އެނބޫދޫ ކައިރިއަށް ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ އަތުގައި މިޔަރެއް ދަތްއަޅައި ޒަހަމް ކޮށްލައިފި އެވެ.

މިޔަރު ހަމަލަދީ ޒަހަމްކޮށްލާފައި ވަނީ ކާފު މާފުށްޓަށް ޗުއްޓީ ހޭދަކުރަން ގޮސްހުރި ފަތުރުވެރިއެއްކަމަށްވެއެވެ.

އެއަށްފަހު އެފަތުރުވެރިޔާ އައިޖީއެމްއެޗަށް ގެންދެވުނުކަމަށާއި ފަރުވާދެމުންދާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ސޯޝަލްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއެއްގައި، ފަތުރުވެރިޔާއަށް މިޔަރު ހަމަލަދިނުމުން ޒަހަމްވެފައިވާ ހާލުގައި ހޮސްޕިޓަލަށް ގެންދަން މަސައްކަތްކުރާ މަންޒަރު ފެނެއެވެ.

އެ ވީޑިއޯއިން ފަތުރުވެރިއާގެ ކަނާތުގެ އުޅަބޮށި ވަރަށް ބޮޑަށް ޒަހަމްވެފައިވާ މަންޒަރު ފެނެއެވެ. ޕިކަޕަކުން ނަގައި، ފަތުރުވެރިޔާ ސްޓްރެޗާއަށް އެރުވުމުގެ މަސައްކަތް ކުރިއިރުވެސް އުޅަބޮށިން ލޭމަނާނުވެ ފައިބާތަންފެނެއެވެ.