ސައިންޓިފިކް ދިރާސާތައް ކުރުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ބޭނުންވާ ޚާއްސަ އުޅަންދު "ތިމާވެށި" ރާއްޖެއަށް ގެނެސްފިއެވެ.

މި އުޅަނދު ރާއްޖެ ގެނެސް މިހާރުވަނީ ބައެއް މަރާމާތުކުރުމަށްޓަކައި ތިލަފުށްޓަށް ގެންގޮސްފައެވެ. ބޯޓު ތިލަފުށްޓަށް އެހެލައި މަރާމާތުކޮށް ބާލަން ދިހަވަރަކަށް ދުވަސް ހޭދަވާނޭ ކަމަށް އީޕީއޭއިން މަޢުލޫމާތު ދެއްވިއެވެ.

މިއީ ވޯލްޑު ބޭންކުގެ ލޯނުއެހީއެއްގެ ދަށުން ގަނެފައިވާ ބޯޓެކެވެ. ބޯޓު ބަނދެފައިވަނީ އިންޑިއާގެ ގޯވާ ގައެވެ. މިއީ 110 ފޫޓު ދިގު 25 ފޫޓު ފުޅާ އުޅަނދެކެވެ.

މި އުޅަނދުގައި ފަސް ފަޅުވެރީންނާއި ފަންސަވީހަކަށް ދިރާސާ ވެރީންނަށް އުޅެވޭނެއެވެ. މި އުޅަނދު ބޭނުންކޮށްގެން ކަނޑުފަޅާ ބެހޭ ސައިންޓިފިކް ދިރާސާތައް ކުރެވޭނެއެވެ. އޭގެތެރޭގައި ފަރުތައް މޯނިޓަރ ކުރުމާއި އެސެސް ކުރުމާއި، ރަށްރަށުގެ ވޭސްޓު މެނޭޖުމެންޓުގެ ކަންކަން ބެލުން ފަދަކަންކަން ހިމެނެއެވެ. ރަސްފަރީ ފަރުގައި މުރަކަ އިންދުމަކީ މި އުޅަނދުގެ އެންމެ ފުރަތަމަ މަސައްކަތަށްވުން އެކަށީގެންވެއެވެ.

މިއީ އީޕީއޭ ބާރުވެރި ކުރުވައި މިނިވަންކަމާއެކު ހިނގާ މުއައްސަސާއަކަށް ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.