އިއްޔެ 18 ޖޫން، ނިމިގެން އެދިޔައީ ދުނިޔޭގައި ފާހަގަ ކުރާ ބައްޕައިންގެ ދުވަހެވެ. އިއްޔެގެ ހެނދުނުން ފެށިގެން މިއަދުގެ މިގަޑިއާ ހަމައަށްވެސް އަދިވެސް ފޭސްބުކްއާއި ވަޓްސްއަޕް އަދި އެހެންވެސް ބައެއްކަހަލަ ސޯޝަލްމީޑިޔާގެ އެޕްލިކޭޝަން ތައް މެދުވެރިކޮށް މިދުވަހުގެ ތަހުނިޔާ ކިޔައި މިދުވަސް ފާހަގަ ކުރަމުން އެބަގެންދެއެވެ.
މިއީ ކޮންމެހެން ވަކިދުވަހެއް ކަނޑައަޅައި ފާހަގަކޮށްލުމަށްފަހު ނިންމާލެވޭ ކަމެއް ނޫނެވެ. މަންމައިންގެ ދުވަސް، ބައްޕައިންގެ ދުވަސް ފަދަ ދުވަސްތަކަކީ އެދުވަހުގައި ހާއްސަކޮށް ބަައެއްކަހަލަ ކަންތައްކޮށްލާ ހާއްސަކަމާއެކު އެހެންކަންތައްތަކުން ވަގުތު ހުސްކޮށްގެން ދުވަހުގެ ނަމުން ނަން ލިބިފައިވާ ފަރާތާއެކު ވަކިން ވަގުތުހޭދަކޮށްލާ ކަހަލަ ގޮތަކަށް ކަންތައް ކުރުމަށް ކަނޑައެޅިފައި އޮންނަ ދުވަހެކެވެ. އެހެނީ މަންމައިން ބައްޕައިން ބޭބެއިން ދައްތައިން ދަރިން މިއީ ވަކި ރަސްމިއްޔާތަކާ ގުޅިގެން ހާއްސަވާ ފަރާތްތަކަކަށް ނުވާތީއެވެ. ދުނިޔެއަށް ފެށި ނިމިދާ ކޮންމެ ދުވަހެއްގެކޮންމެ ވަގުތަކުވެސް މިމީހުން ހާއްސައެވެ. ހިތުގައި ޖަހާ ވިންދާއި ނާރުތަކުގައި ހިނގާ ލެއެކޭ އެއްފަދައިން މިއީ އަހަރުމެންގެ ހަށިގަނޑާއި ނަފުސާއި ހަޔާތުގެ ބައިތަކެކެވެ.
ބައްޕައިންގެ ދުވަސް ފާހަގަކުރަމުންދާއިރު ސަމާލުކަންދެވުނީ ވަރަށް އެހެންކަހަލަ ކަމަކަށެވެ. ބައްޕައިންގެ ދުވަހަށް މަރުހަބާ ކިޔައި ސަމާސާކޮށްލި ވަގުތު ކޮފީމޭޒުގައިއިން އެކުވެރިއެއްގެ މޫނުމަތިން އެއްވެސް ކަހަލަ އުފަލެއް ހިނިތުންވުމެއް ނުފެނުނެވެ. އެކަކަށްވެސް އެކަން ފާހަގަކުރެވުނުކަމެއް ނޭނގުނުނަމަވެސް އެވާހަކަ އަހާލީމެވެ.
"އެންމެންގެ ބައްޕައަށް މަރުހަބާ ކިޔައި ދަރިންގެ މަރުހަބާ އަހައި ހަދާތީ ވިސްނާލެވުނީ. އަހަރެން ލޯބިވެއޭ ބުނާނީ ކާކު ކައިރީގައިބާ އޭ ހިތަށް އަރާތީ." ވެގެން އުޅޭ ގޮތް ވިސްނުނީ އެއީ ދަންނަ ގާތް ރަހްމަތްތެރިއަކަށްވާތީއެވެ. އޭނާގެ މޫނުން ފެންނަމުން ދިޔައީ އޮނަތިރީހަކަށް އަހަރުގެ ފިރިހެނެއްގެ މޫނުން ފެނުން ދުރު ޝަކުވާއެއްގެ އަސަރެވެ. ވަރަށް ފުންކޮށް ވިސްނާލުމަށްފަހު އޮތް ހަމައެކަނި ހައްލު ހިއްސާކޮށްލީ ދޭނެ ޖަވާބު ގާތްގަނޑަކަށް އެނގިހުރެއެވެ. "މަންމަ ގާތު ބުނޭ. މިއޮއްހާ ދުވަހުވެސް މަންމައަކީވެސް ބައްޕައަކީވެސް އެއީ އެއްނު."
