ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުން މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު، ބަލަހައްޓަވަން ފައްޓަވައިފި އެވެ.

ނަޝީދު ގެންދެވީ މީގެ ކުރިން، އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވާތީ ރިޔާސަތު ބެލެހެއްޓެވުމަށް ދެކޮޅު ހައްދަވަމުންނެވެ. ކަންމިހެންވުމުން، މަޖިލީހުގެ ޖަލްސާތައް އޮތީ ކުރިއަށް ނުގެންދެވިފައެވެ. ނަމަވެސް މިއަދުގެ ޖަލްސާ ފެށީ ނަޝީދުގެ ރިޔާސަތުގައެވެ.

ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތު އަލުން ބަލަހައްޓަވަން ފެއްޓެވީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތީ މަޖިލީސް ކުރިއަށް ގެންދިޔުމަށް ކަމަށް ވާތީ ކަމަށެވެ. އަދި މަޖިލީސް ހުއްޓިފައި އޮތުމުން ރައްޔިތުން ކަންބޮޑުވާ ކަންވެސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި މަޖިލީސް ކުރިއަށް ގެންދެވޭނޭ ގޮތެއް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެކު މަޖިލީހުގެ އިދާރާއިން ކުރެއްވި މަޝްވަރާތަކުން ވެސް ހައްލެއް ނުލިބުނު ކަމަށްވެސް ނަޝީދޔ ވަނީ ވިދާޅުވެފައެވެ.

އެހެންކަމަށް ވުމުން، ރައްޔިތުންގެ މަސްލަހަތުގައި އަލުން މަޖިލީހުގެ ޖަލްސާތައް ފެށޭނޭ މަގެއް ހޯއްދެވުމަށް މަސައްކަތްކުރައްވާކަމަށެވެ.

އަޅުގަނޑު މިއަދު ހިތާމަކުރަން ދައުލަތުގެ އެހެން ބާރުތަކުން ހާއްސަގޮތެއްގައި މިތަނުގެ މެޖޯރިޓީ ޕާޓީއިން މި މައްސަލަ ހައްލުކޮށް ދިނުމުގައި އެއްގޮތަކަށް ވެސް އެހީތެރިވެ ވަޑައިގެންފައި ނުވާ ކަމަށް. އެހެން ނަމަވެސް އަޅުގަނޑު ދުށީ މިއީ އަޅުގަނޑުގެ ވާޖިބެއް ކަމަށް. އެހެންވެ، މިއަދު އަޅުގަނޑު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ގަސްތުކޮށް އެ ރިޔާސަތު މި ބަލަހައްޓަނީ،" ރިޔާސަތު ބަލަހައްޓަވަން ފެއްޓެވި ސަބަބު ހާމަކުރައްވައި ނަޝީދު ވިދާޅުވިއެވެ.

މަޖިލީސް ހުއްޓެން ޖެހުނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ އެމްޑީޕީއިން ހުށަހެޅުމުން މަޖިލިސް ހުއްޓާލައްވަން ޖެހުނީކަމަށް މިއަދުވެސް ނަޝީދު ވަނީ ވިދާޅުވެފަވެ. އަދި އެދެ މައްސަލަ އެއްފަހަރާ ހުށަނާޅައި އެއް މައްސަލަ ނިމުމުން އަނެއް މައްސަލަ ހުށަހެޅޭނޭކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް، އެކަމުގައި އިދިކޮޅު ޕާޓީއިން ދޫނުދެއްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޖަލްސާގެ އެޖެންޑާގައި މިއަދުު އޮތީ މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް މެންބަރުން ބެހިފައިވާ ގޮތަށް އައިސްފައިވާ ބަދަލާ އކު އަލުން ކޮމިޓީތައް އެކުލަވާލުމާ ގުޅޭ މައްސަލަ ކުރިއަށް ގެންދިޔުމެވެ.