ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގުގައި އޮންނަ މަދީނާގައި ތިބި ދިވެހި ދަރިވަރުންނާ ނައިބުރައީސް ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި، މި ބައްދަލުކުރެއްވުމުގެ މައިގަނޑު ބޭނުމަކީ މަދީނާގައި ތިބި ދިވެހި ދަރިވަރުންގެ ކަންބޮޑުވުންތަކާއި ކިޔެވުމާ ގުޅުންހުރި ކަންކަން އޮޅުންފިލުވުމާއި އެކަންކަމާމެދު މަޝްވަރާކުރުމެވެ.

އެމަނިކުފާނު ސަޢޫދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އަމީރުލްޙައްޖުގެ ގޮތުގައި ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އަދި ރައީސް ޞާލިޙް ވަނީ މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ޙައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ނައިބު ރައީސް ފައިޞަލް ކަނޑައަޅުއްވާފައެވެ.

ދިވެހި ޙައްޖާޖީންގެ އެންމެހާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމައަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދާ ހުރިހާ ދިވެހިންވެސް މިހާރު މައްކާގައި ތިބިއިރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވާ އަންގާރަދުވަހެވެ.