"ތިކަން ކުރެވިދާނެ. އެކަމަކު މަގޭ ސުވާލަކީ ބައްޕަ ނެތޭ ކިޔައީ ކީއްވެހޭ؟ ބައްޕައެއް ނެތޭ ބުނާއިރު މަންމައަކަށް އެކަނި ދަރިއަކު ލިބޭނީ ކިހިނެއް؟ އީސާއަލައިހިއްސަލާމް ނޫނީ އެފަދަ ދެވަނަ އިންސާނެއް ނެތް. އެންމެންވެސް އަންނަނީ މަޔަކާއި ބަފައެއް އެކުވެގެން. ފެންނަން ނެތުމުން ނެތޭ ބުނެވިގެން ނުވާނެއެއްނު."
ހީކުރިވަރަށްވުރެ ތަފްސީލު ޖުމްލަތަކެކެވެ. އެކުވެރިޔާގެ ސުވާލުގެ ޖަވާބުވެސް އޮތީ އޭނަ އަމިއްލައަށް އެދިން ޒުވާބުގައެވެ. ތެދެކެވެ. އަންހެނަކަށް އެކަނި ދަރިއަކު ނުލިބޭނެއެވެ. ބައްޕައެއްނެތް ކުއްޖެއް، އޭނާގެ ބައްޕައެއް ނުހުރޭ، މިއީ އަދި މުޅިއަކުން ރަނގަޅު ބަހެއް ނޫނެވެ. ޔަގީނުންވެސް ކޮންމެވެސް ތާކު އެބުނާ ބައްޕައެއް ހުންނާނެއެވެ. މަންމައަށް އެނގުނަސް އަދި ހަގީގަތަކީ ކޮބައިކަން އެންމެންގާތު ނުބުންޏަސް، އަަދަބު ލިބިގެން އިނީ އެކަނިނަފުސަށް ކަމުގައި ވިޔަސް ކޮންމެވެސް ތާކު އެބުނާ ބައްޕަ ހުންނާނެއެވެ. މިފަދަ ކުދިންގެ ހިތުގައި މިދުވަހު އަޅާނެ ވޭނާމެދު މިފަދަ ކުދިން ދުނިޔެއަށް އައުމުގައި މެދުވެރިއަކަށްވާ ފަރާތް ވިސްނާނުލަނީ ކީއްވެބާވައެވެ.
ކޮންމެތާކު ކޮންމެ ގޮތަކަށް އުޅެމުން ދިޔަކަމުގައިވިޔަސް އިއްޔެއާއި މިއަދު ފާހަގަކުރަމުންމިދާ "ބައްޕައިންގެ ދުވަސް" "ފާދަރސްޑެއި" މިދުވަހު ތިމާގެ ދަރިފުޅަކު ވާނެއޭ މިވެނިއެވެނިތާކު، މިހެން ހިތަށް އަރައި އެދަރިފުޅު ކޮބައިތޯ ބަލާލަނީ މިފަދަ ކުދިންގެ ކިތައް ބައްޕައިން ބާވައެވެ. އެފަދަ ބައްޕައިންނަށް ބުނެލަމެވެ.
"ކޮންމެ ގޮތަކަށް ދުނިޔެމަތީގައި ކަންތައް ވެފައި އޮތަސް ވަންހަނާކޮށް މަތިޖަހައިގެން އުޅުނަސް ތިހަގީގަތް އެނގޭނެ ބިމަކަށް ހާޒިރުވާން ޖެހޭނެކަން ހަނދާން ނައްތާ ނުލާށެވެ. އެހެން ދުވަސްތަކުގައި ކޮބައިތޯ ނުބެލިކަމުގައި ވިޔަސް، އަހަރަކު އެއްފަހަރު އަންނަ މިދުވަހުގައި އެ ދަރިފުޅު ކޮބައިތޯ ބަލާލުން ކީއްތޯއެވެ!؟ އެދަރިފުޅުވެސް އެހެން ދުވަސްތަކުގައި ވިސްނާވަރަށްވުރެ އަދި ހަނދާންކުރާ ވަރަށްވުރެ ހާސްގުނަ ބޮޑުކޮށް މިދުވަހު ބައްޕަ މަތިން ހަނދާންވާނެއެވެ."
