އެކި ފާޑުގެ ރަހަތަކާއި ކެއްކުމުގެ ދާއިރާގެ ހުނަރުވެރިންނާއި މަޖާ ކުޅިވަރުތައް އެއް ތަނަކުން ގެނެސްދޭ އާބަންކޯ މޯލްޑިވްސް ފުޑް ކާނިވަލް މިއަދު ހަވީރު ވަނީ ފަށާފައެވެ. މިއީ އާއިލާއާއި ރައްޓެހިންނާއެކު ހިތްހަމަޖައްސައި އެއްބައިވެލުމަށް ކިހާ ރަނގަޅު ފުރުސަތެއްކަން ޔަގީންކޮށްލެވޭނި ހުޅުމާލޭ ސެންޓްރަލް ޕާކަށް ގޮސް ތަޖުރިބާކޮށްލުމުންކަން ޔަގީނެވެ.

ހާސްވުމެއް ނެތެވެ. މިއަދު ހަވީރު ނުދެވުނަސް ނޫނީ މިރޭ ނުދެވުނަސް އަދި ހަމަ ވަގުތު އޮތީ ކުރިއަށެވެ. މިހަފުތާގެ ބާކީ އޮތް ހުރިހައި ދުވަހެއްގެ ހަވީރު 5 އިން ރޭގަނޑު 11:55 މާނައަކީ ބާރަޖަހަން ހަމަ އެންމެ ފަސްމިނެޓަށް ވަންދެން މިކާނިވާ ހުންނާނީ ހުޅުވާފައެވެ. ބަންދު ދުވަހެއް ނުލިބިދާނެތީ ކަންބޮޑުވުމެއްވެސް ނެތެވެ. ސަބަބަކީ ހުކުރުދުވަހާއި ހޮނިހިރު ދުވަސް ވެސް ކާނިވާ ހުންނާނެތީއެވެ. އެހެންނަމަވެސް ހޮނިހިރު ދުވަހަކީ އެންމެ ފަހުދުވަސް އިނގޭތޯއެވެ.

މިއީ ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މެގަޒިން އިން ދިރާގާ ގުޅިގެން ބާއްވާ ފުޑް ކާނިވަލެކެވެ. މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިކާނިވާ ހުޅުވުމާއެކު އެކި ބައިބަޔަށް ދާމީހުންނާއި ކުދިންތަކުން ސްޓޯލްތައް ދަނީ ފުރެމުންނެވެ. އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލައި ހިތްހަމަޖައްސައިލުމަށް މީރުކާތަކެތީގެ އެކިކަހަލަ ރަހަތަކާއެކު ކުޅިވަރުގެ ފޯރިވެސް ހަމަ އެއްތަނަކުން ތަޖުރިބާކޮށްލެވޭނެއެވެ. މަޖާ ހަރަކާތްތަކާއެކު ފިނިހޫނު އެކިރަހަތަކުގެ އެކިކަހަލަ މީރު ބުއިންތަކާއެކު ތާޒާ ވައިގެ ތެރޭގައި ހިތްހަމަޖެހިލުމަށް ހަމައެންމެ ރަނގަޅު ތަނަކީ މިއީކަން ގައިމެވެ.

އަޅުގަނޑާއެކު ނިކަން ތަނުގެ އެތެރޭގެ ބައިތައް ބަލާލަން ހިންގަވާށެވެ. ފަހުން ވަގުތުހޯއްދަވައިގެން ތަޖުރިބާކޮށްލަން ވަޑައިގެންނެވުމަށް މައުލޫމާތުކޮޅެއް ދެވޭތޯ ބަލާލާނަން އިނގޭތޯއެވެ.

  • ފުޑް އެކްސްޕޯ

ކަސްޓަމަރުންނާއި ވިޔަފާރިވެރިން އެއްތަން ކުރަން ހާއްސަކޮށްފައިވާ ބައެއް

  • ޓޭސްޓް ދަ ވޯލްޑް

އެއް ތަނަކުން، ދުނިޔޭގެ އެކި ގައުމުތަކުގެ އެކިފާޑުގެ ރަހަތައް ބަލައިލުމަށް މިބައި ހާއްސަ

  • ކޮފީ އެންޑް ޓީ ފެސްޓިވަލް

ސަޔާއި ކޮފީއަށް ހާއްސަ މިސްޓޯލުން އެކި ބާވަތްތަކުގެ ސަޔާއި ކޮފީގެ ރަހަ ލިބެން ހުންނާނެ

