އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދުު ނަޝީދު އެމްޑީޕީން ވަކިވެ ވަޑައިގެންފިއެވެ. އެޕާޓީން ވަކިވެ ވަޑައިގެންނެވިކަން އަންގަވައި އެމަނިކުފާނު ވަނީ ޕާޓީގެ ޗެއާޕާސަން އަލްއުސްތާޛު ފައްޔާޟު އިސްމާޢީލަށް މިއަދު ސިޓީއެއް ފޮނުއްވައިފައެވެ.

"ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާގޮތަށް ބަލައި އަޅުގަނޑު ތިޔަޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ނުދެކޭ ކަމުން އަޅުގަނޑު ތިޔަޕާޓީން ވަކިވި ވާހަކަ ދެންނެވީމެވެ." މިއަދުގެ ތާރީޚު ޖައްސަވައި ރައީސް ނަޝީދު ލިޔުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

މި ސިޓީއާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟު އިސްމާޢީލް ވިދާޅުވެފައިވަނީ އެމްޑީޕީއާއި އެމަނިކުފާނު ވެސް ރައީސް ނަޝީދަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރައީސް ނަޝީދު އެމްޑީޕީގެ ލީޑަރޝިޕްގައި ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވައި ޗެއާޕާސަން ވަނީ ރައީސް ނަޝީދަށް ޝުކުރު ދަންނަވައިފައެވެ.

އެޑީޕީން ވަކިވެ ވަޑައިގެންނެވުމަށްފަހު ރައީސް ނަޝީދު ދެންގުޅިވަޑައިގަަންނަވަނީ މިހާރު ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި އޮތް ދަ ޑިމޮކްރެޓްސް އާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޖުލައި ތިނެއްގެ ކުރީން ރައީސް ނަަޝީދު އެޕާޓީއާ ގުޅިވަޑައިގަންނަވާނޭ ކަަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.