ކޮވިޑް-19 އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމާ ގުޅިގެން ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ހުރިހާ ސްކޫލްތަކެއް ދެ ހަފްތާއަށް ބަންދުކުރަން ނިންމައިފިއެވެ.

މިއީ، ބަލި ފެތުރުން ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅުތަކުގެ ބައެއް ކަމަށް ތައިލެންޑުން ބުނެއެވެ.

ތައިލެންޑުން މިއަދު އެކަނިވެސް 279 މީހުން އަލަށް ޕޮޒިޓިވްވެފައި ވެއެވެ.

އަލަށް ޕޮޒިޓިވި ގިނަ މީހުން ނިސްބަތްވަނީ ބެންކޮކްގެ ދެކުނުގެ ސަމުޓު ސަޚޮން ޕްރޮވިންސުން ފެނިފައިވާ ކްލަސްޓަރއާއި، އިރުމަތީ ރޭޔޮންގްގައި ގަވާއިދާ ޚިލާފަށް ޖުވާކުޅޭ ތަންތަނުން ފެނިފައިވާ ކްލަސްޓަރތަކަށެވެ.

މި ކްލަސްޓަރކުގެ ސަބަބުން ބެންކޮކްގައި ކޮވިޑް-19 ބާރަށް ފެތުރޭން ފެށުމުން، ބެންކޮކްގެ އެޑްމިނިސްޓްރޭޓަރވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވާފާއެވެ.

އެގޮތުން، މިފެށުނު 2021 ވަނަ އަހަރުގެ ޗުއްޓީއަށްފަހު ދެ ހަފްތާއަށް ބެންކޮކްގެ ހުރިހާ ސްކޫލްތަކެއް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

ބެންކޮކް މެޓްރޯޕޮލިޓަން އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު ވިދާޅުވީ، ކިޔަވާކުދިންނާއި އަދި ވިޔަފާރީގައި އުޅޭ މީހުންނާ ގުޅުންހުރި އާ ކޭސްތައްވެސް ފެންނަން ފަށާފައިވާ ކަމަށެވެ.

މިކަމާހެދި، ހުރިހާ ސްކޫލްތަކާއި، ކުޑަކުދިންނާއި އަދި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ޑޭކެއަރ ސެންޓަރުތަކާއި، ޕްރީސްކޫލްތަކާއި، ޓިއުޝަން ސެންޓަރުތައް ޖެނުއަރީ 4 އިން 17 އަށް ބަންދުކުރުމަށް ބެންކޮކް ސިޓީންވަނީ ނިންމާފައެވެ.

ހަމަ އެއާއެކު، އެމިއުސްމަންޓް ޕާކްތަކާއި، ކުޑަކުދިން ކުޅެންގޮސްއުޅޭ ތަންތަނާއި، އާންމު ފެންވަރާ ތަންތަނާއި، މަސާޖް ޕާލާތައްވެސް މަދަމާއިން ފެށިގެން ބަންދުކުރަންވަނީ ނިންމާފައެވެ.

ހަމައެއާއެކު، ރެސްޓޯރަންޓްތަކަށް މީހުން ގޮސްގެން ކެއިން ބުއިމުގެ ޚިދުމަތް ލިބިގަތުން މަނާކުރުމަށްވެސް ބެންކޮކުން ބޭނުންވާ ކަމަށާއި، ނަމަވެސް އެކަމަށް ގޮތެއް ނިންމާނީ، ސަރުކާރުގެ ކޮވިޑް-19 ތާސްކްފޯހާ އިތުރަށް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ބެންކޮކް މެޓްރޯޕޮލިޓަން އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނު ވިދާޅުވިއެވެ.

ތައިލެންޑުން ކޮވިޑް-19 ބަލީގައި މިހާތަނަށް 63 މީހުން މަރުވެފައިވާއިރު، ބަލިޖެހުނު މީހުންގެ އަދަދުވަނީ 7،163 އަށް އަރާފައެވެ.