ރާއްޖޭގެ ރިސޯޓެއްގައި ރޭޕްގެ ޝިކާރައަކަށްވި ކަމަށްބުނާ ޗައިނާގެ ފަތުރުވެރިޔާ ކޮށްފައިވާ އަނިޔާ ތަކާއެކު ފެންނަ ފޮޓޯތަކެއް ހިއްސާކޮށް އޭނާ ރޭޕް ކުރިގޮތް ތަފްސީލުކޮށް ކިޔައިދީފިއެވެ. ޒޫ ޔިޓޮން ނަމަކަށް ކިޔާ މި ފަތުރުވެރިޔާ އޭނާގެ މިހާދިސާއާ ބެހޭ ގޮތުން ފޮޓޯތައް ހިއްސާކޮށްފައިވަނީ ޓުވިޓާގައި 'ޒޫ ޔިޓޮން'، އޭނާގެ އެކައުންޓުގައެވެ އިއްޔެ ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ކަކުލަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. އޭގެ އިތުރުން އޭނާގެ މޭ މަތީގައި ވަކި އަޅާފައިވާކަމުގެ ނިޝާންތަކެއް ވެސް ފެންނަން ހުއްޓެވެ.
މިމައްސަލައާ ގުޅިގެން އިއްޔެ ފުލުހުން ބުނެފައިވަނީ، މި މަހުގެ ހަ ވަނަ ދުވަހު، ފުލުހުންނަށް ރޭޕްކުރި މައްސަލައެއް ހުށަހެޅުނުކަމަށެވެ. އެއީ މާލެ އަތޮޅު ރިސޯޓަކަށް އައިސް ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ރޭޕްކޮށްފައިވާ މައްސަލައެއްކަމަށެވެ. އަދި އެމައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނަގާފައިވާކަމަށާއި މައްސަލައާ ގުޅޭގޮތުން ތަހުގީގަށް ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. އެހެންނަމަވެސް ތަހުގީގު ކުރިއަށްދާކަމަށް ބުނެފައިވާއިރުވެސް އެމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.
އެ ވާހަކަތައް ޓުވިޓާގައި ހިއްސާކުރަމުން ޒޫ ޔިޓޮން ބުނެފައި ވާގޮތުގައި، "ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި" ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައީ މިމަހުގެ ހަވަނަ ދުވަހު ކަމަށެވެ. މިމަހުގެ ދިހަވަނަ ދުވަހު އެނބުރި ޗައިނާއަށް ފުރުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް، އިތުރަށް މަޑުކުރަން ބޭނުންވެގެން މަޑުކޮށްފައިވާ ކަމަށެވެ.
އަދި ބަޓްލަރަކަށް މަސައްކަތްކުރާ އުޝާމް ނަމަކަށް ކިޔާ މީހަކާ ވަކިން ބައްދަލުކުރަން ޖެހުނީ ފޯނަށް މައްސަލައެއް ދިމާވެގެން ކަމަށެވެ.
"އަހަންނާ ހޮޓަލުން ހަވާލުވީ ބަޓްލަރު އުޝާމް. އަހަރެން ކޮޓަރިއަށް ވަދެވުމުން އޭނާ އަހަރެން ހަމަޖެހިލުމަށް އެހީތެރިވެދީ ހޮޓަލުގައި ހުރި ހުރިހާ ވަސީލަތްތަކެއް އަހަންނަށް ކިޔައިދިނެވެ. ހަމަ އެދުވަހު އަހަރެންގެ ފޯނަށް ފެން އެޅިފައިވާތީ އަހަރެންގެ ފޯނު އޮން ނުވި، އާއިލާއަށް ފޯނުން ނުގުޅިގެން އާއިލާއާ ގުޅޭނެ ގޮތެއް ނެތުމުން އެކަން ފްރަންޓް ޑެސްކަށް އެންގުމުން ފޮނުވީ އުޝާމް،" ޓުވިޓާގައި ޒޫ ކިޔައިދީފައިވެއެވެ.
