މިހާތަނަށް އެންމެ ގިނައިން ލިބިފައިވަނީ މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮތް ކަމުގެ ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ. އީސީން ބުނީ މިޝަކުވާތައް ލިބިފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުން ކަމަށެވެ.

އީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޯޓުލެވޭ މީހުންގެ ވަގުތީ ލިސްޓަށް އިއްޔެގެ ނިޔަލަށް 80 ޝަކުވާ ވަނީ ލިބިފަ އެވެ.

އީސީން ބުނެފައި ވަނީ ފަންސާސްނުވަ ޝަކުވާއެއް މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮވެގެން ލިބިފައިވާ ކަމަށެވެ. އަދި އެޑްރެސް ބަދަލުވެގެން ލިބިފައިވާ 14 ޝަކުވާއަކާއި ނަން ބަދަލުވެގެން ދެ ޝަކުވާ އެއް ލިބިފައިވާ ކަމަށްވެސް އީސީން ވަނީ ހާމަކޮށްފައެވެ.

ހަމަމިއާއެކުގައި ލިސްޓުގައި ނަން ނެތިގެން އެއް ޝަކުވާ ހުށަހަޅާފައިވާއިރު ދާއިރާ ބަދަލުވެގެން ތިން ޝަކުވާ އަކާއި އައިޑީ ބަދަލުވެގެން އެއް ޝަކުވާ ވެސް ލިބިފައިވާ ކަމަށްވެއެވެ.

އީސީން އާންމުކޮށްފައިވާ ލިސްޓުގައި ވާގޮތުން ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ އިންތިހާބުގައި 672،000 އެއްހާ މީހުންނަށް ވޯޓުލެވޭނެއެވެ.

ލިސްޓަށް ޝަކުވާ ހުށަހަޅަން އީސީން ހުޅުވާލާފައި ވަނީ މި މަހުގެ އެގާރަވަނަ ދުވަހުއެވެ. ޝަކުވާ ހުށަހަޅަން އެއް މަސްދުވަސް ލިބެއެވެ. އަދި އީސީން ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލާނީ އަންނަ މަހުގެ 16ގައެވެ.