ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށްފަހު، ވެރިކަން ލިބިވަޑައިގެންފިނަމަ، ހުޅުމާލޭގައި ހުރި ހުރިހާ ފްލެޓެއްގެ ކުލި މާފްކޮށްދޭނެކަމުގައި، ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިރޭ ކުރިޔަށްދާ، ޖުމުހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީއައިތާ 15 އަހަރު ވެއްޖެ ކަމަށާއި، އެހެންނަމަވެސް ސަލާމްޖެހުން ނައްތާލެވިފައި ނުވާކަމުގައެވެ. އަދި ރައްޔިތުންގެ ހާލަތުވެސް ބަދަލު ނުވާކަމަށާއި، އެހެންކަމުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ޖެހޭނީ ވަރަށް ބޮޑަށް ވިސްނާފައިކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ޤާސިމް ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާކަމުގެ މަގާމަށް މީހަކު އިސްކުރުމަކީ އާދައިގެ ކަމެއް ނޫންކަމަށާއި، އެމަގާމަށް މީހަކު އިސްކުރުމަށް ރައްޔިތުން ވާހަކަ ދައްކަވަން ޖެހޭނީ ވަރަށްވެސް ބޮޑަށް ވިސްނާފައި ކަމުގައެވެ.

އަދި ހުޅުމާލޭގައި ހުރި ހުރިހާ ފްލެޓްތަކުގެ ކުލި ކުޑަކުރަންޖެހޭނީ ބޭއިންސާފުން ހުޅުމާލެއިން ހިލޭ އާންމު ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ނިންމާފައިވާތީ ކަމުގައިކަމަށާއި މިގޮތުން ރައްޔިތުންގެ ތެރެއިން އެއް ބަޔަކަށް ގޯތި ހިލޭ ދީފަ، އަނެއްބަޔަކު ދިރިއުޅުމަށް ފައިސާ ޚަރަދު ކުރަން ޖެހުމަކީ އިންސާފެއް ނޫން ކަމުގައެވެ