ކޮމަންވެލްތު ގައުމު ތަކުގެ ތެރެއިން އިގުތިސާދު އެންމެ ބާރަށް ކުރިއަރާނެ ގައުމުތަކުގެ ތެރޭގަައި ރާއްޖެ ހިމެނިއްޖެއެވެ.

ސެންޓާ ފޯ ކޮމަންވެލްތުން އެފެއާޒުން އިއްޔެ ވަނީ އެ ޖަމިއްޔާގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް އިގްތިސާދު ކުރިއަރާ ގައުމުތަކުގެ ލިސްޓް ހާމަކޮށްފައެވެ. މި ލިސްޓުގެ ދެވަނައިގައި ރާއްޖެ ވަނީ ހިމެނިފައެވެ.

ކޮމަންވެލްތް އެންމެ ބާރަށް ކުރިއަރާ ގައުމުތަކުގެ ތެރޭގައި ގުޔާނާ، ރާއްޖެ، ފިޖީ، ރުވަންޑާ، އިންޑިއާ އަދި ޔުގަންޑާ ހިމެނެއެވެ.

ވޯލްޑު ބޭންކުން މޭމަހުގެ އަށްވަނަ ދުވަހު ނެރުނު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) ރިޕޯޓުގައި ވެސް ބުނެފައިވަނީ ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން މި އަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖޭގެ އިގުތިސާދު ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައިވެސް ރާއްޖެއިން އިގުތިސާދީ ވަރުގަދަ ނަންބަރުތަކެއް ދަމަހައްޓާނެ ކަމަށެވެ.

މީގެއިތުރުން ބުނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދިއުމުގެ ސަބަބުން އެހެނިހެން ސިނާއަތަކަށްވެސް އޭގެ ހެޔޮ އަސަރު ކުރަމުން އަންނަ ކަމަށެވެ. އަދި ފަތުރުވެރިކަން ކޮވިޑު ގެ ކުރިން އޮތް ހާލަތައް ރުޖޫއަވާނެކަމަށެވެ.