އުޝާމް އޭނާގެ ފޯނަށް ސިމް ލައްވައިގެން އޭނާގެ މަންމައާ ގުޅޭ ގޮތްވި ކަމަށް ޒޫޔިޓޮން ބުނެފައިވެއެވެ. އަދި އެނދުގައި އިށީނދެގެން އިނދެ އުޝާމް ވާހަކަދައްކަމުން ސުވާލުތައް ކުރަމުންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެން އެކަނި ރާއްޖެ އައީ ކީއްވެގެންތޯ ދިރިއުޅެނީ ކޮންތާކުތޯ އަހަމުން ގޮސް ރޭ ކުރީ ކޮން ކަމެއްތޯ ސުވާލުކުރި، ރޭގައި ނިދީ ޕޫލްގެ ބޭރުގައިތޯ ސުވާލުކުރުމުން އެނގިއްޖެ އަހަރެންގެ ހަރަކާތްތަކަށް އޭނާ ބަލަމުން އައިސްފައިވާކަން. ކޮންމެވެސް ގޮތަކުން އެވާހަކަ ބަދަލުކުރަން މަސައްކަތްކުރިން. އިރުކޮޅަކަށް ދިޔަ، އަދި ދެން އައީ މަންމަ ފޮނުވި ވީޗެޓް އަކާ ގުޅިގެން،" ޒޫޔިޓޮން އެކަންތައް ފެށުނު ގޮތާއި އަދި އޭނާއާކު ޖިންސީ ގުޅުން ހިންގަން އުޝާމް ކުރިމަސައްކަތް ކިޔައިދެމުން ބުނެފައިވަނީ އެކަމަށް ދެކޮޅު ހެދުމުންވެސް ޖިންސީ ގުނަވަންތަކުގައި އަތްލަމުންދިޔަ ކަމަށެވެ. އަދި ވަރަށް ތަފްސީލުކޮށް އެކަންކަން ހިނގައިދިޔަ ގޮތް ވެސް އޭނާ ކިޔައިދިނެވެ.
"އެންމެ ފުރަތަމަ އޭނާ އައިސް އަހަންނާއެކު ބަދުއަހުލާގީ އަމަލުހިންގަން އުޅެފައި އަހަރެން އެކަމަށް މަގުފަހި ނުކުރީމަ އަހަންނަކީ އެއްޖިންސުން ގުޅުން ހިންގާ (ހީ އާސްކްޑް އޭމް އައި ގޭ) އޭގެ މީހެއްތޯވެސް އެހި، އަދި އޭނާ އަމިއްލައަށް އެއަމަލު ހިންގުމަށްފަހު އަހަރެންގެ ކޮމްޕިއުޓަރ ސްކްރީން ނަޖިސްކޮށްލީ، އަދި އެނަޖިސް (އޭނާގެ ސީމެން)ފޮހުނީ އަހަރެންގެ ތުވާލިން ކޮމްޕިއުޓަރުގެ ސްކްރީނުގައި ހުރި އެބަޔާއެކު،"
އިނގިރޭސި ބަހުން ލިޔެ ކިޔައިދެމުން ޒޫ ބުނެފައިވަނީ އޭނާގެ މިއަމަލާމެދު އެއްވެސް ފިޔަވަޅެއް ނާޅާއިރު ދެސްޓާފަކު އައިސް ކޮމްޕިއުޓަރާއި އެ ތުވާލިވެސް ގެންދިޔަކަމަށެވެ. ހުރިހާ ހެއްކެއް އެދޭތީގައި ފެންނަން އޮންނާނެ ކަމަށެވެ. އެއީ ފުލުހުންނާ ހަވާލުކުރަން ޖެހޭ އެއްޗެހިތަކެއް ކަމަށް ބުނެފައިވާނެ ކަމަށްވެސް ޒޫ ޔިޓޮން ބުންޏެވެ.
"ރިސޯޓުގެ ދެ މުވައްޒަފުން އައި، އެމީހުން އެއްވެސް ކަމެއް ނުވާކަމަށް މަސައްކަތްކުރި. ފުލުހުން އައިސް ބަޔާން ނެގި، އަހަރެންގެ އަނގައިން ސާމްޕާލްވެސް ފުލުހުން ނެގި. އަދި ހަފުތާއެއް ފަހުންނޭ ނަތީޖާ ލިބޭނީ ބުނި. އަހަންނަށް އެންގުނީ ނަތީޖާ އައުމުގެ ކުރިން ފުރައިގެން ދިޔުމަށް. އުޝާމް ހައްޔަރުކުރާނެ ސަބަބެއް ނެތްކަމަށްވެސް ބުނެފައިވާއިރު އަހަރެން މެޑިކަލް ޓެސްޓެއް ވެސް ހެދިން. އަހަރެންގެ މުޅިގައިގައި އަނިޔާގެ ނިޝާން އެބަހުރި،" އެންމެ ފުރަތަމަ ކަންތައް ކުރި ގޮތުން ފެށިގެން ނިމުމާ ހަމައަށް ވަރަށްވެސް ތަފުސީލުކޮށް ޓުވިޓާގައި ޒޫ ވަނީ ލިޔެފައެވެ.
