ކޮވިޑް-19 ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމާ ގުޅިގެން ޔޫކޭއިން އިމަޖެންސީ ހޮސްޕިޓަލްތައް އަލުން އެކްޓިވޭޓް ކޮށްފިއެވެ.

މި ހޮސްޕިޓަލްތަކަކީ، ކޮވިޑްބަލި އެންމެ ފުރަތަމަ ފެތުރޭންފެށުމާ ގުޅިގެން މާޗްމަހާއި އޭޕްރީލްމަހުގެ ތެޜޭގައި ބަލިމީހުންނަށް ފަރުވާދިނުމަށް ގާއިމްކުރި ހޮސްޕިޓަލްތަކެކެވެ.

ޔޫކޭއިން އިމަޖެންސީ ހޮސްޕިޓަލްތައް އެކްޓިވޭޓް މިކުރީ، ކޮވިޑް ބައްޔަށް ފަރުވާދިނުމުގައި މިހާރު ހުރި ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާން ފެށުމުންނެވެ. ޚާއްސަކޮށް ވެރިރަށް ލަންޑަންގެ ހޮސްޕިޓަލްތަކަށް ޖާގައިގެ މައްސަލަތައް ކުރިމަތިވެފައި ވެއެވެ.

ޔޫކޭގެ ކޮވިޑް-19 ބަލީގެ ހާލަތު ކުރިންވެސް ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް، އަލަށް ފެނުނު ކޮވިޑްވައިރަސް ވޭރިއެންޓްގެ ސަބަބުން ބަލިޖެހޭ މީހުންގެ އަދަދު އެތައްގުނަ އިތުރުވަމުން ގޮސްފައި ވެއެވެ.

އަލަށް ފެނިގެންއުޅޭ ވޭރިއެންޓަކީ މީހުންގެ މެދުގައި ވަރަށް ހަލުވިކަމާއެކު ބަލިފަތުރާ ވައިރަހުގެ ވައްތަރެކެވެ.

ވޭތުވެދިޔަ 4 ދުވަހުގެ ތެރޭގައި ޔޫކޭގައި ދުވާލެއްގެ މައްޗަށް 50،000 އަށްވުރެ ގިނަމީހުން ޕޮޒިޓިވްވަމުން ގޮސްފައިވާ ކަމަށް ރެކޯޑުތަކުން ހާމަވެއެވެ.

ސިއްހީ ޚިދުމަތްދޭ އެތައްބަޔަކު ބަލިވެގެންނާއި، އައިސޮލޭޓްވާން ޖެހުމުގެ ސަބަބުން ބަލިމީހުންނަށް ފަރުވާ ދިނުމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވަމުންދާއިރު، ހޮސްޕިޓަލްތަކުގައި އެނދު ނެތުމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުން ގެންދަނީ ބަލިމީހުން އެމްބިއުލެންސްގައި ބައިތިއްބައިގެންވެސް ފަރުވާދެމުންނެވެ.

ރޯޔަލް ލަންޑަން ހޮސްޕިޓަލުން ސްޓާފުންނަށް ފޮނުވި އީމެއިލްއެއްގައި ބުނެފައިވަނީ، ހޮސްޕިޓަލް މިހާރުވަނީ "ޑިޒާސްޓަރ މެޑިސިން މޯޑްގައި" ކަމަށެވެ.

މިކަމާހެދި، ޔޫކޭގެ ނޭޝަނަލް ހެލްތު ސަރވިސަސްގެ ތަރުޖަމާނު ވިދާޅުވީ، ލަންޑަންގައި ހުންނަ ނައިޓިންގޭލް ހޮސްޕިޓަލް އަލުން ހުޅުވަން ޖެހިއްޖެނަމަ ހުޅުވަން ހޮސްޕިޓަލް މިހާރު ތައްޔާރުކުރަމުން އަންނަ ކަމަށެވެ.