ސްޓެލްކޯގެ އަހަރީ ދުވަހަކީ އެކުންފުނީގެ އެންމެހާ މުވައްޒަފުން ވަރަށް އިންތިޒާރުކުރާ ދުވަހެކެވެ. އެންމެން އެއްތަނަކަށް ބައްދަލުވާތީއެވެ. ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު ލިބޭތީއެވެ.
މިފަދަ ހަފްލާއެއް އެންމެ ފަހުން ބޭއްވި ކުންފުނީގެ 26 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ހޯމަ ދުވަހުގެ ރޭގައެވެ. އެ ހަފްލާގައި ވަނީ ވޭތުވެދިޔަ އަހަރު އެ ކުންފުނީގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފައެވެ. މިއީ މުވައްޒަފުން އެމީހުން ކުރާ މަސައްކަތަށާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިންތިހާއަށް ބޮޑުވާ ކަމެކެވެ. އެމީހުންގެ އަގުވަޒަންކުރާ ކަމުގެ އިހްސާސް ކުރެވުމުން މަސައްކަތަށް އިތުރަށް ޝައުގުވެރިވެ މަސައްކަތުގައި ފަރުވާތެރިކަމާއެކު ދެމިހުރުމަށް ހިތްވަރު ލިބެއެވެ.
"މި އެވޯޑުގެ ސަބުން މުވައްޒަފުން ވަރަށްބޮޑަށް މޯޓިވޭޓުވޭ. އެއީ އުފާވާ ކަމެއް. މިފަހަރުވެސް އެވޯޑު ހޯދާފައިވަނީ ވަރަށް މަސައްކަތްތެރި ވަރަށް ހީވާގި ކަމާއެކު އެތައް އަހަރެއް ވަންދެން ކުންފުންޏަށް ޚިދުމަތް ކޮށްދެވިއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅުން. އެހުރިހާ ބޭފުޅުންގެ މަސައްކަތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" ސްޓެލްކޯގެ އިސްބޭފުޅަކު ވިދާޅުވިއެވެ.
މި ހަފްލާގައި ވާނީ ޖުމްލަ 131 ފަރާތަކަށް އެވޯޑު ދީފައެވެ. އޭގެ ތެރޭގައި އެމްޑީސް އެވޯޑާއި ސްޕެޝަލް އެވޯޑާއި ޑިޕާޓުމެންޓް މެރިޓް އެވޯޑާއި އިންޖީންގެތަކުން ފާހަގަކޮށްލެވޭ އެންމެ ރަނގަޅު މުވައްޒަފުންގެ އެވޯޑު ވެސް ހިމެނެއެވެ.
"އައުޓްސްޓޭންޑިންގ ސާރވިސް ލެގަސީ އެވޯޑް" ހާސިލް ކުރެއްވީ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލަތީފެވެ. އޭނާ ވަނީ ސްޓެލްކޯއަށާއި، ކަރަންޓުގެ ސިނާއަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. "އައުޓްސްޓޭންޑިންގ ސާރވިސް ލެގަސީ އެވޯޑް" އަކީ އޭނާގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދީފައިވާ އެވޯޑެކެވެ.
އެކުންފުނީގެ ކޮންމެ މުވައްޒަފަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފަސްޖެހޭ މުވައްޒަފެއްނޫނެވެ. ސްޓެލްކޯގެ އަލިކަން ފަނޑުނުވެ އިތުރަށް އަލިވަމުންދަނީ އެތައް ބައެއްގެ މަސައްކަތުންނެވެ. އެގޮތުން މިފަހަރު "އެމްޑީސް އެވޯޑް ފޯ އެކްސެލެންސް" ހާސިލް ކުރެއްވި ޖެނެރަލް މެނޭޖަރ އަބުދުﷲ ނާޒިރު އަދި ޖެނެރަލް މެނޭޖަރ އަހުމަދު ސައިފް ފާހަގަކޮށްލަންޖެހެއެވެ. މި ދެބޭފުޅުންނަކީ ވެސް ސްޓެލްކޯގެ އެންމެ ކުރީސަފުގައި މަސައްކަތް ކުރައްވާ ޚިދުމަތްތެރީންނެވެ.
މިދިޔައަހަރު މެނޭޖަރ އޮފް ދަ އިޔަރ އަށް ތިން ބޭފުޅަކު ހޮވުނެވެ. އެއީ އަބުދުﷲ ޝިމާޒް، އިސްމާއިލް ނިޝާރު އަދި އާމިނަތު ނީލާ މުހައްމަދެވެ. މިއީ އެކުންފުނީގެ ޚިދުމަތްތެރީންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅުންނެވެ.
ދެހާސް ބާވީސްވަނަ އަހަރު އެކުންފުނީގެ ސްޓޭޝަން މެނޭޖަރ އޮފް ދަ އިއަރ އަށް ހޮވުނީ، ކ. ގުޅީ އިންޖީނުގޭ އަހުމަދު ޔާސިރެވެ. އޭނާގެ ޚިދުމަތްތަކާއި ކާމިޔާބީ ފާހަގަކޮށް ކުންފުނީގެ ބޯޑް މެމްބަރުންނާއި، އިސްވެރިން އަދި އެންމެހާ މުވައްޒަފުން މަރުހަބާ ދަންނަވައެވެ.
މިފަދަ ހަފްލާއެއްގައި އެންމެ ފަޚުރުވެރި އެވޯޑެއް ކަމަށް އެންމެން ބަލައިގެންފައިވަނީ "އެމްޕްލޯއީ އޮފް ދަ އިޔަރ" އެވެ. ފާއިތުވި އަހަރު ފަޚުވެރި އެމަގާމަށް ދެ ބޭފުޅަކު ހޮވުނެވެ. އެއީ އިބްރާހީމް ޝަޖީއު އަބުދުލް ޝަހީދާއި، އައިޝަތު ފަޒްލާއެވެ.
މިފަދަ ބޮޑު ކުންފުޏެއްގެ އަހަރީ ޖަލްސާ ނުވަތަ ސްޓާފް ނައިޓަކީ މުޅި އަހަރުތެރޭގައި މުވައްޒަފުންނަށް އަންނާނޭ އެންމެ އުފާވެރި ރެއެވެ. އެ އުފާވެރީ ރޭގައި އެވޯޑުތަކާއި އެހެނިހެން އިނާމުތައް ހޯދި އެންމެހާ މުވައްޒަފުންނަށް ތަހުނިޔާ ދަންނަވަމެވެ.