މ. މުލަކުގައި ''އަންހެންނުންނަށް ސިޔާސީ އަދި އިޤްތިސާދީ ދާއިރާއިން ފުރުސަަތު ހޯދާއިދިނުން (މިންތީގެ ހަމަހަމަކަން)'' ގުޅޭ ގޮތުން އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން އެވައަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ މުލަކު ކައުންސިލާއި، މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ ގުޅިގެން މ.އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މުލަކު ސްކޫލުގައި މިމަހު 16 އިން 17 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މުލަކުގެ އިތުރުން ފަސް ރަށަކުން ބައިވެރިވެފައިވެއެވެ. އެއީ ކޮޅުފުށި، ނާލާފުށި، މުލި، ވޭވަށް، އަދި ދިއްގަރެވެ. މިއިން ކޮންމެ ރަށަކުންވެސް ކައުންސިލް މެމްބަރަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރަކު ވަނީ ބައިވެރިވެފައިވެއެވެ.

''ހަލިނިއުސް''އަށް މައުލޫމާތު ދެއްވަމުން، މުލަކު އ.ތ.މ ކޮމެޓީގެ ރައިސާ، ނާސިހާ ނަސީރު ވިދާޅުވީ މި ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ ސިޔާސީ ދާއިރާއިން އަންހެން ކަނބަލުން ނެރުމާއި، އިޖްތިމާއީ ގޮތުން ބާރުވެރި ކުރުވުން ކަމަށެވެ. އަދި މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށްވެސް ނަސިހާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ޕްރޮގްރާމްގައި ސިޔާސީ ދާއިރާއިންނާއި އިޖްތިމާއީ ގޮތުން އަންހެން ކަނބަލުން ބާރުވެރި ކުރުވާނެގޮތުގެ މައުލޫމާތުގެ އިތުރުން، ގެވެށި އަނިޔާއާ ބެހޭގޮތުންވެސް މައުލޫމާތު ދެއްވާފައިވެއެވެ. މި އެވައަރނަސް ޕްރޮގްރާމްގައި މައުލޫމާތު ދެއްވައިފައިވަނީ އައިއާރްއައި، އޭޖީއޭގެ އަދި ފެމެލީ ޕްރޮޓެކްޝަން އެޖެންސީ އިންނެވެ.

ދެ ދުވަހަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 27 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މިއީ މިފަދަ ޕްރޮގްރާމެއް މުލަކު އ.ތ.މ ކޮމެޓީއިން ހިންގި ފުރަތަމަ ފަހަރެވެ. އަދި އެ ކޮމެޓީއިން ވަނީ މި ޕްރޮގްރާމް ހިންގުމަށް މ. އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްއިން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.