ޒޫ ޔިޓޮން އިތުރަށް ބުނީ ވީހާވެސް އަވަހަކަށް ރިސޯޓުން ދިއުމަށް ރިސޯޓުން އެދުނު ކަމަށާއި އެ މައްސަލައަކީ ރިސޯޓުގެ މައްސަލައެއް ނޫން ކަމަށް ރިސޯޓުން ބުނެފައިވާ ކަމަށެވެ. އަދި ރިސޯޓުން އެކަމަށް މައާފަށް އެދިފައި ނުވާއިރު، ދިއުމުގެ ކުރިން މުވައްޒަފުންތަކެއް ޓިޕްސްއަކަށް ވެސް އެދުނު ކަމަށް އޭނާ ބުންޏެވެ.
"އަހަންނާ ދިމާއަށް މިއީ އަހަރެން ހިލޭ ހުންނަންވެގެން ކުރި ކަމެކޭ ބުނެ ތުހުމަތުކުރާއިރު އަހަރެން ވާނީ ބަރާބަރަށް ފައިސާ ދައްކާފައި. އަދި އަހަރެންގެ އާއިލާއަޖީ އޮސްޓްރޭލިއާގެ މުއްސަނދި އާއިލާއެއް، އަހަރެން އުޅެމުން އައީ ފެންވަރުރަނގަޅު ލަކްޒަރީ މުއްސަނދި ދިރިއުޅުމެއް،" އިތުރަށް މިހާދިސާއާ ބެހޭގޮތުން އޭނާ ކިޔައިދީފައިވެއެވެ.
"ހަލި" ނޫހުން "ދަރިޓްޒް ކާލްޓަންމޯލްޑިވްސް ފަރި ރިސޯޓް" އަށް މިކަމާ ގުޅިގެން ބަހެއް ހޯދުމަށް ގުޅިނަމަވެސް ޖަވާބުދެވޭނީ މީޑިޔާއަށް ކަމަށް ބުނެފައި އަދި މީޑިޔާގެ ނަންބަރަކަށް އެދުމުން ނަންބަރެއް ދީފައެއް ނުވެއެވެ.
ހަލި ނޫހުން ޒޫޔިޓޮން ގެ ޓުވީޓް އެކައުންޓު ބަލައި ޗެކްކުރުމުން ފާހަގަވިކަމަކީ، އެއީ މިއަހަރު ޖޫންމަހު، މާނައަކީ ކުރިއަށް މިހިނގަމުންދާ މަހު ހުޅުވާފައިވާ އެކައުންޓެއްކަމަށް ވާއިރު އެ އެކައުންޓުން މި ޓުވީޓުތަކާއި ފޮޓޯތައް ނޫން އެހެން އެއްވެސް ޓުވީޓެއްވެސް އަދި ފޮޓޯއެއްވެސް ލާފައި ނުވާކަމެވެ. އަދި ހުދު ޒޫޔިޓޮންގެ އަމިއްލަ ފޮޓޯއެއް ސީދާކޮށް ފެންނަން ނެތްކަންވެސް ފާހަގަ ކުރެވުނެވެ. އެހެންކަމުން މިކަމާ ބެހޭ ގޮތުން މިއީ ކިހާވަރެއްގެ ތެދުވާހަކަތަކެއްކަން ބުނަން ނޭނގުނުނަމަވެސް އަނިޔާވެފައިވާ އަންހެނެއްގެ ފޮޓޯތަކާއެކު އެންމެ ތަސްވީރެއް އޭނާ ހިއްސާކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
މިޓުވީޓުތަކާ ގުޅިގެން އިތުރަށް ފުލުހުންގެ ބަހެއް ހޯދުމަށް އުޅުމުން، ފުލުހުންނާ ގުޅޭ ގޮތެއްވެސް ވަނީ ނުވެފައެވެ.