ހުޅުމާލޭގައި އިމާރަތް ކުރާތާ އަހަރުތަކެއްވީ ފުލުހުންގެ ފްލެޓްތައް ނުނިމި އަދިވެސް މަސައްކަތްތައް ދިގުލަމުން ދާއިރު، އެފުލެޓުތައް މި މަހު ވެސް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

2013 ވަނަ އަހަރުގައި ފުލުހުންގެ ފުލެޓު ހަދަން ހަވާލުކުރީ ރާއްޖޭގައި އަގު ބޮޑު މަޝްރޫއުތަކެއް ހިންގި ނޫމަޑި ކުންފުންޏާއެވެ. ފުލެޓު ނުހެދުނީމަ އެއްބަސްވުމުން ބާތިލްކުރުމަށް ފަހު، އެ މަސައްކަތް ހަވާލުކުރީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

ނަމަވެސް ކޮވިޑާއެކު އައިލެންޑް އެކްސްޕާޓް ބަނގުރޫޓުވެ، އެ ކުންފުނި ވެސް 2021 ވަނަ އަހަރު އެ ދެ މަޝްރޫއުން ވަކިވެފައެވެ.

އެންމެ ފަހުން ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް"އާ ހަވާލުކޮށްގެން މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ފުލުހުންގެ ފްލެޓްތައް މި މަހު ނުނިމޭނެ ކަމަށެވެ. މީގެއިތުރުން ވިދާޅުވީ، ޖެހިގެން އަންނަ މަހަށް ފުލުހުންގެ ފްލެޓްތައް ނިންމަން މަސައްކަތް ކުރާ ކަމަށެވެ.

އެޕާޓްމަންޓުތަކުގައި އޭސީ ހަރުކޮށް، މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތެވެ. މި ފްލެޓުތަކުގެ މަސައްކަތްތަކަށް ވަނީ 500 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.