  • އާޓިސަން މާކެޓް

މިއީ ހޯމް ބޭކާސް، އަދި އެހެންވެސް ބައެއް ކުދި ވިޔަފާރިތަކަށް ހާއްސަ ބާޒާރެއް

  • ފުޑް ސްޓްރޭޓް

އެކިކަހަލަ އެކިވަރުގެ ހޯމްޝެފްސް އާއި ކެފޭ ރެސްޓޯރަންޓުތަކުގެ ފެންވަރު ދެކިލުމަށް މިބައި ވަނީ ހާއްސަކުރެވިފައި

މިވަރަކުން އަދި ނުނިމޭ އިނގޭތޯއެވެ. ފުޅާ ދާއިރާއެއްގައި އަޅުގަނޑުމެންނަށް، ދިވެހިރާއްޖެއަށް ކާބޯތަކެތި އެތެރެކޮށް ވިއްކާ ކުންފުނިތައްވެސް އެކުންފުނިތަކުގެ އެކި ބްރޭންޑްތައް މިކާނިވަލަށް އެއްތަންކޮށްފައިވާއިރު އެކަން ތަޖުރިބާ ނުކޮށް ކަމުދާނެތޯއެވެ. އެއްތަނަކުން ވަގުތު ސަލާމަތްކުރެވޭނެ ރަނުގެ ފުރުސަތެއް އާބަންކޯއިން މިއޮތީ ހުޅުވާލާފައިކަން ޔަގީނެވެ.

އެސްޓީއޯގެ ދެ ޓެންޓެއް ހުރިއިރު ބީއެެޗްއެމްގެ އުފެއްދުންތަކަށް ހާއްސަ ޓެންޓެއް އަދި ސިމްޑީ ޓެންޓުގައި ސިމްޑީން ވިއްކާ އުފެއްދުންތައް ތަޖުރިބާކޮށްލަން ހާއްސަކޮށްފައިވާ "އެކްސްޕީރިއަންސްޒޯން" އެއްވެސް ކާނިވަލުގައި އެބަހުއްޓެވެ

އިވެންޓް މޯލްޑިވްސް އާއި އެސްޓީއޯ އަދި ސިިމްޑީގެ އިތުރުން ބީއެޗްއެމް އަކީ މިއީ މިކާނިވާގެ އެންމެ ހާއްސަ ޕްރީމިއަމް ސްޕޮންސަރުންކަންވެސް ފާހަގަކޮށްލަމެވެ.

ޒަމާންވީ ކާނިވާތަކާއި ފެސްޓިވަލުތައް ހާއްސަކޮށްދީފައިވާ އެންމެ ވަރުގަދަ ބައިވެރިޔާ އެއްކަލަ ބިރުވެރި ހޮހަޅަ ވެސް އެބަހުއްޓެވެ. މިފަހަރު ހާއްސަކޮށްފައި މިވަނީ އަޅުގަނޑުމެން ދިވެހިންގެ ސަގާފަތާ ގުޅުވައިގެން ރާއްޖޭގެ ފުލޯކު ވާހަކަތައް ހިމަނައިގެންނެވެ.

ލައިވް މިޔުޒިކް ފަންއެރީނާ ވެސް އެބަހުރިކަން ޔަގީނެވެ. ކުދިބޮޑު އެންމެނަށް ބައިވެރިވެ މިޔުޒިކާއެކު ކުޅިވަރު ކުޅެލުމަށް ހާއްސަކޮށްފައިވާ މިތަންވެސް އެހާމެ ފުރިހަމައެވެ. އާބަންކޯގެ މި ކާނިވާ މިއޮތީ ކެއިންބުއިމާއެކު މަޖާ ކުޅިވަރުތަކާއި ތަފާތު އެކިކަހަލަ ހަރަކާތްތަކަށްވެސް ހުޅުވާލެވިފައެވެ. ވަންނާކަށް އަގެއް ނެތެވެ. އަވަހަށް ވަގުތުކޮޅެއް ހުސްކޮށްލައިގެން އާއިލާއާއި އެކުވެރި ރައްޓެހި ރަހުމަތްތެރިންނާއެކު ކެއިންބުއިމާއެކު އެއްބައިވެލާ ހިތްހަމަޖައްސައިލުމަށް އާބަންކޯގެ ފުޑްފެއާ، ހުޅުމާލެ ސެންޓްރަލްޕާކަށް ދަމާތޯއެވެ.