައި ދުނިޔެ މައްޗަށް ވަރަށް ބާރުމިނުގަ ބޮޑު ހުދުކުލައިގެ ރަނާއި ދިރޭރަހަ އެކުލެވިގެންވި ގިނިހިލައެއް ދަތުރުކޮށް ކަނޑުގައި ހުރި އަލިފާން ފަރުބަދައެއްގެ އެތެރެއަށް މި ގިނިހިލަ ވެއްޓުނު ރެއެކެވެ. ހަމަ މިރެޔަކު އެ އަލިފާން ފަރުބަދަ ގޮވައި މުޅި ކަނޑުގެ ތެރެއަށް އޮލަދިޔައި އަލިފާން ބަންޑުން ވެގެންދިޔައެވެ.

އެތައް ހާސް މޭލު ދުރުމިނުގައިވާ ޕަރިސްތާން ގަނޑުވަރުގައި މިމަންޒަރު ބައްލަވަން ހުންނެވި ގެ ރަސްގެފާނު ހިނިފުޅު ވަޑުވަން ފެއްޓެވިއެވެ. އުފާފުޅާ އެއްކޮއް ލިބިވަޑައިގެންނެވި ލޯބިވާ ތުއްޕުޅު ދަރިކަނބަލުންނަށް "ގިނިކަނދުލް ޝަބީބާ" އޭ ކިޔުނު ނަންފުޅު ދެވުނެވެ. މިނަމަކީ ބާރުގަދަ ހައިބަތުން ފުރިވަޑައިގެންވާ ނަމެކެވެ.

"ޝަަބީބާގެ މާނައަކީ މުޅި އުންމަތެއްގެ މަންމަ" އެވެ. އަދި "ގިނިކަނދުލް އޭ ކިޔުނީ އަލިފާން ގިނިހިލަގަނޑެއް" ދަތުރުކޮށް މިބިމަށް ވެއްޓުނު ރޭގަނޑެއްގައި ޝަބީބާ ކަމަނާ ދުނިޔެއަށް އުފަންވެ ވަޑައިގަތީމައެވެ.

ރަސްގެފާނު ވަނީ މި ތުއްޕުޅު ދަރިކަނބަލުން ލިބިވަޑައިގެން ނެވެމުން އެކަމުގެ އުފަލުގައި މުޅި ފިނިފެންމާ ގަނޑުވަރުކޮޅުގައި ބޮޑު ހަފްލާއެއް ބާއްވައިފައެވެ. ބޮޑެތި ޖާފަތް ތަކާއި ކުޅިވަރުތަށް ބާއްވައި އެކި އުފާވެރި ބައްދަލުވުންފުޅު ތަށް ބޭއްވިއެވެ. މި ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަނޑުން ނާއި ގަނޑުފެނުގެ ފަރުބަދަ ތަކުންނާއި އަދި ބިމުގެ ޖަންގަލި ތަކުގައި ވެރިކަން ކުރަމުން އަންނަ އެކި ޖިންނީން ގެ ބޮޑެތި ރަސް ރަސްކަލުންނާއި ރަނިކަމަނާ އިންނެވެ. އަދިކިޔެއްތަ އެކި ޝާހީ އަމީރުންނާއި އަމީރާއިން މި ހަފްލާގައި ބައިވެރި ވެވަޑައިގެންނެވިއެވެ.

އަދި އެހެންމެ އެކި ވަޒީރު ބޭބޭފުޅުން ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރި ވެވަޑައިގަންނަވައިފައިއެވެ. އެތައް ބައިވަރު ހަދިޔާތައް ތުއްޕުޅު އަމީރާ ކަމަނާ އަށް ވެދުންފުޅު ކުރެއްވިއެވެ. އޭގެ ތެރޭގައި އެކި ވައްތަރުގެ އެކި ބާވަތް ތަކުގެ ޖަވާހިރުތަކާއި އެކި ގަހަނާ ތަކުން ފުރިގެން ދިޔައެވެ. ޕަރިސްތާން ގެ ގަނޑުވަރު ވަނީ ބޮޑެތި އިތައި މުތުން ޒީނަތް ތެރިކޮށް ހައިބަތުން ފުރިގެންވާ ބޮޑެތި ފިނިފެންމަލުން ގަނޑުވަރުގެ ސަންގުމަރު މަރު ފާރުތަށްވެސް ޒީނަތް ތެރިކޮއްލާފައެވެ.