ބައްޕަ ނެތް ކުދިންނެއް ނުތިބޭނެއެވެ. ބަހުގައި އެހެން އޮތަސް އަދި އެހެން ގޮތަކަށް އޮތަސް ޔަގީން ކަމަކީ ބައްޕަ ނެތި އެއްވެސް ކުއްޖަކު ދުނިޔެއަށް ނާންނާނެ ކަމެވެ. މިފަދަ ކުށެއްނެތް މައުސޫމު ކުދިންނަށް މުޖުތަމައުތެރޭގައި ދޭ އިންސާފެއް ނެތް އަދަބުތަކާއި ބަހުގެ ހަމަލަތަކުން އެކުދިން ސަލާމަތްކުރާށެވެ. ކުށްކުރީ އެކުދިންނެއް ނޫނެވެ. ބައްޕަ ހުރެ މެ އެންމެ ކުޑަމިނުން ބައްޕައިންގެ ދުވަހުވެސް ބަައްޕަ ނެތްކަމަށް ގަބޫލު ކުރަން މަޖުބޫރުވުމަށްވުރެ ބޮޑު ވޭނެއް އެކުދިންނަށް ނުދެވޭނެއެވެ. އޭ މިފަދަ ކުދިންގެ ބައްޕައިންނޭވެ! މިދުވަހު އެކަނި ނަމަވެސް ދަރިފުޅަށް އަމިއްލަ ނަން ދީބަލާށެވެ!
ކުއްޖަކު ލިބޭނީ އަންހެނަކާއި ފިރިހެނެއްގެ ދެމެދުންނެވެ. ކުއްޖަކު ލިބުމުގައި ބައިވެރިވާ ފިރިހެން މީހާ ބައްޕަޔަކަށް ވަނީ ޝަރުޢީ ގޮތުން ސައްހަ ކައިވެންޏެއްގެ މަތީގައި ތިބެގެން ކުއްޖަކު ލިބުނީމައެވެ. އެނޫން ގޮރަކުން ކުއްޖަކު ލިބޭނީ ޒިނޭ ކޮށްގެންނެވެ. އެ ހާލަތުގައި އެ ކުއްޖާއަކީ ޒިނޭގެ ކުއްޖެކެވެ. އެފަދަ ކުއްޖެއްގެ ބައްޕައަކު ނުހުންނާނެ އެވެ. އެ ފިރިހެން މީހާޔާއި އެ ކުއްޖާއާއި ދެ މީހުން މުދާ ވާރުތައެއް ނުކުރާނެެެއެވެ. އެ ފިރިހެން މީއާ އަކަށް އެ ފަދަ ކުއްޖެއްގެ ބައްޕަޔަކަށް ވެގެން އުޅުމުގެ ހައްގެއް ވެސް ނޯންނާނެއެވެ. އޭނާޔަށް އޮތް އަދަބަކާއި ޖަޒާއެއް އޮންނާނެ އެވެ. މިއާ ޚިލާފަށް، ބައްޕަގެ ދުވަހު ޒިނޭ ކުރި ފިރިހެނުން ހޯދައިގެން، ބައްޕަ ކިއުއްވައި އެކަން އާއްމު ކުރުމަށް މަސައްކަތް ކޮށް، އެ ކަމަށް ހިއްވަރު ދޭން ލިޔުންތައް ނެރެގެން އުޅޭބަޔަކު އެ އުޅެނީ الله ގެ ޝަރީޢަތަށް ގޮން ޖަހައި، ހުޅަނގުގެ ޝަރީޢަތް މި ތަނުގައި ގާއިމު ކުރާށެވެ. الله އަށް ގޮން ޖެހުމަކީ ބިރުހުރި ކަމެކެވެ.