ޚާދިމުން އެތައްބައިވަރު ގޮމަކަސްތޫރިން ދުން އަޅައި މީރުވަސް ދުއްވައި މާހައުލަށް އުފާވެރިކަން ގެނުވާފައެވެ. ޕަރީން ގެ ވަރަތަށް ދިއްލައި އަލިކުރަމުން ރީތި ނެށުންތަކާއި ލަވަތަށް ކިޔުމުގެ އަޑުތަކުން މުޅި ގަނޑުވަރާއި ޖައްވު ވަނީ ގުގުމާ ލައިފައެވެ. އަލިފާނާ އި ފެނުން އެކި އަޖައިބުވަނިވި ކުޅިވަރުތަށް ދައްކާ ހަދައިފައެވެ. ޝާހީ ބޮޑު ފަރީއްކޮޅެއް ތައްޔާރު ކުރައްވައިފައި ވެއެވެ. މީރު ބުއިންތަކާއި އެކި ޒާތްޒާތުގެ ކާނާގެ ބާވަތްތަކުން ބައިވަރު މޭޒުތަށް ހުރީ ފުރި ބަރާވެފަ އެވެ. އެތައް ބައިވަރު ބާނދީންނާއި ޚާދިމުން ފޫހިކަމެއް ބުރަކަމެއް ނެތި އެވަޑައިގެންނެވި އެންމެހައި ބޭފުޅުން ނާއި ކަނބަލުންގެ ޙިދްމަތުގައި އަވަދި ނެތި ތިއްބެވިއެވެ.

ދަރުބާރުގައި އެންމެހައި މީސްތަކުން އެ އިންތިޒާރު ކުރައްވަނީ ރަސްގެފާނުގެ އިސްތިޤްބާލުގައި އެމަނިކުފާނުގެ ފައިންޕުޅު ފެނިވަޑައިގެންނަވާނެ ވަގުތަކަށެވެ.

ޕަރިސްތާން ގެ ރަސްގެފާނާއި އެމަނިކުފާނުގެ ރީތި އަނބިކަބަލުން ރާނީ ޒަމްރީޝާ ޕަރީ ކަމަނާފުޅު އެކަމަނާ ލޯބިފުޅުވެ ލައްވާ ތުއްޕުޅު ދަރިކަނބަލުން އުރުވަޑުވައިގެން ދަރުބާރަށް ވަޑައިގެންފިއެވެ. އަދި މުތާއި ޔާގޫތާއި އަދި ޒަމައްރުދުން ހައްދަވައި ބެހެއްޓެވި ފައިވާ ބޮޑު ތަޚްތަށް އަރައި ވަޑައިގެން ނެވިއެވެ. ރަސްގެފާނު ވަނީ ދަރުބާރަށް ވަޑައިގެންނެވި އެންމެ ހައި އިއްޒަތް ތެރި ޝާހީ ރަސް ރަސްކަލުންނާއި ރަނިކަމަނާ އިންނާއި އަދި ތިއްބެވި އެކި ޝާހީ ބޭފުުޅުން ނަށާއި އިސް ވަޒީރުބޭކަލުން އަށް މި ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވި ކަމައްޓަކައި އެކަމައި އުފާފުޅު ކުރައްވައި ޝުކުރު އަދާ ކޮއްފައެވެ.

އެންމެހައި ބޭފުޅުން ނާއި ބޭކަނބަލުން އަތްތިލަބަޑި ޖައްސަވައި ހޫނު މަރުހަބާ އެއް ވިދާޅުވިއެވެ. ރަސްގެފާނު އަލްއަބީރުލްމާލިކް ހިނިފުޅު ވަޑުވަމުން ޡަޚްތުން ފައިބާ ވަޑައިގެން ދަރުބާރުގެ މެދަށް ވަޑައިގެންނެވިއެވެ. އަދި އުފާފުޅާއެކު އެމަނިކުފާނުގެ ލޯބިފުޅުވެ ލައްވާ ތުއްޕުޅު ދަރިކަނބަލުން އަމީރާ ކަމަނާ ގެ އިއްޒަތްތެރި ޝާހީ ނަންފުޅު ފުރަތަމަ ފަހަރަށް ޕަރިސްތާން ގެ ފިނިފެންމާ ގަނޑުވަރުކޮޅު "އަލް އަބީރުލް ވަރްދާ" ގައި އިއުލާންކޮށް ވިދާޅުވެ ލެއްވިއެވެ.

"އަބީރުލް އަމީރާ ޕަރީޒާދުލް ގިނިކަނދުލް ޝަބީބާ "އެވެ.

އަލްއަބީރުލްމާލިކް ރަސްގެފާނާއި އެމަނިކުފާނުގެ އަނބިކަބަލުން އަލްއަބީރާ ރާނީ ޕަރީޒާދުލް ހުސްނުލް ޒަމްރީޝާ ކަމަނާފުޅު ވަނީ މި އިއްޒަތްތެރި އުފާވެރި ހަފްލާގައި ބައިވެރިވަޑައިގެންނެވި ކޮންމެ ބޭކަލަކަށާއި ބޭކަނބަލަކަށް ބިއްލޫރި ފޭރާމަކާއި ހުވަނދު ގުޅިއެއް ހަދިޔާކުރައްވާފައެވެ.

(ނުނިމޭ)